Roadha Mihaaru
ހައްދެއް ނެތް އިންޓަނެޓާ އެކު ބެލެނިވެރިންގެ ޒިންމާ

ހައްދެއް ނެތް އިންޓަނެޓާ އެކު ބެލެނިވެރިންގެ ބޮޑު ޒިންމާ

06 ޖުލައި 2020

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ އާއި ރާއްޖޭގެ ރަށްތައް ބަންދުކޮށްފައި އޮތް ދުވަސްވަރު އެހެން ސީރިއަސް ގިނަ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިން ބްލެކްމެއިލް ކުރުމާއި ބަދުއަހުލާގީ އަމަލު ހިންގުމާއި ކުދިން ރޭޕް ކުރުން، އެ މުއްދަތުގެ ތެރޭގައި މީގެ ކުރިން ނުފެންނަ ވަރަށް އިތުރުވިި އެވެ. ގިނަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރި ނަމަވެސް، އެކަމުގައި ޒިންމާވާން ޖެހޭ އަދި އެހެން ބަޔަކު ވެސް އެބަ ތިއްބެވެ: ބެލެނިވެރިންނެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ އާއި ރާއްޖޭގެ ރަށްތައް ބަންދުކޮށްފައި އޮތް ދުވަސްވަރު އެހެން ސީރިއަސް ގިނަ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިން ބްލެކްމެއިލް ކުރުމާއި ބަދުއަހުލާގީ އަމަލު ހިންގުމާއި ކުދިން ރޭޕް ކުރުން، އެ މުއްދަތުގެ ތެރޭގައި މީގެ ކުރިން ނުފެންނަ ވަރަށް އިތުރުވިި އެވެ. ގިނަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރި ނަމަވެސް، އެކަމުގައި ޒިންމާވާން ޖެހޭ އަދި އެހެން ބަޔަކު ވެސް އެބަ ތިއްބެވެ: ބެލެނިވެރިންނެވެ.

މާލޭގެ ގެސްޓްހައުސެއްގައި 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމާއި ރަށަކުން ކުއްޖަކު މާލެ ގެނެސް، ބްލެކްމެއިލްކޮށް، ގެސްޓްހައުސެއްގައި ރޭޕް ކުރި މައްސަލަ ފެންމަތިވުމާ އެކު ވެސް އެންމެ ގިނަ ބަޔަކު ކުރި ސުވާލަކީ އެ ކުދިންގެ ބެލެނިވެރިން ކޮބައިތޯ އެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި މިއީ ގިނަ ދުވަސްތަކެއް ވަންދެން، އިންޓަނެޓް މެދުވެރިކޮށް، ކުދިން "ގްރޫމް" ކުރުމަށް ފަހު ހިންގި އަމަލުތަކެކެވެ.

އެހެންވެ މިކަމުގައި ކުދިންގެ ބެލެނިވެރިންގެ ވެސް އިހުމާލު ބޮޑެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް، ސްޕެރިންޓެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ ދެތިން މަހުގެ ތެރޭގައި، ކުޑަކުދިންނާ ގުޅުން ހުރި މިފަދަ ގިނަ މައްސަލަތައް، ކޮންމެވެސް ހިސާބަކުން އިންޓަނެޓާ ގުޅެ އެވެ. ގައިގައި އަތްލައި ގޯނާ ކުރުމުގެ ކުރިން، ފުރަތަމަ މުއާމަލާތުތައް ހިނގަނީ އިންޓަނެޓް މެދުވެރިކޮށެވެ.

