Roadha Mihaaru
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"

ރާއްޖެ ކުޑަވުމަކީ ބުލީ ކުރުމަށް ލިބޭ ލައިސަންސެއް ނޫން: ރައީސް މުއިއްޒު

13 ޖެނުއަރީ 2024

އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުސީދާ ރައްދެއް މިއަދު ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުސީދާ ރައްދެއް މިއަދު ދެއްވައިފި އެވެ.

"އަޅުގަނޑުމެންގެ ރާއްޖެ ކުޑަވެދާނެ. އެކަމަކު، އެއީ އަޅުގަނޑުމެންނަށް ބުލީ ކުރުމަށް ދެވޭ ލައިސަންސެއް ނޫން،" ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން މިއަދު ދެއްކެވި ވާހަކަފުޅުގެ ތެރެއިން އިނގިރޭސި ބަހުން ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މީޑިއާ އަށް ދެއްވި ސްޓޭޓްމަންޓް ނިންމަވައިލައްވަމުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ނަން ވިދާޅުނުވި ނަމަވެސް އެ ގައުމުން ރާއްޖެއާ މެދު ދެކޭ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ސައިޒު ކުޑަޔަކަސް މިއީ 900،000 އަކަ ކިލޯ މީޓަރު ބޮޑު ގައުމެއް ކަމަށާއި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތީ ރާއްޖެ އަށް ކަމަށެވެ.

"ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ނިސްބަތްވާ، ވަށާލެވިފައިވާ ހުރިހާ ގައުމަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު މާ ބޮޑު،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު.

ރައީސް ޑރ. މުއިއްޒު މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ވަކި ގައުމެއްގެ "ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ.

"އަޅުގަނޑުމެންނަކީ މިނިވަން، މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލްގެ އަސާސަކީ ޗައިނާ އިން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިހުތިރާމް އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަފިއަރެންސް އިން އިންޓާނަލް މެޓާސް. އަޅުގަނޑުމެންގެ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ،" އިންޑިއާ އަށް ނުސީދާ ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

"ކުރީގައި، ދާދި ފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި ގޮސް އިށީނދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުންނެއް ބޭނުމެއް ނުވޭ."

ރައީސް ވިދާޅުވީ، ރާއްޖޭގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމަކީ ދެ ގައުމުގެ ދޭތެރޭގައި ގުޅުން ބޭއްވުމުން ގެންގުޅެން ޖެހޭ ހަމައެއް ނޫން ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބޮޑަށް ގޯސްވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން މިހާތަނަށް އަމަލީ ގޮތުން ކަމެއް ނުކުރާ މައްސަލައިގަ އެވެ. ނަމަވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ޑިޕްލޮމެސީގެ ރީތި އުސޫލުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިންޑިއާ އަށް ބަރޯސާ ވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ވަނީ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. ރާއްޖެ އަށް ކާޑުގެ ބާވަތްތައް އާންމުކޮށް ގެންނަނީ އިންޑިއާ އިން ކަމަށް ވާއިރު، މިހާރު ވަނީ ތުރުކީން އެ ބާވަތްތައް ގެންނަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ގޮތުން ތުރުކީގެ ފުށުގެ ޝިޕްމަންޓް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވި އެވެ. ފިޔަ އާއި އަލުވި އަދި ބިސް ވެސް އެހެން ގައުމުތަކުން ގެންނަން ނިންމާފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުން ނަމަ ސަރުކާރުގެ ހިލޭ ބޭސްފަރުވާގެ ނިޒާމު އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ބޭސްކުރެވޭ ގޮތް ވެސް ސަރުކާރުން ހަމަޖައްސާނެ އެވެ.