Roadha Mihaaru
ރާއްޖޭގެ ކަނޑޫފާތަކަށް މިވަނީ ކިހިނެއް؟

ރާއްޖޭގެ ކަނޑޫފާތަކަށް މިވަނީ ކިހިނެއް؟

11 ޖުލައި 2020

ފެހިކަން ގަދަ އެ ކަނޑޫފާތަކުން މިހާރު ފެންނަނީ ވީރާނާކަމެވެ. ހއ. ކެލަ އާއި ހދ. ނޭކުރެންދޫގެ އިތުރުން އުތުރުގެ އެހެން ރަށްރަށުގެ ކަނޑޫފާތަކަށް ވެސް އާދަޔާ ހިލާފު ގެއްލުންތަކެއް ވަމުން އެބަ ދެ އެވެ. އިންޑިއާ ކަނޑުގައި ވެސް އޮތް އެންމެ ބޮޑު އެއް ކަނޑޫފާ ކަމަށްވާ ނޭކުރެންދޫން 10،000 އަށް ވުރެ ގިނަ ކަނޑޫ ގަސް ވަނީ މަރުވެފަ އެވެ. ކެލާ ކަނޑޫފަލަށް ވެސް އޮތީ އެ މައްސަލަ ކުރިމަތިވެފަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފެހިކަން ގަދަ އެ ކަނޑޫފާތަކުން މިހާރު ފެންނަނީ ވީރާނާކަމެވެ. ހއ. ކެލަ އާއި ހދ. ނޭކުރެންދޫގެ އިތުރުން އުތުރުގެ އެހެން ރަށްރަށުގެ ކަނޑޫފާތަކަށް ވެސް އާދަޔާ ހިލާފު ގެއްލުންތަކެއް ވަމުން އެބަ ދެ އެވެ. އިންޑިއާ ކަނޑުގައި ވެސް އޮތް އެންމެ ބޮޑު އެއް ކަނޑޫފާ ކަމަށްވާ ނޭކުރެންދޫން 10،000 އަށް ވުރެ ގިނަ ކަނޑޫ ގަސް ވަނީ މަރުވެފަ އެވެ. ކެލާ ކަނޑޫފަލަށް ވެސް އޮތީ އެ މައްސަލަ ކުރިމަތިވެފަ އެވެ.

ރާއްޖޭގެ ފާތަކުގައި ކަނޑުލުގެ އިތުރުން ބުރެވި ގަހާއި ބޮޑަވަކި ގަހާއި ތެލަ ގަހާއި ތަކަފަތި ގަސް ވެސް ގިނަ އަދަދަކަށް ހުރެ އެވެ. އޭގެ ތެރެއިން ކެލަޔާއި ނޭކުރެންދޫ ފަލުން މުޅިންހެން މަރު ވަނީ ކަނޑޫ ގަހެވެ.

Veegotheh neynge, raajjey ge enme bodu kandeefaa maruvanee!

Veegotheh neynge, raajjey ge enme bodu kandeefaa maruvanee!

The most trusted news source in the Maldives

Mihaaru

ނޭކުރެންދޫ ކަނޑޫފަލުން 10،000 ގަސް މަރުވުން

މީގެ ކުރިން ވީ ކަމެއް ނޫން

އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު ފަރަހަތު އަލީ ވިދާޅުވި ގޮތުގައި މިފަދަ މައްސަލައެއް މީގެ ކުރިން ރާއްޖޭގެ ކަނޑޫފާތަކަށް ދިމާވިކަން އެއްވެސް ރެކޯޑަކުން ނުދައްކަ އެވެ. ނަމަވެސް ތަންކޮޅެއް ކުރިން އެފަދަ މައްސަލައެއް ދިމާވެގެން ހައްލުކުރި ކަމަށް ނޭކުރެންދޫގެ ދުވަސްވީ ބައެއް މީހުން ބުނެފައިވާތީ އޭރު އެކަމަށް ހޯދި ފަރުވާއާ ބެހޭ މައުލޫމާތު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޭކުރެންދޫ ކަނޑޫފަލުން ގަސް މަރުވާތީ ކަންބޮޑުވުން ފާޅުކޮށް މީހަކު ކުރި ޓްވީޓެއް

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ މައްސަލަ އަންނަނީ ކުރިމަތި ވަމުންނެވެ. ނަމަވެސް ބޮޑުވަރު ވާން ފެށީ މިފަހުންނެވެ. އީޕީއޭ އާއި އެގްރިކަލްޗާ މިނިސްޓްރީން މިހާރު ވަނީ ކަނޑޫފާތަކަށް ކުރިމަތިވެފައިވާ ބިރުގެ އަސްލު ހޯދަން ފަށައިފަ އެވެ. ކޮވިޑް-19ގެ ސަބަބުން މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިއުމުން އެ ދިރާސާ މިހާތަނަށް އޮތީ ނުހެދި ލަސްވެފަ އެވެ. ނަމަވެސް އީޕީއޭ އާއި އެގްރިކަލްޗާގެ ޓީމަކުން މިހާރު ކެލާގައި އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. ދިރާސާއަށް އެ ސަރަހައްދުތަކުން ފެން ނަގައި ރާއްޖެއިން ބޭރަށް ފޮނުވާނެ އެވެ.

