Roadha Mihaaru
ލެސްޓާ ބަލިވުމުގެ ފައިދާ ޗެލްސީ އަށް ނުނެގުނު

އާސެނަލަށް މޮޅެއް، ލެސްޓާ ބަލިވުމުގެ ފައިދާ ޗެލްސީ އަށް ނުނެގުނު

02 ޖުލައި 2020

ލަންޑަން (ޖުލައި 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން މޮޅުވިއިރުމ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ނަގައި ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން މޮޅުވިއިރުމ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ނަގައި ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފި އެވެ.

ފުލުގައި އޮތް ނޯވިޗް ސިޓީ އަތުން އަމިއްލަ ދަނޑުގައި އާސެނަލް މޮޅުވީ 4-0 އިންނެވެ. ލެސްޓާ ކުޅުނު މެޗުން އެވަޓަން އަތުން 2-1 އިން ބަލިވިއިރު، ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރަމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޗެލްސީ ބަލިވީ 3-2 އިންނެވެ.

ރޭގެ ނަތީޖާތަކަށް ފަހު ލެސްޓާ ތިން ވަނައިގައި އޮތީ 32 މެޗުން 55 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް 32 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަ ވަނައިގައި އޮތް ވުލްވްސް އަށް ވަނީ 32 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މޮޅާ އެކު އާސެނަލް ހަތް ވަނަ އަށް ޖެހިލީ 32 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.

ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެސްޓް ހޭމަށް ލީޑުނަގައިދޭން ތޯމަސް ސޫޝެކް ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ ބަލައިނުގަންނާށެވެ. ޗެލްސީން ލީޑުނެގީ މެޗުގެ 42 ވަނަ މިނިޓްގައި ވިލިއަން ކާމިޔާބުކުރި ޕެނަލްޓީންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޝޫސެކް ވަނީ ވެސްޓް ހޭމަށް އެއްވަރުކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅުގައި މިކޭލް އެންޓޯނިއޯގެ ގޯލުން ވެސްޓް ހޭމް ވަނީ ލީޑުނަގައިފަ އެވެ. ޗެލްސީ އަށް އެއްވަރުކޮށްދިނީ 72 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ވިލިއަން އެވެ. ވެސްޓް ހޭމް މޮޅުކޮށްދިން ލަނޑު ޖެހީ ޔޫކްރޭންގެ ފޯވާޑް އެންޑީ ޔާމޮލަންކޯ އެވެ.

ޑޭވިޑް މޮއިސްގެ ކޯޗުކަމުގައި ކުޅޭ ވެސްޓް ހޭމްގެ މި މޮޅާ އެކު އެ ޓީމަށް ވަނީ ރެލިގޭޝަނުން ސަލާމަތްވާން އުއްމީދެއް ލިބިފަ އެވެ. ވެސްޓް ހޭމް 16 ވަަނައިގައި އޮތީ 32 މެޗުން 30 ޕޮއިންޓާ އެކު އެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އަލުން ލީގު ފެށި ފަހުން ލެސްޓާ އޮތީ ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ. ކުރިން ދެއްކި ކުޅުން ނުދެއްކި ނަތީޖާ ނެރެން ވަނީ ގިނަ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެވަޓަން އަތުން ރޭ ބަލިވުމާ އެކު ގަދަ ހަތަރެއްގައި އޮންނަން ލެސްޓާ އަށް އޮތީ މިހާރު އުނދަގޫ މަސައްކަތެކެވެ. ރޭގެ މެޗުގައި އެވަޓަންގެ ގޯލުތައް ޖެހީ ރިޗާލިސަން އާއި ގިލްފީ ސިގަޑްސަން އެވެ. ލެސްޓާގެ ހަމައެކަނި ގޯލު ޖެހީ ކެލެޗީ އިހެނާޗޯ އެވެ.

އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިން ގޯލު ޕިއޭ އެމެރިކް އޮބާމަޔަން ޖެހީ ނޯވިޗްގެ ކީޕަރު ޓިމް ކްރުލް އަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. ގްރޭނިޓް ޝާކާގެ ގޯލުން އާސެނަލުން ލީޑުފުޅާކޮށްފައިވަނިކޮށް އޮބާމަޔަން ވަނީ އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އާސެނަލްގެ ފަހު ގޯލު ޖެހީ ޕޯޗުގީސް ފުލްބެކް ސެޑްރިކް ސޮއާރޭސް އެވެ. ޖެނުއަރީ މަހު ސައުތެމްޓަން ދޫކޮށް އާސެނަލާ ގުޅުނު ސެޑްރިކް އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައީ ވަރަށް ފަހުންނެވެ.