Roadha Mihaaru
މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުހަށް ހާޒިރުކޮށްފި

ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

06 ޖުލައި 2020

ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ ރިލޭޝަން އޮފިސަރު، ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ވިދާޅުވީ އެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ރިޒާ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ މެމްބަރު ރިޒާ އަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

ސީލް މޯލްޑިވްސް އިން ތަރައްގީ ކުރާ ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީން، އެ މީހުންނަށް މުސާރަ ނުލިބިގެން މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލައާ އެކު، ސީލް އިން ރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ރިޒާގެ ކުންފުނީގެ މައްސަލަ ފެންމަތިވީ އެވެ.

އެ މައްސަލަތަކާ ގުޅިގެން ފުލުހުން މިއަދު ބުނީ، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާ.." ކަމަށް ވެސް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން މަސައްކަތްތެރިންގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް ކުންފުނިން ފައިސާ ނުދޭތީ ކަމަށް ރިޒާ ވަނީ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ސީލް ކުންފުނީގެ ވަކީލުން ބުނީ، ރިޒް އިން ބުނާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސް އިން ދައްކަންޖެހެނީ 12،332،765ރ. ކަމަށެވެ. އެކަމަކު ކޮންޓްރެކްޓަރަށް މިހާތަނަށް 21،773،338.21ރ. ދައްކާފައިވާ ކަމަށް ސީލް އިން ބުންޏެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ދެން ތިބި ބިދޭސީން އަދި ވެސް ތިބީ އެ ރަށުގަ އެވެ. އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިއްޔެ އިންކާރުކޮށްފަ އެވެ.