Roadha Mihaaru
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި

ކޮވިޑް ޖެހުނު ދެ މީހަކު ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފި

21 ޖޫން 2020

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހާލުބޮޑުވި ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހާލުބޮޑުވި ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ވެންޓިލޭޓަރަށް ލާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އޮތް އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް 43 އަހަރުގެ ނޭޕާލް ފިރިހެނެއް ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ ތަނުގައި މިހާރު ޖުމްލަ 11 މީހަކު އެޑްމިޓްކޮށްފައި އެބަ ތިއްބެވެ.

"ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު ތިބީ ތިން ކޮވިޑް ޕޭޝަންޓްސް، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓާގައި. ހުޅުމާލޭ މެޑިކަލް ހޮސްޕިޓަލުގައި މިވަގުތު އަށް ޕޭޝަންޓުން އެބަތިބި އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓާގައި، އޭނާވިދާޅުވި އެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަަލްގައި އެޑްމިޓްކުރަން ޖެހުނު މީހުން ރާއްޖޭގައި އިތުރުވެފައި މިވަނީ އެ ހާލަތަށް ދިޔަ މީހުންގެ އަދަދު ވަރަށް މަދު ދުވަސްތަކެއް ދިއުމަށް ފަހު އެވެ. ހާލުބޮޑުވެގެން ވެންޓިލޭޓަރަށް ލާން ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން މީގެ ކުރިން ވަނީ ރަނގަޅު ވެސް ވެފަ އެވެ.

އެެޑްމިޓް ކުރަން ޖެހުނު މީހުންގެ އަދަދު އިތުރުވިޔަސް، ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ދެހަަފްތާ ތެރޭގައި ވެސް އިތުރުވެފައެއް ނުވެ އެވެ. މިހާރު ދުވާލަކު ގާތްގަނޑަކަށް 1000 ސާމްޕަލް ޓެސްޓްކުރަމުން އަންނަ އިރު ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް އާއްމުކޮށް ހުންނަނީ 30 އިން ދަށުގަ އެވެ. އެއާ އެކު ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެ، އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 389 އެކެވެ.

ރާއްޖެއިން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 2187 އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވި އިރު 1788 މީހުން ވަނީ ރަނގަޅުވެފަ އެވެ.