Roadha Mihaaru
"ޓެނެޓް" އާއި "ވޮންޑަ ވުމަން 1984" ފަސްކޮށްފި

"ޓެނެޓް" އާއި "ވޮންޑަ ވުމަން 1984" ރިލީޒްކުރުން ފަސްކޮށްފި

15 ޖޫން 2020

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކްރިސްޓޮފާ ނޯލަންގެ "ޓެނެޓް" އާއި ޕެޓީ ޖެންކިންސްގެ "ވޮންޑަވުމަން 1984" ރިލީޒްކުރުން ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކްރިސްޓޮފާ ނޯލަންގެ "ޓެނެޓް" އާއި ޕެޓީ ޖެންކިންސްގެ "ވޮންޑަވުމަން 1984" ރިލީޒްކުރުން ފަސްކޮށްފި އެވެ.

އެ ދެ ފިލްމު ވެސް ޑިސްޓްރިބިއުޓްކުރާ ވޯނާ ބްރަދާޒް އިން ބުނީ ކުރިން އަންނަ މަހުގެ 17 ގައި ރިލީޒްކުރަން އޮތް ސްޕައި ފިލްމު "ޓެނެޓް" ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 31 ގައި ކަމަށެވެ.

ބައެއް މީޑިއާތަކުން، ނޯލަން 2010 ގައި ގެނެސްދިން ކާމިޔާބު ސައިންސް ފިކްޝަން ފިލްމު "އިންސެޕްޝަން" އާ ވައްތަރު ގޮތަކަށް ހަދާފައިވާ ކަމަށް ބުނާ "ޓެނެޓް" ގެ ކާސްޓްގައި ހިމެނެނީ ރޮބަޓް ޕެޓިންސަނާއި ޖޯން ޑޭވިޑް ވޮޝިންޓަނާއި އެލިޒަބަތު ޑެބީކީ އާއި ކެނެތު ބްރަނާ އާއި މައިކަލް ކެއިން އަދި ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އެވެ.

މި ފިލްމަކީ ގާތްގަނޑަށް 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

ގަލް ގެޓޯ ޓައިޓްލް ރޯލް ކުޅެފައިވާ ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން 1984" ސިނަމާތަކަށް ގެންނަން މިހާރު ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު 2 ގަ އެވެ. މިއީ މި ފިލްމު ކޮވިޑް-19އާ ހެދި މި ފިލްމު ފަސްކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރި ފިލްމު ފަސްކުރީ އޮގަސްޓް 14 އަށެވެ. ނަމަވެސް ތާރީހަށް މިހާރު ގެނައި ބަދަލާ އެކު "ވޮންޑަ ވުމަން 1984" ރިލީޒްކުރުން މި ވަނީ އިތުރު ދެ މަހެއްހާ ދުވަހަށް ލަސްވެފަ އެވެ.

މި ފިލްމަކީ ޕެޓީ 2018 ގައި ގެނެސްދިން "ވޮންޑަ ވުމަން" ގެ ސީކްއެލްއެކެވެ. ދެވަނަ ބަޔަކީ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. "ވޮންޑަ ވުމަން 1984" ގެ ކާސްޓުންގެ ތެރޭގައި ކްރިސް ޕައިން، ކްރިސްޓިން ވީގް، ޕެޑްރޯ ޕާސްކަލް، ރޮބިން ރައިޓް އަދި ކޮނީ ނީލްސެން ހިމެނެ އެވެ.

ކޮވިޑާ ހެދި މި އަހަރުގެ ބައެއް ފިލްމުތައް ރިލީޒްކުރުން އަހަރުގެ ފަހުކޮޅަށް ބަދަލުކޮށްފައިވާ އިރު، ބައެއް ފިލްމުތައް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި ބައެއް ފިލްމުތައް ވަނީ ޑިޖިޓަލްކޮށް ޕްރިމިއާކުރަން ވެސް ނިންމައިފަ އެވެ.