ނޭކުރެންދޫ ކަނޑޫފާ މަރުވާ ސަބަބު ހޯދުމަށް، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ސޭވް މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ) އާއި މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގުޅިގެން ވެސް ވަނީ ދިރާސާއެއް ފަށައިފަ އެވެ.

ލަފާކުރެވޭ ދެތިން ސަބަބެއް

އީޕީއޭއިން ބުނިގޮތުގައި ކަނޑޫފާ މަރުވާން ދިމާވާ ބައިވަރު ސަބަބުތައް އެބަ ހުއްޓެވެ. މިހާތަނަށް ބެލިބެލުމުން ކެލާގެ ކަނޑޫ ގަސްތަކުގެ ތޮށިގަނޑަށް ގެއްލުން ވެފައިވާކަން ފާހަގަކުރެވޭ ކަމަށް އީޕީއޭއިން ބުނެ އެވެ. އެ ގެއްލުންތަކުން "ޕްލާންޓް ޕެތަގޮން" އެއްގެ އަސަރު ހުރެދާނެ ކަމަށް އީޕީއޭއިން ލަފާކުރެ އެވެ.

ކެލާ، ކަނޑޫފަލުން މަރުވި ގަސްތަކުގެ ބުޑަށް ގެއްލުން ވެފައި: އެއީ ފަންޏެއް އެޅުމުގެ ސަބަބުން ދިމާވެދާނެ ކަމެއް ކަމަށް ވެސް ލަފާކުރޭ-- ފޮޓޯ: އީޕީއޭ

ކެލާ، ކަނޑޫފަލުން މަރުވި ގަސްތަކުގެ ބުޑަށް ގެއްލުން ވެފައި: އެއީ ފަންޏެއް އެޅުމުގެ ސަބަބުން ދިމާވެދާނެ ކަމެއް ކަމަށް ވެސް ލަފާކުރޭ-- ފޮޓޯ: އީޕީއޭ

ޕްލާންޓް ޕެތޮޖަން އަކީ އެ އެއްޗެއްގެ ސަބަބުން ގަސްތަކަށް ބަލި ޖެހޭ ކޮންމެ އެއްޗެކެވެ. އޭގެ ތެރޭގައި ފަންގީ އާއި ޖަރާސީމާއި ވައިރަސްގެ އިތުރުން އެހެނިހެން ބާވަތްތައް ވެސް ހިމެނެ އެވެ. އެ ގޮތް ގޮތުން މިފަދަ ޕެތޮޖަން، ގަސްގަހަށް ހަމަލާ ދެ އެވެ. ގަހުގެ ބޭރުން ފެންނަ އަލާމާތްތަކުން، އެ ގަހަށް ހަމަލާ ދިނީ ކޮން ބާވަތެއްގެ ޕެތޮޖެންއެއް ކަން އެނގެ އެވެ. އަދި އެ ގަހަށް ޖެހިފައި ވަނީ ކޮން ކަހަލަ ބައްޔެއްކަން ވެސް ދެނެގަނެވެ އެވެ.

އެކި ބާވަތުގެ ޕެތޮޖެން ގަސްތަކަށް ހަމަލާދޭނީ އެކި ގޮތްގޮތަށެވެ. ބައެއް ވައްތަރު، ގަހުގެ އެތެރެ "ބާރުގެ ދަށަށް" ގެންނައިރު އަނެއް ބައި ވެރިވެގަންނަނީ ގަހުގެ ބޭރަށެވެ. އެ ހަމަލާތަކުގެ އަލާމަތްތަކުގެ ތެރޭގައި ފަތް މުށި ވުމާއި މަދުން މޭވާ އެޅުމާއި އެއްގޮތަކަށް މާ ނޭޅުން ހިމެނެ އެވެ.

