Roadha Mihaaru
ކުޅުންތެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަން: ބައްސާމް

ކުޅުންތެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަން: ބައްސާމް

10 ޖޫން 2020

ފުޓްބޯޅަ ކަލަންޑަރާ އެއްގޮތަށް ކަންތައްތައް ނުދާތީ އާއި މުބާރާތްތައް މަދުވުމާ ގުޅިގެން ކުޅުންތެރިންގެ ހުރި ކަންބޮޑުވުންތަކެއް ބަލައިގަންނަ ކަމަށާއި ހަމައެކަނި ލީގު ކުޅެގެން ފަރުޖައްސައިލެވެން ނެތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފުޓްބޯޅަ ކަލަންޑަރާ އެއްގޮތަށް ކަންތައްތައް ނުދާތީ އާއި މުބާރާތްތައް މަދުވުމާ ގުޅިގެން ކުޅުންތެރިންގެ ހުރި ކަންބޮޑުވުންތަކެއް ބަލައިގަންނަ ކަމަށާއި ހަމައެކަނި ލީގު ކުޅެގެން ފަރުޖައްސައިލެވެން ނެތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މި ގޮތަށް ވިދާޅުވީ ފާއިތުވި ދެ ސީޒަނުގައި ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ބޭއްވީ ލީގު އެކަނި ކަމަށްވާއިރު، އެހެން މުބާރާތްތައް ނޯންނާތީ ފުރަތަމަ ޑިވިޝަނުގެ ބައެއް ޓީމުތަކުގެ ކެޕްޓަނުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އަދި ކަލަންޑަރުގައި ނެތް ބްރޭކްތައް ކުއްލި ކުއްލި އަށް އަންނާތީ ވެސް ކުޅުންތެރިންނާއި ކޯޗުން ކަންބޮޑުވެ އެވެ.

އެފްއޭއެމުން 2018 ވަނަ އަހަރު ސީޒަން ދިގުލައިދާތީވެ، ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވައި ސީޒަން އަވަހަށް ނިންމާލި އެވެ. އޭރު އެ ގޮތަށް ނިންމީ މިދިޔަ ސީޒަނުގެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް ކަމަށް އިއުލާނުކޮށްފަ އެވެ. އެކަމަކު މިދިޔަ ސީޒަން ފެށީ ލީގުންނެވެ. ކޮވިޑް-19 ފެތުރޭތީ މިދިޔަ މާޗް މަހު އެފްއޭއެމުން ކްލަބްތަކާ ވާހަކަ ދައްކައި އަވަހަށް ސީޒަން ނިންމާލީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް މި އަހަރު ވެސް ނުބާއްވަ އެވެ. އޭގެ ތެރެއިން އެފްއޭ ކަޕްގެ ކެންސަލްކޮށްލީ ސެމީ ފައިނަލާ ހަމަ އަށް ގޮސްފައި އޮއްވަ އެވެ. އޭރު ސަރުކާރުން އޮތީ ކޮވިޑް-19ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

Footboalha calender gai break ginavumakee kanboduvumeh

Footboalha calender gai break ginavumakee kanboduvumeh

The most trusted news source in the Maldives

Mihaaru

ކަލަންޑަރާ އެއްގޮތަށް ސީޒަން ނުދިއުމަކީ ކުޅުންތެރިންގެ ކަންބޮޑުވުމެއް.

އަންނަ ސީޒަނުގެ ކަލަންޑަަރު އެކުލަވާލުމުގެ މަސައްކަތްކުރާއިރު ޖެހިޖެހިގެން ދެ އަހަރު ހަމައެކަނި ލީގު އެކަނި ކުޅެން ޖެހުމުން މުބާރާތް މަދުވުމުގެ ޝަކުވާ އަށް ހައްލެއް ލިބޭނެ ކަމަށް ކުޅުންތެރިން އުއްމީދުކުރެ އެވެ. އަދި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ނުލައި ޖެހިޖެހިގެން ތިން ނިންމާލުމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ދެވޭ ނުރަނގަޅު މެސެޖަކަށްވާނެ އެވެ.

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި އެ އިދާރާގެ ރައީސް ބައްސާމް ވިދާޅުވީ އެކި ސަބަބުތައް ދިމާވެގެން މިދިޔަ ދެ އަހަރުގެ ސީޒަން މި ދިޔައީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ.

"ކުޅުންތެރިންގެ އެ ހުރީ ރަނގަޅު ކަންބޮޑުވުންތަކެއް. ހަމައެކަނި ލީގުން އެކަނި ފުއްދާލެވޭކަށް އަޅުގަނޑުމެންނަކަށް ނެތް. އެއާ އެކީގައި ކުރު މުބާރާތްތަކެއް ނޫނީ ނޮކައުޓް މުބާރާތްތަކެއް އޮންނަން ޖެހޭ،" ބައްސާމް ވިދާޅުވި އެވެ.

