Roadha Mihaaru
މަލީހު، ފޯނަކީ ކުޅޭ އެއްޗަކަށް ހެދިޔަ ނުދީ

މަލީހުގެ އިލްތިމާސް: މައިންބަފައިންގެ ފޯނު ކުޅޭ އެއްޗަކަށް ހެދިޔަ ނުދީ

06 ޖުލައި 2020

މައިންބަފައިން ގެންގުޅޭ ފޯނުން ގޭމު ކުޅެ، އިންޓަނެޓަށް ވަނުމަށް ދަރިންގެ އަތަށް ނުދިނުމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެދިވަޑައިގެންފި އެވެ. އޭނާގެ އިލްތިމާސަކީ މައިންބަފައިންގެ ފޯނަކީ ކުޅޭ އެއްޗެއްގެ ގޮތުގައި ހަދައި، ދަރިންނަށް ނުދިނުމެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މައިންބަފައިން ގެންގުޅޭ ފޯނުން ގޭމު ކުޅެ، އިންޓަނެޓަށް ވަނުމަށް ދަރިންގެ އަތަށް ނުދިނުމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެދިވަޑައިގެންފި އެވެ. އޭނާގެ އިލްތިމާސަކީ މައިންބަފައިންގެ ފޯނަކީ ކުޅޭ އެއްޗެއްގެ ގޮތުގައި ހަދައި، ދަރިންނަށް ނުދިނުމެވެ.

އެއްވެސް ލިމިޓު ކުރުމެއް ނެތި، އަދި ގިނަ ފަހަރަށް މޮނީޓާ ނުކޮށް، އިންޓަނެޓު ބޭނުން ކުރުމަށް ކުޑަކުދިންގެ އަތަށް ދިނުމުން، އިޖުތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވާކަން ފާހަގަ ކުރައްވައި މަލީހު ވިދާޅުވީ މިހާރު އެންމެ ދެ އަހަރުގެ ކުދިން ވެސް އެންމެ ގަޔާވާ ކުޅޭ އެއްޗަކަށް ވެފައި އޮންނަނީ މައިންބަފައިންގެ ފޯނު ކަމަށެވެ. އޭގެ ސަބަބުން، ޒާތީ ގިނަ މައުލޫމާތާއި ފޮޓޯ ފަދަ ތަކެތި އިންޓަނެޓަށް ލީކުވުމުގެ މައްސަލަތައް ފެންމަތިވަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވި ގޮތުގައި ވަރަށް ކުޑަކުދިންނަށް ވެސް މިހާރު އަމިއްލަ އަށް އެކި ކަހަލަ އެޕްލިކޭޝަންތައް ޑައުންލޯޑް ކުރަން އެނގެ އެވެ. އެކި ކަހަލަ ވެބްސައިޓުތަކަށް ވަންނައިރު، ފޯނުގައި ހުންނަ ޒާތީ މައުލޫމާތު ހެކަރުންނަށް ފަސޭހައިން ހޯދޭ ކަމަށް ވިދާޅުވި އެވެ.

"ބޭންކު ލޮގިން އާއި ވަރަށް ޒާތީ ވީޑިއޯ އަދި ފޮޓޯ އެއްޗެހި ފޯނުގައި ހުންނައިރު، ކުދިން ކުޅެން ދިނުމުން ފޯނު މި ކޮމްޕްރޮމައިސް ކުރެވެނީ. އެކި ކަހަލަ އިތުބާރު ނުކުރެވޭ އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ވައިރަސް އަރާއިރު، ފޯނުގައި ރައްކާކޮށްފައި ހުންނަ ޒާތީ މައުލޫމާތު ހެކަރުންނަށް އެބަ ހޯދޭ،" މަލީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިން އަތުގައި ފޯނު އޮންނައިރު، އެހެން މީހުންނަށް ގޭތެރެއިން ފެންނަން ނުޖެހޭ މަންޒަރުތައް ފޮޓޯ ނަގައި، މާބޮޑު ކަމެއް ކަމަށް ނުދެކި ސޯޝަލް މީޑިއާއަށް ދޫކޮށްލާ ކަމަށެވެ.

"އެހެންވެ އަޅުގަނޑު ދަންނަވާނީ ކުދިން އިންޓަނެޓް ބޭނުން ކުރާއިރު އަޅާ ނުލެވި ދޫކޮށް ނުލާށޭ. ގެއަށް ވަނީމާ، ދަރިފުޅު ގޮސް ފޯނު އަތުލައި ނުވަތަ އެ އަށް ޑިމާންޑްކުރުން ހުއްޓުވާށޭ،" --- މަލީހު

މި ފަހަކަށް އައިސް، އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިން ބްލެކްމެއިލްކޮށް އަދި ގަަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ފުލުހުން ބުނާގޮތުން ވޭތުވެ ދިޔަ ދެ ތިން މަހުގެ ތެރޭގައި ހުށަހެޅުނު މި ފަދަ ގިނަ މައްސަލަތައް ގުޅިފައިވަނީ ކުޑަކުދިން އިންޓަނެޓް ބޭނުން ކުރުމާ އެވެ.

މާލޭގެ ގެސްޓް ހައުސެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމާއި ރަށަކުން ކުއްޖަކު މާލެ ގެނެސް، ބްލެކްމެއިލްކޮށް، ގެސްޓް ހައުސެއްގައި ރޭޕް ކުރި މައްސަލައިގައި ވެސް އެ އަމަލުތައް ހިންގާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން، އިންޓަނެޓް މެދުވެރިކޮށް، ކުދިން "ގްރޫމް" ކުރުމަށް ފަހުގަ އެވެ.

މަލީހް ވިދާޅުވީ އިންޓަނެޓަކީ ދެކޮޅަށް "އިންޓަރެކްޓް" ނުވަތަ މުއާމަލާތު ކުރެވޭ އެއްޗަކަށް ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުގައި ތިބޭ މީހުންނާ ކުދިން "ރަހުމަތްތެރި"ވާ ކަމަށެވެ. މިއީ ކުދިންގެ ޒާތީ މައުލޫމާތާއި ފޮޓޯ ހޯދުމަށް ޖަހާ މަޅިއަކަށް ވުން ގާތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެންވެ އަޅުގަނޑު ދަންނަވާނީ ކުދިން އިންޓަނެޓް ބޭނުން ކުރާއިރު އަޅާ ނުލެވި ދޫކޮށް ނުލާށޭ. ގެއަށް ވަނީމާ، ދަރިފުޅު ގޮސް ފޯނު އަތުލައި ނުވަތަ އެ އަށް ޑިމާންޑްކުރުން ހުއްޓުވާށޭ،" އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ މިހާރު ކުދިން ކުޅޭ ގިނަ ގޭމުތަކަކީ ވެސް ވަރަށް އެޑިކްޓިވް އަދި އޭގެ ނޭދެވޭ އަސަރު، ކުދިންގެ އުޅުމާއި އަހުލާގަށް ވެސް ވަރަށް ބޮޑަށް ކުރާ ފަދަ ގޭމުތައް ކަމަށެވެ. އެހެންވެ، އެކަމަށް ވެސް ފާރަލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.