Roadha Mihaaru
ޕީޕީއެމްގެ މައްސަލަ މައުމޫން އިލެކްޝަންސަށް ހުށަހަޅައިފި

ރައީސް ޔާމީން ޕާޓީ ހިންގެވުމަކީ މެމްބަރުންގެ އިންތިހާބީ ހައްގު ގެއްލޭ ކަމެއް: މައުމޫން

26 އޮކްޓޯބަރ 2016

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއާ ހެދި ޕާޓީ ތެރޭގައި މައްސަލަ އުފެދިފައި ވަނިކޮށް، ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ އެ ޕާޓީ ހިންގެވުމަކީ އާއްމު މެމްބަރުންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމެއް ކަމަށް ވިދާޅުވެ މައްސަލަ ހައްލުކޮށްދޭން ޕާޓީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއާ ހެދި ޕާޓީ ތެރޭގައި މައްސަލަ އުފެދިފައި ވަނިކޮށް، ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ އެ ޕާޓީ ހިންގެވުމަކީ އާއްމު މެމްބަރުންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމެއް ކަމަށް ވިދާޅުވެ މައްސަލަ ހައްލުކޮށްދޭން ޕާޓީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަނަށް މައުމޫން ފޮނުއްވި ތިން ސޮފްހާގެ ސިޓީގައި، ޕާޓީ ތެރޭގައި މައްސަލަ އުފެދެން މެދުވެރިވި ސަބަބާއި އޭގެ ސަބަބުން މަސްލަހަތުތަކެއް ފުށުއަރާ ކަމަށް ވިދާޅުވި އެވެ. ޕާޓީގެ ތެރޭގައި އުފެދިގެން އުޅޭ މައްސަލަ އަކީ އާއްމު މެމްބަރުންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަ އަކަށް ވާތީ، މައުމޫން އެދިވަޑައިގެންފައި ވަނީ ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ހައްލެއް ހޯއްދަވައިދެއްވުމަށެވެ.

މައުމޫން ވިދާޅުވީ ރިޔާސީ ޓިކެޓް ދޭނެ ގޮތާއި ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅަން ޕްރައިމަރީއެއް ބޭއްވުމާ މެދު ހިޔާލުތަފާތުވުންތައް އުފެދިފައި އޮތް ކަމީ ވަންހަނާވެފައި އޮތް ކަމެއް ނޫން ކަމަށެވެ.

"ކައުންސިލް މެމްބަރުންގެ މެދުގައި ހިލާފު އުފެދެން މެދުވެރިވި އަސްލު ސަބަބަކީ ޕްރައިމަރީ އިންތިހާބެއް ނުބާއްވައި ޕާޓީގެ މުސްތަޝާރަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ޕާޓީގެ ކައުންސިލުގެ ބައެއް މެމްބަރުން ވަކާލާތު ކުރައްވަން ފެށުމުން ކަމަށް ވެފައި ޕާޓީގެ ޕްރައިމަރީ އިންތިހާބެއް ނުބާއްވައި ޕާޓީގެ ރިޔާސީ ޓިކެޓް މުސްތަޝާރަށް ދިނުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ގޮތަކަށް ވާނެ ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ކަމެވެ،" ސިޓީގައި މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމް ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ބައެއް މެމްބަރުން ބޭނުންވީ ރިޔާސީ ޕްރައިމަރީއަކާ ނުލައި 2018 ގެ ޓިކެޓް ރައީސް ޔާމީނަށް ދެއްވުމަށެވެ. ކައުންސިލުން އެ ގޮތަށް ނިންމުމަށް، ޕެޓިޝަނެއް ހަދައި މެމްބަރުންގެ ސޮއި ވެސް ހޯދި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ޕާޓީ ތެރޭގައި އެގޮތަށް ކަން ހިނގާފައި އޮއްވައި މުސްތަޝާރާ ޕާޓީ ހިންގެވުން ހަވާލު ކުރުމަކީ މުސްތަޝާރުގެ މަސްލަހަތު ފުށުއަރާނެ ފަދަ ނިންމުންތަކެއް ނިންމަވަން ޖެހޭނެ ފަދަ ހާލަތްތަކެއް މެދުވެރިވާނެ ކަމަކަށް ވާނެ އެވެ. އަދި އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވުމަށް ވެސް މަގު ފަހިވެގެންދާނެ ކަމެއް ކަމަށް ސިޓީގައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމާ އެކު ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވަނީ ޕާޓީގެ މުސްތަޝާރު ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތައް އެހެން ބޭފުޅަކާ ހަވާލު ކުރެވޭނީ ކޮން ހާލަތްތަކެއްގައި ކަން އަސާސީ ގަވާއިދުގައި ސާފުކޮށް ބުނެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީނާ ޕާޓީ ހަވާލުކުރިއިރު އެ މަނިކުފާނަކީ ރަމްޒީ މަގާމެއްގައި ހުރި ބޭފުޅެއް ކަމަށް ވެސް ސިޓީގައިވެ އެވެ.

"...އެހެންކަމުން [ސިވިލް ކޯޓުގެ ނިންމުގެ ސަބަބުން]، ޕާޓީގެ މެމްބަރުން އިންތިހާބުކޮށްފައިވާ ޕާޓީގެ ރައީސް މިހާރު މިވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް، އަދި ޕާޓީގެ މެމްބަރުންގެ ރުހުމެއް ނެތި ވަކިކުރެވިފަ އެވެ،" މައުމޫން ވިދާޅުވި އެވެ.

"ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ޕާޓީގެ ކައުންސިލުގެ ޖަލްސާއެއް މުސްތަޝާރު ބޭއްވެވި ނަމަވެސް އެ ޖަލްސާ އިން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ނިންމެވުމެއް ނިންމަވަން ސިވިލް ކޯޓުގެ ހުކުމުން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާ ކަން ފާހަގަ ކުރަމެވެ."

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީތަކުގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކޮށްގެން ނުވާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނުނުގައި ބުނެފައި އޮވެ އެވެ. ގާނޫނާއި ގަވާއިދުތަކުގައި އަމަލުކުރަންވީ ގޮތް ކަނޑައަޅާފައި އޮއްވައި އެއާ ހިލާފަށް އަމަލުކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ވެސް ސިޓީގައިވެ އެވެ.