ފޯނު މެދުވެރިކޮށް ކުދިން އިންޓަނެޓަށް ވަންނައިރު، އޭގެ ނާޖާއިޒް ފައިދާ ބައެއް މީހުން ނަގާ

ފޯނު މެދުވެރިކޮށް ކުދިން އިންޓަނެޓަށް ވަންނައިރު، އޭގެ ނާޖާއިޒް ފައިދާ ބައެއް މީހުން ނަގާ

މި ފަހަކުން މި ފަދަ މައްސަލަތައް އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ ގޭގައި ތިބެން ޖެހުމާ އެކު، ހައްދެއް ނެތް މިންވަރަށް އިންޓަނެޓް ބޭނުން ކުރަން ލިބުމެވެ. ފޯނާއި ކޮމްޕިއުޓަރާއި ކިޔަވަން ބޭނުން ކުރާ ޓެބްލެޓް ފަދަ ގެޖެޓްތަކުން ފަސޭހަކަމާ އެކު ކުދިންގެ އުމުރާ ނުގުޅޭ ސައިޓުތަކަށް ވަދެވުމާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނުދަންނަ މީހުންނާ ދިމާވެ، "ރައްޓެހިވެވި"، ފޮޓޯ ބަދަލުކުރެވުމެވެ. އަދި ކުދިން އިންޓަނެޓް ބޭނުން ކުރާ ގޮތަށް ބެލެނިވެރިންނަށް ފާރަނުލެވުމުގެ ނަތީޖާއަކަށް ވީ، ކުއްޖާ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިޔުމެވެ.

އެފަދަ މައްސަލަތައް ފެށޭ ގޮތާ މެދު ބަޝީރު ދެއްކެވި މިސާލެކެވެ: ގޭގައި އޮންނަ މައިންބަަފައިންގެ ފޯނުން ނުވަތަ ކޮމްޕިއުޓަރުން އިންޓަނެޓަށް ވަދެ، ކޮންމެވެސް ނުދަންނަ މީހަކާ ރަހުމަތްތެރި ވެވެނީ އެވެ. ގިނަ ފަހަރަށް މި ފަދަ މީހުން އުޅެނީ އަސްލު އޮޅުވާލައިގެންނެވެ. ރަހުމަތްތެރިކަމުގައި ދެން އެދެނީ ފޮޓޯ ފޮނުވުމަށެވެ. ވަރަށް އާދައިގެ، އާއްމު ފޮޓޯއިން ފެށިގެން ގޮސް ނިމެނީ ބަރަހަނާ ފޮޓޯއިންނެވެ. އެކަން ކުރަނީ ވަރަށް ކެތްތެރިކަމާ އެކު މަޑުމަޑުން ކުއްޖާ ހައްލާލައިގެންނެވެ. ފޮޓޯތައް ލިބުމުން، އެ ބޭނުންކޮށްގެން ކުއްޖާ ބްލެކްމެއިލް ކުރެ އެވެ. ފައިސާ ހޯދުމާއި ޖިންސީ ގޯނާ ކުރަނީ ފޮޓޯތަކުން ބިރު ދައްކައިގެންނެވެ.

މިކަމުގައި ޝިކާރައަކަށް ވަރަށް ޅައުމުރުގެ ކުދިން ވެސް ވެފައިވެ އެވެ.

"މިހާރު، 12-13 އަހަރު ކުދިން ވެސް އެބަ ބޯއީފްރެންޑް ހޯދާ. ދެން ފޮޓޯ ޝެއާކޮށް، ވާހަކަތަކެއް ދައްކާފައި ވަކި ހިސާބުން ބްލެކްމެއިލްކުރުމަށް އެބަ ބަދަލުވޭ. ފޮޓޯތައް ބޭނުންކޮށްގެން ދެން ފަށަނީ އެ ކުދިންނަށް އެބިއުސް ކުރަން،" ބަޝީރު ވިދާޅުވި އެވެ.

އެއްވެސް ލިމިޓެއް ނެތި އިންޓަނެޓް ބޭނުން ކުރަން ލިބިފައި އޮންނައިރު، އޭގެ ކޮންޓްރޯލް ވެސް އޮންނަނީ ކުދިންގެ އަތުގަ އެވެ. އިންޓަނެޓްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބެލެނިވެރިން ހޭލުންތެރިއެއް ނޫނެވެ. ގިނަ ފަހަރަށް، އެއަށް މައްސަލައެއް ދިމާވިޔަސް، ހައްލު ހޯދައިދޭން ބެލެނިވެރިން އެދެނީ ކުދިންގެ ގާތުންނެވެ. އެހެންވެ، އިންޓަނެޓުން އެއްޗެހި ޑައުންލޯޑްކޮށް، އަދި އަޕްލޯޑްކޮށް ހެދުމުގައި ކުދިންނަށް އެއްވެސް ހުރަހެއް ނެތެވެ.

