Roadha Mihaaru
ގޭސް މާނުއާ ގުޅޭ މައްސަލަތަކުގައި އޭސީސީން ޕީޖީ އަށް

ގޭސް މާނުއާ ގުޅޭ މައްސަލަތަކުގައި ޕީޖީއާ މަޝްވަރާކުރަނީ

07 ޖުލައި 2020

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އަށް ތުހުމަތުވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ނުގެންދެވިފައި ވާތީ ޕްރޮސިކިއުޓަ ޖެނެރަލްއާ މަޝްވަރާ ކުރަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އަށް ތުހުމަތުވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ނުގެންދެވިފައި ވާތީ ޕްރޮސިކިއުޓަ ޖެނެރަލްއާ މަޝްވަރާ ކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ އިއްޔެ ވިދާޅުވީ، ކުރީގެ ކޮމިޝަނުން ފެށިގެން ތަހުގީގު ކުރާ އެ މައްސަލަތަކުގެ ތަހުގީގުގެ ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ. އެކަމަކު، މާނު ރާއްޖެ އިން ބޭރުގައި ހުންނެވުމާ އެކު، ތަހުގީގަށް ސުވާލުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭސީސީން މި މައުލޫމާތު ހާމަކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސީ އެކި ހަރަކާތްތަކަށް ބޮޑެތި ޚަރަދުތަކެއް ކުރެއްވި ކަމަށް ބުނާ މާނަށް ތުހުމަތުކުރާ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ނިމި ދައުވާ ކުރަން ފޮނުވާފައިވާ އަދަދުގެ ތަފްސީލަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެދިވަޑައިގަތުމުންނެވެ.،

ބޮންޑޭ ވިދާޅުވި ގޮތުގައި މާނަށް ތުހުމަތުކުރާ ހުރިހާ މައްސަލަތަކުގައި ވެސް އޮތީ "ތަހުގީގު ކުރަމުންދަނީ" ކަމަށް ބުނެފަ އެވެ. އިންޓަޕޯލް މެދުވެރިކޮށް، މާނު ގެނައުމުގެ އެހީ އަށް ފުލުސް އޮފީހުގައި އެދިވަޑައިގަތްތޯ ވެސް ބޮންޑޭ އެއްސެވި އެވެ.

"މޯލްޑިވް ގޭސްގެ ތި ވިދާޅުވި ހުރިހާ މައްސަލައަކީ ޑޮކިއުމެންޓް ކަލެކްޝަން އާއި އަދި އެހެނިހެން އެވިޑެންސްގެ ވަރަށް ބޮޑެތި މަސައްކަތް ކުރެވިފައި އޮތް މައްސަލައެއް،"

އެއްވެސް މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފައިވޭތޯ ބޮންޑޭ އެއްސެވުމުން އަނޫލާ ވިދާޅުވީ، މާނަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ވަރަށް ގިނަ އެނަލިސިސްތައް ހަދާފައިވާ ކަމަށެވެ. ތަހުގީގުގައި، ބައެއް ކަހަލަ ސްޓެރެޓެޖީސްތައް ބޭނުންކުރާ ކަމަށާއި އޭނާ މި ވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވުމުން މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ޕީޖީ އޮފީހާ އެކު މަޝްވަރާ ކުރަނީ ކަމަށެވެ.

"މަޝްވަރާ ކުރުމަށް ފަހު މައްސަލައިގައި ކުރިއަށް ދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ބަލާނީ،" އަނޫލާ ވިދާޅުވި އެވެ.

"މޯލްޑިވް ގޭސްގެ ތި ވިދާޅުވި ހުރިހާ މައްސަލައަކީ ޑޮކިއުމެންޓް ކަލެކްޝަން އާއި އަދި އެހެނިހެން އެވިޑެންސްގެ ވަރަށް ބޮޑެތި މަސައްކަތް ކުރެވިފައި އޮތް މައްސަލައެއް."

މާނުގެ މައްސަލަތަކުގައި ޕީޖީއާ ކުރިން މަޝްވަރާކޮށްފައި ނުވާ ކަމަށް އޭސީސީން ކޮމިޓީގައި ބުނުމާ އެކު ކޮމިޝަނުން ކުރީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައި، ބޮންޑޭ ހިތްހަމަޖެހިވަޑައިނުގެން ކޮމިޓީ ދޫކުރައްވައި ވަޑައިގަތީ އެވެ.

އެސްއޯއީ ކޮމިޓީގައި އޭސީސީގެ ކުރީގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި މާނު ފުރައިގެން ދިޔައީ އޭނާ އަށް ތުހުމަތުކުރާ މައްސަލަތަކުގައި ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދިފައި އޮއްވަ އެވެ. މޯލްޑިވް ގޭސްއާ ގުޅޭ ބޮޑެތި މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.