Roadha Mihaaru
މުޒާހާރާ ގަވައިދު ގާނޫނުއަސާސީއާ ހިލާފު: ބާކައުންސިލް

މުޒާހަރަކުރަންް ހުއްދަ ހޯދަންޖެހޭ ގަވައިދު ގާނޫނު އަސާސީއާ ހިލާފު: ބާކައުންސިލް

16 ޖުލައި 2020

ކުރިން ހުއްދަ ހޯދުމަކާނުލައި އެއްވުންތަކާއި މުޒާހަރާތައް ނުބޭއްވޭނެ ކަމަށް އަންގައި ހޯމް މިނިސްޓްރީން ކުރި އިއުލާނަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއާ ހިލާފު އިއުލާނެއް ކަމަށް ބާކައުންސިލުން އިއްޔެ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރިން ހުއްދަ ހޯދުމަކާނުލައި އެއްވުންތަކާއި މުޒާހަރާތައް ނުބޭއްވޭނެ ކަމަށް އަންގައި ހޯމް މިނިސްޓްރީން ކުރި އިއުލާނަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއާ ހިލާފު އިއުލާނެއް ކަމަށް ބާކައުންސިލުން އިއްޔެ ބުނެފި އެވެ.

ބާކައުންސިލުން ބުނީ އެއްވުންތައް ބާއްވަން ހުއްދަ ނަގަންޖެހޭ ގޮތަށް އަންގައި ހޯމް މިނިސްޓްރީން ކުރި އިއުލާނުގައި ހަވާލާދީފައިވާ ގޫނޫނުގެ މާއްދާ ވެސް ގާނޫނު އަސާސީއާ ހިލާފުކަމަށް ދެކޭ ކަމަށެވެ.

ހޯމް މިނިސްޓްރީގެ އިއުލާނުގައި ހަވާލާދީފައިވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އަށެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނަށް އެ އަކުރު އިތުރުކުރީ ކުރީގެ ރައީސް އަބްުދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާތަކެއް ބާއްވަން ފެށުމުުން އެކަމަށް ހުރަސް އެޅުމަށެވެ.

ބާކައުންސިލްގެ ބަޔާނުގައި ބުނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ގާނޫނު އަސާސީގެ 18 ވަނަ މާއްދާ އިން ދައުލަަތަށް ލާޒިމްކޮށްފައިވާ ކަމަކަށް ވާއިރު ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކުގައި ވެސް އެކަން ލާޒިމްކޮށްފައިވާ ކަަމަށެވެ.

ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާތަކުގެ ތެރެއިން އެ ހައްގު ކަށަވަރުކުރަން ލާޒިމްކުރާ އެއް މުއާހަދާ އަކީ ބާކައުންސިލުން ބުނި ގޮތުގައި އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) އެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ކަނޑައަޅާފައިވާ ކަންތައްތަކަކީ ގާނުނޫނު އަސާސީއާ ހިލާފު އަދި އައިސީސީޕީއާރުގެ އުސޫލުތަކާ ހިލާފު ކަންތައްތައްތަކަކށް ވާތީ އެ އިއުލާނު ބާތިލް ކުރަން ބާކައުންސިލްގެ ބަޔާނުގައި ގޮވާލައިފަައިވެ އެވެ. އަދި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) އަކީ ގާނޫނު އަސާސީއާ ހިލާފު މާއްދާއަކަށް ވާތީ އެ މާއްްދާ އުވައިލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެކަައުންސިލުން އިލްތިމާސް ކުރި އެވެ.

"ގާނޫނު ނަމްބަރު 2013/1 ( ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނު)ގެ 24 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވައިލަމެވެ،" ބާކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

އެއްވެ އުޅުން ހަނިކުރަން ގާނޫނަށް ގެނައި އިސްލާހު އުވާލަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ހުށަހަޅުއްވައިފަ އެވެ. އެކަމަކު އެ ހުށަހެޅުމާ ބެހޭ އެއްވެސް ކަމެއް އަދި ކުރިއަކަށް ނުގެންދެ އެވެ.

ކުރީގެ ސަރުކާރުން އެދިގެން ގެނައި އެ އިސްލާހު އުވައިލުމަށް ގޮވާލައި، އޭރު އިދިކޮޅުގައި އެމްޑީޕީން ވަނީ އަޑު އުފުލައިފަ އެވެ. މިހާރުގެ ރައީސް އަދި އޭރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެއްވެ އުޅުން ހަނިކުރުމަށްޓަކައި ގާނޫނަށް ގެނައި ބަދަލަށް އަމަލު ކުރަން ނުޖެހޭނެ ކަމަށެވެ.