Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ކޮވިޑް-19އަށް ޓެސްޓްނުކޮށް ވެސް ރާއްޖެ އެތެރެވެވޭނެ

ރާއްޖެ އެތެރެވާން ކޮވިޑް-19އަށް ޓެސްޓްކުރާކަށް ނުޖެހޭ: އެޗްޕީއޭ

12 ޖޫން 2020

ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ހުށަނޭޅިއަސް ޓޫރިސްޓުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިންގެ ޑްރާފްޓެއް އެކުލަވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ހުށަނޭޅިއަސް ޓޫރިސްޓުންނަށް ރާއްޖެ އެތެރެވެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގައިޑްލައިންގެ ޑްރާފްޓެއް އެކުލަވާލައިފި އެވެ.

ކުރިން ނިންމާފައި އޮތީ ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވެސް ކޮވިޑް-19 އަށް ޓެސްޓްކުރާ ގޮތަށެވެ. އެކަމަކު އަލަށް އެކުލަވާލަމުން އަންނަ ގައިޑްލައިންގައިވާ ގޮތުން ނަމަ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ޓެސްޓް ކުރުން މަޖުބޫރެއް ނޫނެވެ.

އެ ޑްރާފްޓް އެކުލަވާލާފައިވާ އިރު، އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނެ އެވެ. ޓޫރިސްޓުން އަމަލުކުރަން ޖެހޭނެ މިންގަނޑުތަކެއް ކަނޑައަޅަމުން އަންނައިރު، ޑްރާފްޓްގައި އެޗްޕީއޭ އިން ބުނީ އެތަނުން އެރުން މަނާކޮށްފައިވާ ރަށްތަކަކަށް ޓޫރިސްޓުންނަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. ރިސޯޓްތަކުން އަމަލުކުރަން ޖެހޭނެ ގޮތްތައް ވެސް އެ ޑްރާފްޓުގައިވެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ހުރިހާ ޓޫރިސްޓުން ވެސް ރާއްޖެ އަންނަ އިރު މާސްކު އަޅައި ގައިދުރު ކުރުމުގެ އުސޫލުތަކަށް ތަބާވާން ޖެހެ އެވެ. އަދި ހުރިހާ ޕެސެންޖަރުން ވެސް ތާމަލް ސްކްރީން ކުރެވޭނެ އެވެ. މިގޮތަށް އަންނަ ޓޫރިސްޓަކު ހުން އައުމާއި ނޭވާލުމުގެ މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ އެއާޕޯޓުގެ ކްލިނިކަށް ދައްކަން ޖެހެ އެވެ.

މިގޮތަށް ފާހަގަކުރެވޭ ހުރިހާ ޓޫރިސްޓުން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އައިސޮލޭޓް ކުރާނެ އެވެ. ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ ރިސޯޓަކަށް ނުވަތަ ކަނޑައަޅާ ވަކި އައިސޮލޭޝަން ފެސިލީއަކަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އަދި މި ބައްޔަށް ނެގެޓިވްވާ މީހުން އައިސޮލޭޝަން ފެސިލިޓީން ރިސޯޓަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ.

ރާއްޖެ އެތެރެވާ ޓޫރިސްޓަކީ ކޮވިޑް ކުރިން ޖެހި ރަނގަޅުވެފައި ހުރި މީހެއް ނަމަ، އެ މީހަކު ގާތުން މޮނިޓާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ ރިސޯޓެއްގައި ވެސް ކޮވިޑް-19 އަށް ހާއްސަ ޓާސްކްފޯހެއް އޮންނަން ޖެހެ އެވެ. ރިސޯޓުގެ އެކި ޑިޕާޓްމެންޓްތައް ހިމެނޭ ގޮތަށް އެކުލަވައިލާ މި ޓާސްކްފޯހުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ތިބެން ޖެހެ އެވެ. އަދި މި ޓާސްކް ފޯހުގެ ތެރެއިން ކޮވިޑް-19ގެ ސޭފްޓީ އޮފިސަރެއް ކަނޑައަޅައި އެ ޓާސްކް ފޯހުގެ ތެރެއިން ކުރަން ޖެހޭ ކަންކަން މެންބަރުން ލައްވާ ކުރަން ޖެހޭނެ އެވެ.

އެ މައުލޫމާތުތައް ވެސް އޮންނަ އުސޫލުގެ ތެރެއިން އެޗްޕީއޭ އަށް ހިއްސާކުރަން ޖެހެ އެވެ. މީގެ އިތުރުން މީހަކު އައިސޮލޭޓް ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރުމަށްޓަކައި ހާއްސަ ރޫމުތައް ރިސޯޓުގައި ހުންނަން ޖެހެ އެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ރިސޯޓުތަކުގައި ހުންނަން ޖެހޭ އިރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް، އަދި ހައި ރިސްކް މީހުންނާ މެދު އަމަލުކުރާނެ ހާއްސަ ޕްރޮޓޮކޯލެއް ވެސް އޮންނަން ޖެހެ އެވެ.

އަލަށް ރިސޯޓުތައް ޓޫރިސްޓުންނަށް ހުޅުވައިލާ އިރު ހެލްތް މިނިސްޓްރީ ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ރިސޯޓުތަކުގައި މެޑިކަލް ކްލިނިކްތައް ގާއިމް ކުރަން ޖެހެ އެވެ. މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން ވެސް ކޮންމެ ރިސޯޓެއްގައި ތިބެން ޖެހެ އެވެ.

ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވެސް "ޓްރޭސްއެކީ" އެޕްލިކޭޝަން ބޭނުން ކުރުމަށް އެޗްޕީއޭ އިން އެދެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،900 ގައި އުޅޭ އިރު 1،100 މީހުން ބަލިން ވަނީ ރަނގަޅުވެފަ އެވެ. މާލެ ލޮކްޑައުން ހާލަތުގައި ދެ މަހެއްހާ ދުވަހު އޮތުމަށް ފަހު މިމަހުގެ 15 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.