Roadha Mihaaru
ކާށިދޫ ދަނޑުތަކުން ވަގުން ނުގެންދާކަށް އެއްޗެއް ނެތް

ކާށިދޫގެ ދަނޑުތަކުން ވަގުން ނުގެންދާކަށް އެއްޗެއް ނެތް

14 ޖޫން 2020

ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކ. ކާށިދޫގެ ދަނޑުވެރިންނަށް ވަގުންގެ އުނދަގޫ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ. އެ މީހުން ބުނާގޮތުން ދަނޑުގައި ހައްދާ މިރުހާއި ދޮންކޭލާއި ކަރައެއް ވެސް މި ފަހަކުން ނުލިބެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކ. ކާށިދޫގެ ދަނޑުވެރިންނަށް ވަގުންގެ އުނދަގޫ އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ. އެ މީހުން ބުނާގޮތުން ދަނޑުގައި ހައްދާ މިރުހާއި ދޮންކޭލާއި ކަރައެއް ވެސް މި ފަހަކުން ނުލިބެ އެވެ.

"އެ ތަކެތި ހަމަ ދޮންވޭތޯ ބަލަން ތިބެނީ. ކިރިޔާ ހަރުވެލާއިރަށް އެބަ ކަނޑައިގެން ވިއްކާ،" ކާށިދޫގެ ދަނޑުވެރިއަކު ބުންޏެވެ.

ދަނޑުގައި ހައްދާ ބާވަތްތައް ވަގަށް ނަގާ ކަމަށް އެ މީހުން ތުހުމަތު ކުރަނީ ކާށިދޫގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންނެވެ. އެއީ ވަރަށް ގިނަ ފަހަރު އެ މީހުން އެތަކެތި ވަގަށް ނަގައިގެން ވިއްކަން އުޅެނިކޮށް އަތުލައިގަނެފައިވާތީ އެވެ.

ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން މިއަދު ވިދާޅުވީ، ދަނޑުތަކުން ވައްކަން ކުރާ މައްސަލަ މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށާއި ކުރިއާ ހިލާފަށް ހުރިހާ ބާވަތަކުން މިހާރު ވައްކަން ކުރާ ކަމަށެވެ. މީގެ ކުރިން ބަނބުކެޔޮ ފަދަ ތަކެތީގައި ވަގުން އަތް ނުލި ނަމަވެސް، މިހާރު ވަލުތެރޭގައި ހުންނަ ގަސްތަކުން ކެޔޮކަނޑައިގެން ވިއްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާށިދޫ ދަނޑެއްގައި ކޮޕީ ފަތް ހައްދާފައި

ކާށިދޫ ދަނޑެއްގައި ކޮޕީ ފަތް ހައްދާފައި

ސުލްތާން ވިދާޅުވި ގޮތުގައި ވަގަށް ނަގާތަކެތި ވިއްކަނީ އެ ރަށުން މާލެއަށް ތަކެތި ސަޕްލައި ކުރާ މީހުންނަށެވެ.

"މީހުން ފަތްކެޔޮ ހައްދާއިރު ވެސް ދޮންކޭލުގެ ދަޅިގަނޑުގައި ހުންނާނީ އެކި ކުލައިން ދަވާދުލާފައި. އެއީ ވަގަށް ނަގައިގެން ވިއްކަން އުޅޭއިރު އެ ތަކެތި ފާހަގަ ކުރަން ވެގެން،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެވަރުން ވެސް އެބަ ވަގަށް ނަގާ. މިރުސް، ކިއުކަމްބާ، ފަތް ފަދަ ތަކެތި ހަމަ ގޯނިތަކަށް އަޅާލައިގެން ގެންދާނީ."

ސުލްތާން ވިދާޅުވީ މަސައްކަތް ނިންމާފައި މެންދުރު ދަނޑުވެރިން ގެއަށް ދާ ވަގުތާއި ރޭގަނޑުގައި ވެސް ދަނޑުތަކުން ވަގަށް ނަގާ ތަކެތި ގިނައިން ވިއްކަނީ އެ ރެއެއްގައި ފުރާ ސަޕްލައި ދޯނިތަކަށް ކަމަށެވެ. އެއީ ހެނދުނު ދަނޑުތަކަށް ދާއިރު ވައްކަން ކޮށްފައިވާކަން އެނގި، އެ ތަކެތި ހޯދަން ދަނޑުވެރިން މަސައްކަތް ކުރިޔަ ނުދިނުމަށެވެ.

ދަނޑުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން މިދިޔަ ރޯދަ މަހުގެ ތެރޭގައި ސަޕްލައި ދޯނިތަކަށް މުދާ އަރުވަނީ ފުލުހުން ބައިތިއްބައިގެން، ކޮން ބައެއްގެ އެއްޗެހިތޯ ބަލަމުންނެވެ. އެކަމަކު ފަހުން އެކަން ނުކުރެވޭތީ އަނެއްކާ ވެސް ވައްކަންތައް އިތުރުވީ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކާށިދޫގެ ދަނޑެއްގައި ބަކަރިތަކެއް: ވަގުންގެ މައްސަލަ އެ ރަށުގެ ދަނޑުވެރިންނަށް ބޮޑު

ކާށިދޫގެ ދަނޑެއްގައި ބަކަރިތަކެއް: ވަގުންގެ މައްސަލަ އެ ރަށުގެ ދަނޑުވެރިންނަށް ބޮޑު

ސުލްތާން ވިދާޅުވިގޮތުގައި ވައްކަންތަކާއި މަސްތުވާތަކެއްޗާ ގުޅިފައި ވުމުން، އެ ކަންކަން ހުއްޓުވަން ވަރަށް އުނދަގުލެވެ. ވައްކަން ކޮށްގެން އަތުލައިގަތަސް، ބަންދުކޮށްފައި ގިނަ ދުވަހު ނުބަހައްޓައި އަނެއްކާ ވެސް ރަށުތެރެއަށް ދޫވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ އަށް ހައްލު ހޯދުމަށް ކައުންސިލުން ވަނީ ދަނޑުވެރިކަމުގެ ބާވަތްތައް މާލެއަށް ސަޕްލައިި ކުރާ މީހުންނާ ވާހަކަ ދައްކައި، ސީދާ ދަނޑުވެރިންގެ އަތުން ނޫނީ ތަކެތި ނުގަތުމަށް އިރުޝާދު ދީފަ އެވެ. އެކަމަކު "ބައެއް މީހުންނަށް ނޭނގި ތަކެތި ގަނެވޭ"ކަން ކައުންސިލުން ފާހަގަ ކުރި އެވެ.