Roadha Mihaaru
އުސޫލާ އެއްގޮތަށް އަމަލުކުރޭތޯ ބަލަން އިންސްޕެކްޝަނެއް

އުސޫލްތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް މާލޭގައި އިންސްޕެކްޝަނެއް

08 ޖުލައި 2020

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑެތި ލުއިތަކަކާ އެކު، އާންމު ހިދުމަތްދޭ ތަންތަނާއި އޮފީސްތައް ހުޅުވާލާފައިވާއިރު، އެ ތަންތަނުގައި އަމަލު ކުރަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑެތި ލުއިތަކަކާ އެކު، އާންމު ހިދުމަތްދޭ ތަންތަނާއި އޮފީސްތައް ހުޅުވާލާފައިވާއިރު، އެ ތަންތަނުގައި އަމަލު ކުރަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށްތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، މާލެ ސަރަހައްދުގެ ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ފިހާރަތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަން ކުރިއަށް ގެންދާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. މި އިންސްޕެކްޝަންގައި، ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަނަކާއި ސެލޫންތަކާއި ޖިމް އަދި ކަސްރަތު ކްލާސްތަކާއި މާރުކޭޓްތައް ވެސް ބަލާނެ އެވެ.

ނާސިރު ވިދާޅުވި ގޮތުގައި އިންސްޕެކްޝަން ކުރިއަށް ގެންދާނީ އެޗްޕީއޭ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި ރެޑްކްރެސެންޓާއި އެޗްޑީސީ އަދި ވެމްކޯ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ މިވަގުތު މި އިންސްޕެކްޝަން ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ މާލެ ސަރަހައްދުގައި އެކަނި ނަމަވެސް ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގައި ވެސް މިކަން ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެޗްއީއޯސީގެ މިރޭގެ މީޑިއާ ބްރީފިން (ކ-ވ) އިންސްޕެކްޓާ އޮފް ޕޮލިސް ރަހުމާ، އެޗްޕީއޭގެ ޑިރެކްޓަރު ނާސިރު އަދި ޑެޕިއުޓީ މޭޔަރު ޝަމާއު.

އެޗްއީއޯސީގެ މިރޭގެ މީޑިއާ ބްރީފިން (ކ-ވ) އިންސްޕެކްޓާ އޮފް ޕޮލިސް ރަހުމާ، އެޗްޕީއޭގެ ޑިރެކްޓަރު ނާސިރު އަދި ޑެޕިއުޓީ މޭޔަރު ޝަމާއު.

މި އިންސްޕެކްޝަންގައި މައިގަނޑު ގޮތެއްގައި ބަލާނީ، އެޗްޕީއޭ އިން ކޮންމެ ތަނަކަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ކުރޭތޯ އެވެ. ސަރުކާރުން ދީފައި ހުރީ ކޮން ހުއްދަތަކެއްތޯ އާއި އުސޫލާ އެއްގޮތަށް ގައިދުރުކުރުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅާތޯ ވެސް ބަލާނެ ކަމަށް ނާސިރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާންކުރި ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއްދީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކެފޭ/ރެސްޓޯރަންޓާއި މިފަދަ ތަންތަން އާންމުންނަށް ވަނީ ހުޅުވާލައިފަ އެވެ. އެ ތަންތަނުގައި އަމަލުކުރާނެ އުސޫލުތައް ވެސް އެޗްޕީއޭ އިން އާންމުކޮށްފައި ވެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 2,501 ކޭސް ފެނިފައިވާއިރު، މި ބަލިން 2،158 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބަލީގައި މަރުވީ 12 މީހުންނެވެ.