Roadha Mihaaru
އިންޑިއާގައި ޓިކްޓޮކް މަނާކޮށްފި

ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އިންޑިއާގައި މަނާކޮށްފި

29 ޖޫން 2020

އިންޑިއާ އާއި ޗައިނާއާ ދެމެދު ހޫނުވަމުންދާ ސިޔާސީ ކޯޅުންތަކާ ގުޅިގެން ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައި ކެމްޕޭންތަކެއް ވެސް ކުރަމުން ދަނިކޮށް އިންޑިއާގައި މަގުބޫލު ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އިންޑިއާއިން މަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އާއި ޗައިނާއާ ދެމެދު ހޫނުވަމުންދާ ސިޔާސީ ކޯޅުންތަކާ ގުޅިގެން ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައި ކެމްޕޭންތަކެއް ވެސް ކުރަމުން ދަނިކޮށް އިންޑިއާގައި މަގުބޫލު ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އިންޑިއާއިން މަނާކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ އެޕްތައް މަނާކުރީ އެ އެއްޗެހީގެ ސަބަބުން އެ ގައުމުގެ ސަލާމަތަށް ވެސް ނުރައްކާވެދާނެކަމުގެ ބިރު އޮތުމުން ކަމަށެވެ. އެގޮތުން ޗައިނާގެ އެެޕްތަކާ ގުޅޭ ގޮތުން ހޯމް އެފެއާޒް މިނިސްޓްރީ އާއި އިންޑިއަން ސައިބަ ކްރައިމް ކޯޑިނޭޝަން ސެންޓަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޗައިނާގެ އެޕްތަކުގެ ސަބަބުން އާންމުންގެ ޒާތީ މައުލޫމާތުތައް ވެސް ނުރައްކަލަށް ހުށަހެޅުމުގެ ބިރު އޮތުމުން މި ފިޔަވަޅު އަޅަން ނިންމީ މިއީ ރައްޔިތުންގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ ކަމަށް ބުންޏެވެ.

ޓިކްޓޮކްގެ އިތުރުން އިންޑިއާގައި މަނާކުރި ޗައިނާގެ އެޕްތަކުގެ ތެރޭގައި ވީ މީޓް، ސުވީޓް ސެލްފީ، ވީޗެޓް، ޝެއައިޓް، ލައިކީ ވެއިބޯ އަދި ސެލްފީ ސިޓީ ފަދަ އެތައް އެޕެއް ހިމެނެ އެވެ.

ޓިކްޓޮކަކީ އިންޑިއާގައި ބޮޑު އޯޑިއަންސެއް އޮންނަ އަދި އެ އެޕްގެ ޒަރީރާ އިން މާލީ މަންފާ ވެސް ހޯދާ ގިނަ ޒުވާނުންތަކެއް އުޅޭ ގައުމެކެވެ. މީގެ އިތުރުން އިންޑިއާގެ ފިލްމީ ތަރިންގެ ތެރޭގައި ވެސް ޓިކްޓޮކަކީ ވަރަށް މަގުބޫލު އެޕެކެވެ.

އެ އެޕް އިންޑިއާގައި މަނާކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުއޫރުތައް ވެސް ފާޅުކުރަމުންނެވެ.

އެކަމަކު މިއީ ޓިކްޓޮކަށް އިންޑިއާ އިން ފިޔަަވަޅު އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ވެސް އެ އެޕް އިންޑިއާގައި މަނާކުރި އެވެ. އެ ފަހަރު ޓިކްޓޮކް މަނާކުރީ އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ އަދި އެ އެޕުން ޖިންސީ ކަންކަމަށް ހިތްވަރު ލިބޭ ބުނެ އެވެ. ނަމަވެސް އަލުން ހުއްދަ ދިނީ އެފަދަ ކޮންޓެންޓްތައް ފިލްޓާކޮށްފައި ނޫނީ ޓިކްޓޮކަށް ނުލެވޭކަން ކަށަވަރު ކުރަން ފިޔަވަޅުތަކެއް އަޅަން ޝަރުތުކޮށްފަ އެވެ.

ޗައިނާގެ ގިނަ އަދަދެއްގެ އެޕްތައް މަނާކޮށް، އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކުރަން އިންޑިއާގައި ގޮވާލާން ފަށާފައި ވަނީ ދެ ގައުމުގެ ބޯޑަރު ހިއްސާކުރާ ލަޑާކް ސަރަހައްދުގައި ޗައިނާ އިން އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރާ އިރު، ގަވްލާން ސަރަހައްދުން އިންޑިއާގެ ބިމުގެ ތެރެއަށް ޗައިނާ އިން ވަދެފައިވާ ކަމަށް އިންޑިއާ އިން ތުހުމަތުކޮށް މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި، ދެ ގައުމުގެ ސިފައިންގެ އޮފިސަރުންތަކެއް ޗެސް މަރުވެފައިވެ އެވެ. ސިޔާސީ ގޮތުން އަބަދު ވެސް ކޮންމެވެސް ކޯޅުންގަނޑެއްގެ ތެރޭގައި އުޅޭ އިންޑި އާއި ޗައިނާ އަކީ ދުނިޔޭގެ އެންމެ އާބާދީ ވެސް ބޮޑު ގެ ދެ ގައުމެވެ. އަދި މިއީ ދެކުނު އޭޝީއާގެ އެންމެ ވަރުގަދަ ގައުމުތަކެވެ.