Roadha Mihaaru
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް

ޗެލްސީ އާއި ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް

01 މާޗް 2021

ލަންޑަން (މާޗް 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ލިވަޕޫލުން ހަމަޖެހުމެއް ހޯދައިފި އެވެ.

ލަންޑަން (މާޗް 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ލިވަޕޫލުން ހަމަޖެހުމެއް ހޯދައިފި އެވެ.

ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ރޭގެ މެޗުން މޮޅުނުވެވުމުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 12 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 26 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، އިއްޔެ ކުޅުނު މެޗުން އާސެނަލް އަތުން 3-1 އިން ބަލިވުމުން ތިން ވަނައިގައި އޮތް ލެސްޓާ ސިޓީގެ އޮތީ 26 މެޗުން 49 ޕޮއިންޓެވެ.

ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ފުރަތަމަ ހާފުގައި އޭރިއާތެރެއިން ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއި އަތުގައި ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ޕެނަލްޓީއެއް ނުދޭން ނިންމުމުންނެވެ. ރެފްރީ އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ހަޑްސަން-އޮޑޯއި އަތުގައި ޖެހުނު ބޯޅައަކީ 100 ޕަސެންޓް ޕެނަލްޓީއެއް ކަމަށާއި ފަހަކަށް އައިސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ގިނަ ޓީމުތަކުން ބޮޑު މެޗުތަކުގެ ކުރިން ރެފްރީންނަށް ނުފޫޒުފޯރުވާ ކަމަށެވެ.

"އަހަރެމެންނަށް ގިނައިން ޕެނަލްޓީ ލިބޭ ވާހަކަ ބަޔަކު ދައްކަން ފެށި ފަހުން އަހަރެމެންނަށް ލިބެން ޖެހޭ ޕެނަލްޓީތައް ވެސް ނުލިބޭ. އެއީ ކަންބޮޑުވުމެއް. މި މެޗުގެ ކުރިން ވެސް ރެފްރީންނަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ހިނގި. މިސާލަކަށް ބަލަމާ މެޗުގެ ކުރިން އެ މީހުންގެ (ޗެލްސީގެ) ރަސްމީ ވެބްސައިޓްގައި ހުރި ލިޔުންތައް،" ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އޭރިއާތެރެއިން ކުރި ފައުލަކާ ބެހޭގޮތުން ޗެލްސީގެ ވެބްސައިޓްގައިވާ ލިޔުމަކަށް އިޝާރާތްކޮށް ހިތްހަމަނުޖެހިފައި ހުރެ ސޯލްޝެއާ ބުންޏެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށާއި އެެއީ ޕެނަލްޓީ އަކަށް ވާން ޖެހޭ އެއްވެސް ސަބަބެއް އޭނާ އަށް ނުވިސްނުނު ކަމަށެވެ. ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން މިހާތަނަށް ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ޗެލްސީ މި މެޗުން މޮޅުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ހަކީމް ޒިޔެޗް އާއި މޭސަން މައުންޓް އަށެވެ. ޒިޔެޗް ފޮނުވާލި ބޯޅަ ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ. ރޭގެ މެޗުން މޮޅުވެގެން ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކާޓިން ޖޯންސް (ކ) އާއި ރޮބާޓޯ ފިރްމީނޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކާޓިން ޖޯންސް (ކ) އާއި ރޮބާޓޯ ފިރްމީނޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 26 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ޗެލްސީ އަށް 26 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗަށް ފަހު ހޯދި ފުރަތަމަ މޮޅާ އެކު ލިވަޕޫލް ހަ ވަނައިގައި އޮތީ 26 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޝެފީލްޑްގެ ކީޕަރު އާރޮން ރާމްސްޑޭލް ވަނީ ފުރަތަމަ ހާފުގައި ލިވަޕޫލުން ފޮނުވާލި ހުރިހާ ހަމަލާއެއް ހުއްޓުވައިފަ އެވެ. އެކަމަކު ދެ ވަނަ ހާފުގައި ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް ވަނީ ލިބުނު ފުރުސަތުގައި ލަނޑު ޖަހައިފަ އެވެ. ލިވަޕޫލުން ޖެހި ދެ ވަނަ ގޯލަކީ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޝެފީލްޑްގެ ކީން ބްރަޔަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ލީގުގެ ތާރީހުގައި ލިވަޕޫލުން ޖެހި 7000 ވަނަ ގޯލެވެ.

ގަރެތު ބޭލް (މ) ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކޭން (ކ) އާއި ލޫކަސް މޯރާ (ވ)އާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގަރެތު ބޭލް (މ) ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކޭން (ކ) އާއި ލޫކަސް މޯރާ (ވ)އާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލެސްޓާ ދަނޑުގައި އެ ޓީމަށް ޔޫރީ ޓިއެލެމަންސް ލީޑުނަގައިދީފައިވަނިކޮށް އާސެނަލް މޮޅުވީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. އާސެނަލްގެ ގޯލުތައް ޖެހީ ޑޭވިޑް ލުއިޒް، އަލެކްސަންޑަ ލަކަޒޭޓް އަދި ނިކޮލަސް ޕެޕޭ އެވެ.

މި މޮޅާ އެކު އާސެނަލް 10 ވަނައިގައި އޮތީ 26 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ރޭ އަމިއްލަ ދަނޑުގައި ބާންލީ އަތުން 4-0 އިން ހޯދި މޮޅާ އެކު ޓޮޓެންހަމް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 25 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި އަކީ ދެ ގޯލު ޖަހައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ގަރެތު ބޭލް އެވެ. ޓޮޓެންހަމްގެ އަނެއް ދެ ގޯލު ޖެހީ ހެރީ ކޭން އާއި ލުކަސް މޯރާ އެވެ.