އިންޓަނެޓްގެ ކޮންޓްރޯލް ހޯދައި، ފާރަވެރިވޭ!

އިންޓަނެޓްގެ ނުބައި މަޅިތަކުގައި ބެދުމުގެ ކުރިން ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހެ އެވެ. އެންމެ ފުރަަތަމަ ކަމަކަށް، އިންޓަނެޓްގެ ކޮންޓްރޯލް ބެލެނިވެރިންގެ އަތްމައްޗަށް ގެނައުމެވެ.

ރައްކާތެރިގޮތުގައި ކުދިން އިންޓަނެޓް ބޭނުން ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ފޮތެއް

ރައްކާތެރިގޮތުގައި ކުދިން އިންޓަނެޓް ބޭނުން ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ފޮތެއް

ބަޝީރު ވިދާޅުވީ އިންޓަނެޓްގެ ތެރެއަށް ކުދިން ގެއްލުނަ ނުދިނުމަށް، އެ ބޭނުންކުރާ މިންވަރު ވެސް ލިމިޓްކުރަން ޖެހޭ ކަމަށެވެ. ޑައުންލޯޑް ނުވަތަ އަޕްލޯޑް ނުކުރެވޭ ގޮތް ހަދައި، ކުދިން ބޭނުން ކުރާ އެޕްލިކޭޝަންތައް ބަލަން ޖެހެ އެވެ. އަދި ސޯޝަލް މީޑިއާ އާއި އެހެން އެޕްލިކޭޝަންތަކުން ވެސް ކުދިން މުއާމަލާތު ކުރާ މީހުން ބަލައި، ދައްކާފައި ހުންނަ ވާހަކަތައް ގަވައިދުން ޗެކް ކުރަން ޖެހެ އެވެ.

"ކުދިން އިންޓަނެޓް ބޭނުން ކުރަންވީ މައިންބަފައިންނަށް އަޑު އިވޭ އަދި ފެންނަ ހިސާބުގައި. އަދި ބެލެނިވެރިން ވެސް ޖެހޭ، ދޭތެރެއަކުން ގޮސް ކުދިން ކުރަނީ ކޮން ކަމެއްތޯ ބަލައިލަން. އިންޓަނެޓަށް ފަރިތަ ނޫން ޕޭރަންޓެއް ނަމަ، އެކަން ދަންނަ ގޭގެ އެހެން މީހަކު ލައްވާ ވެސް މޮނީޓާ ކުރެވިދާނެ،" ބަޝީރު ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަކަށް، އިންޓަނެޓްގެ ކޮންޓްރޯލް ހޯދަންވީ ބެލެނިވެރިން،"

އޭގެ އިތުރުން މުހިއްމު އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކުދިންނާ އެކަށީގެންވާ ވަރަށް އިންޓަނެޓް ބޭނުންކުރާ މިންވަރެއް ނުވަތަ ޔޫސޭޖެއް ކަނޑައެޅުމެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ، އާކްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު މުރުތަލާ މޫސާ ވިދާޅުވި ގޮތުގައި އިންޓަނެޓް މެދުވެރިކޮށް އެންމެ ފުރަތަމަ ކަމަކަށް، އިންޓަނެޓްގެ ޒަރީއާއިން ކުދިންނަށް ކުރިމަތިވާނެ ރިސްކުތައް ބެލެނިވެރިން ދެނެގަންނަން ޖެހެ އެވެ. އެ ރިސްކުތައް ތިން ބަޔަކަށް ބަހާލައްވަމުން، ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އުމުރާ ނުގުޅޭ އެއްޗެއްސަށް ކުދިން ހުށަހެޅުން ނުވަތަ "ކޮންޓެންޓް ރިސްކެ"ވެ. ދެ ވަނަ ކަމަކީ، ކުދިން ކޮންމެހެން މުއާމަލާތު ކުރަން ނުޖެހޭ މީހުންނާ މުއާމަލާތު ކުރުމެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި މުރުތަލާ ފާހަގަކުރެއްވީ، އިންޓަނެޓުގައި ކުއްޖާ އަމަލުތައް ބަހައްޓާ ގޮތަކުން، ކުރިމަތިވެދާނެ ނުރައްކާތައް ނުވަތަ "ކޮންޑަކްޓް ރިސްކެ"ވެ.

