Roadha Mihaaru
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އަދަދު މައްޗަށް

ބަލި ޖެހިފައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު އިތުރުވެއްޖެ

10 ޖޫން 2020

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެ ބަލީގައި ތިބި މީހުންނަށް ވުރެން ރަނގަޅުވި އަދަދު ފުރަތަމަ ފަހަރަށް އިތުރުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1010 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލީގައި މިހާރު ތިބި އަދަދަކީ 922 ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 26 މީހުންނެވެ. އެކަމަކު ބަލިން 85 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިދިޔަ އެޕްރީލް 15 ގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަން އެނގުނު ހިސާބުން ކޮވިޑް-19 ޖެހުނު މީހުުންގެ އަދަދަކީ 1942 އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ.

އެކްޓިވް ކޭސްތަކަށް ވުރެ ރަނގަޅުވި މީހުންގެ އަދަދު އިތުރު މިވީ ކޮވިޑް ޖެހުމަށް ފަހު މީހަކު ރަނގަޅުވި ކަމަށް ރާއްޖޭގައި ބަލާ އުސޫލު ބަަދަލުކުރި ފަހުންނެވެ. އެ ބަލިން ރަނގަޅުވި ކަމަށް ކުރިން ބަލަނީ ބަލި ޖެހުނު ކަމަށް ޕީސީއާރް ޓެސްޓުން ދައްކާތާ 14 ދުވަސް ފަހުން، އަލާމާތެއް ނެތް ނަމަ ޕީސީއާރް ޓެސްޓް ދެ ފަހަރަށް ހަދައި ނެގެޓިވް ވުމުންނެވެ. އެކަމަކު މިހާރު ރަނގަޅުވި ކަމަށް ބަލަނީ ބަލި ޖެހުނު ކަން އެނގުނުތާ 14 ވުމުން ނުވަތަ އަލާމާތްތައް ފެނުން ހުއްޓޭތާ ތިން ދުވަސް ވުމުންނެވެ.

އެގޮތަށް އަމަލުކުރަން ނިންމި ސަބަބު ތަފްސީލްކޮށްދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވީ ޕީސީއާރު ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ކަމަށް ބައެއް މީހުން ވަރަށް ގިނަ ދުވަސް ވާއިރު ވެސް ދައްކާ ކަަމަށާއި އެއީ ހަށިގަނޑުގައި ވައިރަސް ދިރިހުރުމުން ލިބޭ ނަތީޖާއެއްކަން ނުވަތަ ނޫންކަން ނޭނގޭނެ ކަމަށެވެ.

އެގޮތުން ސައުތު ކޮރެއާގައި ރަނގަޅުވި ކަމަށް ކަނޑައެޅި މީހުން ފަހުން ޓެސްޓްްކުރުމުން ވެސް ޕީސީއާރު ޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވި ކަމަށާއި އެކަމަކު އެއީ ވައިރަސް ދިރި ހުރުމުން ދެއްކި ނަތީޖާއެއް ނޫން ކަން ފަހުން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވިދާޅުވަނީ އާއްްމުކޮށް މީހެއްގެ އަލާމާތްތައް ފެންނަން ފެށުމަށް ފަހު ނޫނީ ބަލި އެ މީހަކަށް ޖެހުމަށް ފަހު އެމީހެއްގެ ހަށިގަނޑުގައި ވައިރަސް ދިރިހުންނަނީ ނޫނީ އެ ވައިރަސް ޝެޑްކޮށް އޭނާގެ ފަރާތުން އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު މި އޮންނަނީ ގާތްގަނޑަކަށް 11 ދުވަސް ވަންދެން [ކަަމަށް]،" ނަޒްލާ ވިދާޅުވި އެވެ.