Roadha Mihaaru
ސީރިއާގައި ވަނީ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި

ސީރިއާ ސިފައިން މިދިޔަ އަހަރު ވަނީ ކެމިކަލް ހަތިޔާރުން ހަމަލާދީފައި: ރިޕޯޓް

22 އޮކްޓޯބަރ 2016

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 22) - ސީރިއާ ސަރުކާރު ސިފައިން މިދިޔަ އަހަރު ތިން ވަނަ ފަހަރަށް ކެމިކަލް ހަތިޔާރުން ހަމަލާދީފައިވާ ކަމަށް އދ.ގެ ސަލާމަޖީ މަޖިލީހަށް ހުށަހަޅާފައިވާ ސިއްރު ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އޮކްޓޯބަރު 22) - ސީރިއާ ސަރުކާރު ސިފައިން މިދިޔަ އަހަރު ތިން ވަނަ ފަހަރަށް ކެމިކަލް ހަތިޔާރުން ހަމަލާދީފައިވާ ކަމަށް އދ.ގެ ސަލާމަޖީ މަޖިލީހަށް ހުށަހަޅާފައިވާ ސިއްރު ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ލީކުވެފައިވާ ރިޕޯޓުގައި ބުނާ ގޮތުން ސީރިއާ ސިފައިންގެ ހެލިކޮޕްޓަރުތަކުން ވަނީ ހުޅަނގު އުތުރުގެ ޕްރޮވިންސެއް ކަމަށްވާ އިދްލީބަށް މާޗް 2015 ގައި، މަނާކޮށްފައިވާ ބާވަތެއް ކަމަށްވާ ކްލޮރިން ގޭސް ހިމެނޭ ބެރަލް ބޮން އަޅައިފަ އެވެ. އޮގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) އިން ކުރިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސީރިއާ ސިފައިން މިދިޔަ އަހަރު ވަނީ އެހެން ދެ ފަހަރެއްގެ މަތިން ވެސް ކެމިކަލް ހަތިޔާރު ބޭނުންކޮށްފަ އެވެ. މިކަމާ ބެހޭ ގޮތުން ސީރިއާ ސަރުކާރުން ވަކި އެއްޗެއް ބުނެފައެެއް ނުވެ އެވެ.

ހަތިޔާރެއްގެ ގޮތުގައި ކްލޮރިން ގޭސް ބޭނުން ކުރުން ވަނީ 1997 ވަނަ އަހަރުގެ ކެމިކަލް ވެޕަންސް ކޮންވެންޝަނުގެ ދަށުން މަނާކޮށްފަ އެވެ. ސީރިއާ އިން މި ކޮންވެންޝަނުގައި 2013 ވަނަ އަހަރު ވަނީ ބައިވެރިވެފަ އެވެ.

އެމެރިކާ އާއި ރަޝިޔާއާ އެކު މަޝްވަރާކޮށް ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން ސީރިއާ އިން ވަނީ ކެމިކަލް ހަތިޔާރު 2013 ވަނަ އަހަރު ނައްތާލައިފަ އެވެ. އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އެ އެއްބަސްވުމަށް ތާއިދުކޮށް ގަރާރެއް ފާސްކޮށްފަ އެވެ. މި ގަރާރުގައިވާ ގޮތުން ސީރިއާ އިން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ އދ.ގެ ޗާޓަރުގެ 7 ވަނަ މާއްދާގައިވާ ގޮތުން އެ ގައުމާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު ނުވަތަ އަސްކަރީ ފިޔަވަޅު އަޅާނެ އެވެ.

ސީރިއާގައި ސަރުކާރު ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް އދ. އާއި އޯޕީސީޑަބްލިއު އިން ބުނެފައި ވަނީ 13 މަސް ދުވަހުގެ ތަހުގީގަކަށް ފަހު އެވެ. އޯޕީސީޑަބްލިއު އިން އޮގަސްޓް މަހު ހުށަހެޅި ތިން ވަނަ ރިޕޯޓުގައި ވެސް ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސީރިއާގައި ސަލްފާ-މަސްޓާޑް ގޭސް ބޭނުންކޮށްފައިވާ ކަމަށް ބުނެފަ އެވެ.