ފަރަހަތު ވިދާޅުވި ގޮތުގައި ފާތަކަށް ގެއްލުން ލިބޭ ފަދަ އުމުރާނީ ބޮޑު އެއްވެސް މަޝްރޫއެއް ކެލަޔާއި ނޭކުރެންދޫގައި ހިންގާފައެއް ނުވެ އެވެ. އެހެންކަމުން އެއީ މޫސުމީ ބަދަލެއް ކަމަށް ވެދާނެތީ މީޓިއޮރޮލިޖިކަލް ޑޭޓާ ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނޭކުރެންދޫ ކުޅިން ކަނޑޫ ގަސްތަކެއް ހިކި، މަރުވެފައި: އެ ފަލުން 10،000 އެއްހާ ކަނޑޫ ގަސް ވަނީ މަރުވެފައި-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް

ނޭކުރެންދޫ ކުޅިން ކަނޑޫ ގަސްތަކެއް ހިކި، މަރުވެފައި: އެ ފަލުން 10،000 އެއްހާ ކަނޑޫ ގަސް ވަނީ މަރުވެފައި-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް

ފަރަހަތު ވިދާޅުވި ގޮތުގައި ފާތަކުގައި އާންމުކޮށް ވެސް ގިނަ އަދަދެއްގެ ފަނިފަކުސަ އުޅޭއިރު އޭގެ ތެރެއިން އެއް ވައްތަރެއްގެ ބާވަތް މާ ގިނަ ވެއްޖެ ނަމަވެސް ގަސްތަކަށް ގެއްލުން ލިބިދާނެ އެވެ. އަދި ކެލާގެ ކަނޑޫފާ ސާވޭކުރިއިރު ވަކި ވައްތަރެއްގެ ފަނި ގިނަކަން ފާހަގަކުރެވިފައި ވާތީ އެއީ ކޮން ކަހަލަ ފަންޏެއްކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"މޫސުމީ ބަދަލަކުން ފަންޏެއް ގިނަ ވެދާނެ. ސާވޭއިން ފެނުނު ކުރިން އާންމުކޮށް ނުފެންނަ ކަހަލަ ފަންޏެއް. އެ ގިނައިން ފެންނަނީ އޭގެ އަބާދީ އިތުރުވީމަ. އޭގެ ސަބަބުން ގަހަށް ގެއްލުން ލިބިދާނެ،" ފަރަހަތު ވިދާޅުވި އެވެ.

ކެލާގައި މަރުވެފައި ހުރި ގަސްތަކުގެ ބުޑުން ފެށިގެން މައްޗަށް ފަންޏެއް ދުވެފައި ހުރި ކަހަލަ ނިޝާންތަކެއް ފެނިފައިވެ އެވެ. އެހެންކަމުން އެއީ ފަންޏެއް އެޅުމުގެ ސަބަބުން ދިމާވި ކަމަށް ވުމުގެ ފުރުސަތު އޮތް ކަމަށް އީޕީއޭ އިން ދެކެ އެވެ.

"މިބުނަނީ ލަފާކުރެވޭ ގޮތެއް. ސީދާ އަދި މިއީއޭ ސަބަބަކީ ބުނާކަށް ނޭނގެ. އެކަމަކު ފަނީގެ ސަބަބުން އެގޮތް މެދުވެރި ވެދާނެ،" ފަރަހަތު ވިދާޅުވި އެވެ.

ނޭކުރެންދޫ ކަނޑޫފަލުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ކުރިން ފެހިކަން ގަދަ އެ ފަލުން އެތައް ހާސް ކަނޑޫ ގަހެއް މިހާރު ވަނީ މަރުވެފައި-- ފޮޓޯ: ކައުންސިލް

ނޭކުރެންދޫ ކަނޑޫފަލުގެ މަތިން ނަގާފައިވާ ފޮޓޯއެއް: ކުރިން ފެހިކަން ގަދަ އެ ފަލުން އެތައް ހާސް ކަނޑޫ ގަހެއް މިހާރު ވަނީ މަރުވެފައި-- ފޮޓޯ: ކައުންސިލް

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމްގެ ނަޒަރުގައި އެގޮތަށް ކަނޑޫފާ މަރުވާން ދިމާވެދާނެ މައިގަނޑު އެއް ސަބަބަކަށް ލޮނުގެ އަސަރު މާ ބޮޑަށް ކުރުން ވެސް ވެދާނެ އެވެ.

"މެންގުރޫވްގެ އެކި ހިސާބުގެ އެކި އެއްޗެހި ހެދިފައި މިހުންނަނީ. މޫދާ ކައިރީގައި ބައެއް އެއްޗެހި. އެހެންވީމަ ލޮނުގެ އަސަރު ކުރާ މިންވަރުން ވެސް މިހެން ވެދާނެ،" ނައީމް ވިދާޅުވި އެވެ.

