Roadha Mihaaru
ޗައިނާ ލޯނުތައް 4 އަހަރަށް ފަސްކޮށްދޭނެ: ރައީސް

ޗައިނާގެ ލޯނުތައް ހަތަރު ވަރަކަށް އަހަރަށް ފަސްކޮށްދޭނެ: ރައީސް

24 ޖޫން 2020

ޗައިނާއިން ނަގާފައިވާ ލޯނުތައް ހަތަރު ވަރަކަށް އަހަރަށް ފަސްކޮށްދޭން އެއްބަސްވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޗައިނާއިން ނަގާފައިވާ ލޯނުތައް ހަތަރު ވަރަކަށް އަހަރަށް ފަސްކޮށްދޭން އެއްބަސްވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ލޯނާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް އެބަހުރި ކަމަށެވެ. މީގެ ތެރެއިން ހަތަރު ވަރަކަށް އަހަރަށް ފަސްކޮށްދޭން މިހާރު އެއްބަސްވެފައި ވަނީ ސީދާ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ދައްކަން ޖެހޭ ލޯނުތަކެވެ. އެއީ 600 ވަރަކަށް މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދެން ހުރީ އެޗްޑީސީ ފަދަ ކުންފުނިތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތައް ކަމަށެވެ. އެ ލޯނުތަކާ މެދު ލުއި ގޮތްތަކެއް ހެދުމަށްޓަކައި މަޝްވަރާ ކުރަން ތައްޔާރު ކަމަށް ޗައިނާގެ ސަފީރު ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި އަހަރު ޗައިނާ ސަރުކާރަށް ދައްކަން އޮތީ 100 މިލިއަން ޑޮލަރު ކަމަށާއި ޖީ20 ގައުމުތަކުން ވެފައިވާ އެއްބަސްވުމުގެ ދަށުން ޗައިނާ އަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު މި އަހަރު ދައްކަން ނުޖެހޭނެ ކަމަށެވެ. އެއާ އެކު މި އަހަރު ޗައިނާ އަށް ދައްކަން އޮތީ 75 މިލިއަން ޑޮލަރެވެ.

ޗައިނާ ސަރުކާރުން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރަ އެވެ. ރާއްޖެއިން ދައްކަން ޖެހޭ ދަރަނީގެ 45 ޕަސެންޓް ދައްކަން ޖެހެނީ ވެސް ޗައިނާއަށެވެ. އެގޮތުން އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާ އާއި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ އާއި ޗައިނާ ޑިވަލޮޕްމެންޓް ބޭންކުން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. މިގޮތަށް ޗައިނާ ސަރުކާރުން އެންމެ ގިނަ ލޯނުތައް ނަގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.

މި އަހަރު ނިމޭ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. މީގެ އިތުރުން ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާ އެކު ދަރަނީގެ މިންވަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ހުންނާނީ 93.8 ޕަސެންޓްގައި ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.