ސީޒަން ކަލަންޑަރާ އެއްގޮތަށް ފުރިހަމަކުރަން ބަލާއިރު މި ދިޔަ ދެ އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއް ދަނޑެއްގައި ހުރިހާ މެޗެއް ކުޅެން ޖެހޭތީ ދިމާވާ މައްސަލަތައް ކަމުގައި ބައްސާމް ވިދާޅުވި އެވެ. އަދި އަންނަ ސީޒަނުގައި ހުޅުމާލޭ ޓްރެކްގައި އޮތް ވިނަގަނޑު ތަރައްގީކޮށް އެ ތަނުގައި މެޗުތައް ބޭއްވޭ ގޮތް ވެއްޖެނަމަ އެއީ ލިބޭނެ ހައްލެއް ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިރުޝާދާ އެކީގައި މި އޮތީ އިތުރު ދަނޑެއް ލިބޭނެ ކަމުގެ އިޝާރާތެއް ލިބިފައި. އެހެންވީމަ ހުޅުމާލޭގައި އާ ދަނޑެއްގައި އަޅުގަނޑުމެންނަށް މުބާރާތްތައް ކުރިއަށްގެންދެވޭ ކަމަށް ވާނަމަ އަޅުގަނޑުމެންގެ ކަލަންޑަރުގެ ހުރިހާ މުބާރާތެއް ފުލްފިލް ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ،" ބައްސާމް ވިދާޅުވި އެވެ.

"އެންމެ މުހިއްމީ ލީގެއް ބޭއްވުން. އޭއެފްސީ އަދި ފީފާގެ މިންގަނޑުތަކަށް ބެލިޔަސް އެންމެ އިސްކަމެއް ދޭން މި ޖެހެނީ ލީގަށް. އެ އަށް ފަހު ނޮކައުޓް މުބާރާތްތައް މި އަންނަނީ. އިރާދަކުރެއްވިއްޔާ ލީގަށް ފަހު އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ބޭއްވިގެންދާނެ،"

ކޮވިޑް-19ގެ ސަބަބުން ހާލަތު އޮތްގޮތުން މި އަހަރު އެއްވެސް ކުޅިވަރު ހަރަކާތެއް ރާއްޖޭގައި ބާއްވަން ސިއްހީ ކަމާބެހޭ ފަރާތްތަކުން ގަޔާނުވާ ކަމަށް ދާދި ފަހުން ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ. އެކަމަކު ނިއުނޯމަލް އުސޫލުގެ ތެރެއިން ޕްލޭނެއް ހަދައި ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން އެފްއޭއެމުން އަންނަނީ އަލުން ފުޓްބޯޅަ ފަށަން ތައްޔާރުވަމުންނެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަނީ އޮކްޓޫބަރު މަހު ލީގު ފެށުމަށް ކަމަށާއި އެ ކަމަށް ވާން ޖެހޭ ތައްޔާރީތަކާ ބެހޭގޮތުން އެޗްޕީއޭ އާއި ސަރުކާރާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުގެ ޓެކްނިކަލް ޓީމުގެ ވިސްނުމަކަށް މި އަންނަނީ އޮކްޓޫބަރު ތެރޭގައި ލީގު ފެށުމަށް. ހުރިހާ މަސައްކަތެއް ވެސް ކުރަމުން މި ދަނީ އެޗްޕީއޭ އާއި ސަރުކާރުން ހުއްދަ ދެއްވުމާ އެކު އޮކްޓޫބަރުގައި ސީޒަން ފެށުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުމެންގެ ވިސްނުމަށް މި އަންނަނީ ޑިސެމްބަރާ ދިމާކޮށް ސްކޫލް ޗުއްޓީ އަށް ބަންދެއް ދޭން. އެއަށް ފަހު އަންނަ އަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ބާއްވަން،" ޝެޑިއުލް ރޭވިގެންދާނެ ގޮތަކާ މެދު ބައްސާމް ވިދާޅުވި އެވެ.

ކުޅުންތެރިންގެ އަނެއް ޝަކުވާ އަކީ މުސާރަ ނުލިބޭ މައްސަލަ ކަމަށާއި އެކަމަށް ހައްލެއް ހޯދައިދޭން މިދިޔަ އަހަރު އެފްއޭއެމުން މުސާރައިގެ އޮނިގަނޑެއް އެކުލަވާލުމުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށާއި މިދިޔަ ސީޒަނުގައި ކްލަބްތަކުން މުސާރަ ނުލިބިގެން މައްސަލަ ހުށަހަޅާފައިވަނީ ކުރިއާ އަޅާބަލާއިރު މަދު ކުޅުންތެރިންތަކެއްކަން ބައްސާމް ފާހަގަކުރެއްވި އެވެ.

މުސާރަ މައްސަަލައިގައި އެންމެ ރަނގަޅު ގޮތަކީ ކްލަބްތަކާއި ކުޅުންތެރިން ވެސް ދެވޭނެ އަގަކަށް އެއްބަސްވުން ކަމަށާއި މީގައި ދެ ފަރާތުގެ ވެސް އިހުލާސްތެރިކަން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.