"އެބަ ފާހަގަކުރެވޭ ބޮޑެތި ގަސްތައް މަރުވެފައި ލޮނަށް ހެދޭ ގަސް ގިނަވާކަން. ބައެއް ގަސްތައް ހެދުމަށް ލޮނުގެ މިންވަރު މި ހުންނަން ޖެހެނީ ވަކި ވަރަކަށް. އެއަށް ވުރެ ގަދަ ވިޔަސް މަދު ވިޔަސް ގަސް މަރުވެދާނެ."

ރާއްޖޭގެ ގިނަ ރަށްރަށުގެ ކަނޑޫފާތައް އޮންނަނީ މޫދާ ވަރަށް ގާތުގަ އެވެ. ގިނަ ގަސްތައް މަރުވެފައިވާ ކެލަޔާއި ނޭކުރެންދޫގެ ކަނޑޫފާ އޮންނަނީ މޫދާ ޖެހިގެންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރު އުދަ ވެސް ކުރިއަށް ވުރެ ބޮޑަށް އަރަ އެވެ. އެހެންކަމުން ކަނޑޫފާތަކަށް ލޮނުގެ އަސަރު ބޮޑަށް ކުރުން އެކަށީގެންވާ ކަމަށް ނައީމް ވިދާޅުވި އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ އާދަމް ވިދާޅުވި ގޮތުގައި މުޅިންހެން މަރު ވެގެން ދަނީ ކަނޑޫ ގަހެވެ. އޭގެ ބަދަލުގައި ކަނޑޫ ފާތަކުގައި ހުރި ބުރެވި ގަސް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުރެވި ގަހަކީ ލޮނުގައި ހެދޭ އެއްޗެކެވެ.

ނޭކުރެންދޫ ފަލުން ކަނޑޫ ގަސްތައް މަރުވެފައި: ސަބަބު ހޯދަން އަންނަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް

ނޭކުރެންދޫ ފަލުން ކަނޑޫ ގަސްތައް މަރުވެފައި: ސަބަބު ހޯދަން އަންނަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ނޭކުރެންދޫ ކައުންސިލް

ނައީމް ވެސް ވިދާޅުވީ މަރުވި ގަސްގަހަށް ގޮތް ނޭނގޭ ބަލިތަކެއް ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ތޮށީގައި ފަންގަސް ހުރުމާއި ފަތްތައް އަނދާފައި ހުރުން، އޭގެ ނިޝާންތަކެއްގެ ގޮތުގައި ފެނެ އެވެ. އެކަމަކު އެއީ މީގެ ކުރިން ފާހަގަކުރެވިފައިވާ ބައްޔަކަށް ނުވާތީ އެކަން އީޕީއޭ އިން އަންނަނީ ބަލަމުންނެވެ.

ކަނޑޫފާތަކަކީ ކުރިން ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަންތަނެވެ. ކަނޑުލަކީ އޭރު ދިވެހިން އާންމުކޮށް ކައި އުޅުނު ބާވަތެކެވެ. ނަމަވެސް މިހާރު ކަނޑޫ ކައި އުޅެނީ ވަރަށް މަދުންނެވެ. އަދި ކަނޑޫފާތައް ހިމާޔަތްކޮށްފައި އޮތުމުން، އެ ފާތައް ހިމެނޭ ސަރަހައްދަށް އާންމުން ވަދެ އުޅުން ވެސް މަ އެވެ.

ނައީމް ވިދާޅުވި ގޮތުގައި ގަސްތައް ހެދިބޮޑުވާން ކޮންމެވެސް ވަރަކަށް ގަސް ކޮށުން މުހިންމެވެ. ނަމަވެސް ކަނޑޫފާތަކަށް ވަނުން މަނާކުރުމުން، އެފަދަ ގޮތަކަށް ގަސްކޮށައި، ތަނޑި ފަދަ އެއްޗެހި ފާތަކުން ބޭރުކުރުން މަނަ އެވެ. ނައީމް ގަބޫލުކުރައްވަނީ ކޮންމެވެސް ވަރަކަށް ދަނޑި ކޮށުން ފަދަ ކަންކަން ކުރެވޭނެ އިންތިޒާމެއް އޮތުން ރަނގަޅު ކަމަށެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހިމާޔަތަށް ކަނޑޫފާތައް ވަރަށް މުހިންމެވެ. ރަށް ގިރުމާއި ރަށްރަށުގައި ފެން ބޮޑުވުން ފަދަ މައްސަލަތަކުގެ ގުދުރަތީ އެއް ހައްލަކީ، ރީތިކަން ވެސް އެކުލެވޭ ކަނޑޫފާތަކެވެ.