Roadha Mihaaru
އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ތަންތަން ޖޫރިމަނާ ކުރަނީ

އެޗްޕީއޭގެ އުސޫލާ ހިލާފުވާ ތަންތަން ވަކި މުއްދަތަކަށް ބަންދުކޮށް، ޖޫރިމަނާ ކުރަނީ

23 އޯގަސްޓް 2020

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް، މާލެ ސަރަހައްދުގައި އާންމުންނަށް ޚިދުމަތް ދިނުމަށް ހިންގާ ތަންތަނާ މެދު ފިޔަވަޅު އެޅުން ހަރުކަށިކޮށް، ޖޫރިމަނާ ކުރާނެ އުސޫލެއް އެ އިދާރާ އިން މިއަދު ކަނޑައަޅައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް، މާލެ ސަރަހައްދުގައި އާންމުންނަށް ޚިދުމަތް ދިނުމަށް ހިންގާ ތަންތަނާ މެދު ފިޔަވަޅު އެޅުން ހަރުކަށިކޮށް، ޖޫރިމަނާ ކުރާނެ އުސޫލެއް އެ އިދާރާ އިން މިއަދު ކަނޑައަޅައިފި އެވެ.

އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވާ ތަންތަން ވަގުތުން ބަންދުކޮށް، އެ ކަންކަން އިސްލާހު ކުރުމުން މީގެ ކުރިން އައީ އަލުން ހުޅުވަން ހުއްދަ ދެމުންނެވެ.

ނަމަވެސް އެ އިދާރާ އިން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ވަކި ހިސާބަކުން ދެން އެ ތަންތަން ޖޫރިމަނާ ވެސް ކުރާނެ އެވެ. އެކަމަކު ޖޫރިމަނާ ކުރާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން ނަމަ، ދެވަނަ ފަހަރަށް އުސޫލާ ޚިލާފު ވުމުންނެވެ. ދެވަނަ ފަހަރަށް އުސޫލުން ބޭރުން އަމަލުކުރާ ތަންތަން 1،000ރ. އިން ޖޫރިމަނާކޮށް، ތަން ހުޅުވުމުގެ ހުއްދަ ވެސް ދެނީ ތިން ދުވަސް ފަހުންނެވެ.

އެޗްޕީއޭގެ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ ނަމަ، 1،000ރ. އިން ޖޫރިމަނާކޮށް، ތަން ހުޅުވަން ހުއްދަ ލިބޭނީ ފަސް ދުވަސް ފަހުންނެވެ.

އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ތަންތަނާ މެދު އަޅާ ފިޔަވަޅުތައް

ފުރަތަމަ ފަހަރު ނަމަ އެ ތަނެއް ބަންދުކުރަން އެޗްޕީއޭ އިން ކަނޑައަޅާފައި ވަނީ 48 ގަޑިއިރަށެވެ. އެ ބުރުގައި ޖޫރިމަނާއެއް ނުކުރާނެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި، ފުރަތަމަ އިންސްޕެކްޝަނަށް ފަހު ވެސް، ކޮވިޑާ ގުޅޭ ޝަކުވާއެއް ނުވަތަ އެ އިދާރާގެ ގައިޑްލައިނާ ޚިލާފަށް އެ ތަނެއް ހިންގާކަން ފާހަވެއްޖެ ނަމަ ވެސް 1،000ރ. އިން ޖޫރިމަނާކޮށް، ފަސް ދުވަހަށް ތަން ބަންދު ކުރާނެ އެވެ.

އާންމުންނަށް ޚިދުމަތް ދޭ ތަންތަން ހިންގަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމުގެ ބޮޑު އިންސްޕެކްޝަނެއް މިދިޔަ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ހިންގި އެވެ. އެ ފަހަރު ވެސް ގިނަ ތަންތަން ބަންދުކޮށް، އިސްލާހު ކުރަން ފުރުސަތު ދިނެވެ. މިހާރު އެ އިންސްޕެކްޝަން މަޑުޖައްސާފައި އޮތް ނަމަވެސް އެޗްޕީއޭ އިން ކަނޑައަޅާފައި ވަނީ އަންނަ އަންގާރަ ދުވަހު އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ފެށުމެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން މިރޭގެ 8 އިން ފަތިހު 5 އާ ދެމެދު ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ކުރިއެކޭ އެއްގޮތަށް ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު ބޭރުތެރޭގައި ވެސް އުޅުމަކީ މަނާކަމެކެވެ. ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ވެސް ކޮންމެ ރެއެއްގެ 9:30 ގައި ބަންދު ކުރަން ޖެހޭނެ ކަމަށް ފުލުހުން ރޭ ބުންޏެވެ.