Roadha Mihaaru
ފިހާރަ/ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަަމައަށް

ފިހާރަތަކާއި ކެފޭތައް ހުޅުވޭނީ ރޭގަނޑު 10 އާ ހަމައަށް

01 ޖުލައި 2020

މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް، ކޮވިޑް-19 ގެ ލުޔާއެކު، ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓުތައް، ކޮވިޑް-19 ގެ ލުޔާއެކު، ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ ފުލް ލޮކްޑައުން އާއި އަދި ކޮންމެވެސް ވަރަކަށް ކުރިން ލުއި ދިން މުއްދަތުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އޮތީ ހެނދުނު 9 ން ރޭގަނޑު 9 އަށެވެ. ނަމަވެސް، "ނިއު ނޯމަލް" އިތުރު ލުއިތަކާއެކު، ފިހާރަތައް ވެސް ރޭގަނޑު 10 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފަ އެވެ. މި ވަގުތުތަކުގައި ވިޔަފާރި ކުރަން އިތުރު ހުއްދައެއް ނަގަން ނުޖެހޭނެ އެވެ.

މިފަދަ ތަންތަން ރޭގަނޑު 10 ޖަހާއިރު ބަންދުކުރި ނަމަވެސް ޑެލިވަރީގެ ހިދުމަތް ދޭން އިތުރު އެއް ގަޑިއިރު ލިބޭނެ އެވެ. އެހެންކަމުން ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11 ޖަހަންދެން ދެވޭނެ ކަމަށް އެންއޯއީސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވި އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ސަރުކާރުން ލުއި ދިނުމާ ގުޅިގެން ގެނެވޭ ބަދަލެކެވެ. ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައި ނަމަވެސް ހިދުމަތް ދެވޭނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަަވަޅުތައް އަޅައިގެން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ހުންނައިރު ސޯޝަލް ޑިސްޓެންސިން ބެހެއްޓޭގޮތަށް ހުންނަން ވާނެ އެވެ. އަދި އަތް ދޮވުމުގެ އިންތިޒާމު ވެސް އެ ތަންތަނުގައި ހުންނަން ޖެހޭނެ އެވެ.

ސަރުކާރުން ވަނީ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުގެ އިތުރުން މިއަދުން ފެށިގެން ސްކޫލްތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ވެސް ދީފަ އެވެ.