އެ ރިސްކުތަކުގެ އިތުރުން ދެން ބެލެނިވެރިން ދެނެގަންނަން ޖެހޭނެ އަނެއް ކަމަކީ، އިންޓަނެޓްގެ ޒަރީއާއިން ކުއްޖަކަށް އަނިޔާ ލިބެމުންދާ ކަމުގެ ނިޝާންތަކެވެ.

"މިސާލަކަށް، އާއްމުކޮށް އޮންލައިންވާ ވަރަށް ވުރެ ގިނައިން ނުވަތަ މާ މަދުން އޮންލައިންވުން. އިންޓަނެޓް ބޭނުން ކުރާއިރު ނުުވަތަ ބޭނުން ކުރުމަށް ފަހު ރުޅިއައުން، ދެރަވުން ނުވަތަ ބިރުގަތުން. މިއީ ބެލެނިވެރިންނަށް ދެނެގަނެވޭނެ ބައެއް ނިޝާންތައް،" މުރުތަލާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މުއާމަލާތު ކުރަނީ ކާކާކަން ނުވަތަ ކުރަނީ ކީއްކަން ސިއްރުކުރުމާއި މުޅިން އާ "އޮންލައިން ރައްޓެހިން" ނުވަތަ އެ މީހުންގެ އީމެއިލާއި ފޯން ނަމްބަރު ފަދަ މައުލޫމާތު ކުއްލިއަކަށް ހުރުމަކީ ވެސް ބެލެނިވެރިންނަށް ސުވާލު ކުރެވިދާނެ ކަންކަމެވެ.

ކުދިން މި ފަދަ މަޅިއެއްގައި ބަނދެވިއްޖެ ނަމަ، އުޅުމަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. އެގޮތުން ކަންކަމާ މެދު ހިތް ނުތަނަވަސްވުން ނުވަތަ އެންޒައިޓީ ބޮޑުވުމާއި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވުން ފަދަ ކަންކަމުގެ ވާހަކަ ދެއްކުން ގާތެވެ.

ރައްކާތެރި ގޮތުގައި ކުދިން އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން، ބެލެނިވެރިން މައުލޫމާތު ހޯދުން ވަރަށް މުހިއްމެވެ. ހާއްސަކޮށް، އިންޓަނެޓް ބޭނުން ކުރާ ވަސީލަތްތަކުގައި ހުންނަ ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ "ޗައިލްޑް ސޭފްޓީ ޓޫލްސް" ބެލެނިވެރިން ދަސްކުރަން ޖެހެ އެވެ. އަދި ކުދިންގެ ފަރާތުން މި ފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ، ދެން އަމަލު ކުރަންވީ ގޮތް ވެސް ބެލެނިވެރިންނަށް އެނގެން ޖެހެ އެވެ.

އިންޓަނެޓު މެދުވެރިކޮށް، ކުޑަކުދިންނަށް ގޯނާ ކުރުމާއި ބިރު ދެއްކުން ގިނަވެފައިވާ މި ދުވަސްވަރު، އެކަންކަން ހުއްޓުވަން ކަމާ ބެހޭ އިދާރާތަކުން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކާއި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތައް، އެއްމޭޒު ދޮށަށް އެއްވެ ގިނަ މަޝްވަރާތަކެއް އެބަ ކުރެ އެވެ. އެކަމަކު ރައްކާތެރި ގޮތުގައި ދަރިން އިންޓަނެޓް ބޭނުން ކުރުމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ބެލެނިވެރިންގެ އަތްމަތީގަ އެވެ. އެ ޒިންމާ ފުރިހަމައަށް އަދާކުރާށެވެ.