Roadha Mihaaru
ރާއްޖޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ، 106 އަހަރުގައި މަރުވެއްޖެ

18 ޖުލައި 2020

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ، އުމުރުން 106 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ، އުމުރުން 106 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ހއ. ހަތިފުއްޓަށް އުފަން، އަދި ފަހުން ހދ. ހަނިމާދު އަށް ދިރިއުޅުން ބަދަލުކުރި، އަބްދުއްރަހްމާން މޫސާ މިއަދު ހެނދުނު ހަނިމާދޫގައި މަރުވީ މުސްކުޅި ބަލީގައި ކުއްލި ގޮތަކަށެވެ.

އަބްދުއްރަހްމާންގެ އާއިލާ އިން ބުނިގޮތުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ވޯޓުލާން ލިސްޓް ހެދި އިރު ރާއްޖޭގައި އެހާތަނަށް ހުރި އެންމެ ދުވަސްވީ މީހަކީ އަބްދުއްރަހްމާނެވެ. އައިޑީކާޑުގައި ލިޔެފައިވާ ގޮތުން އަބްދުއްރަހްމާނު އުފަންވީ ނޮވެމްބަރު 11، 1913 ގަ އެވެ.

އޭނާގެ 10 ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު، އަބްދުއްރަޝީދު އަބްދުއްރަހުމާން 55، ބުނިގޮތުގައި އޭނާގެ ބައްޕަ އަށް މިދިޔަ އަހަރު ފަހުކޮޅު ސްޓްރޯކެއް ޖެހުމުން އޭގެ ފަހުން އުޅުނީ ބަލިވެ އެވެ. އެ ބަލިން އެއްކޮށް ރަނގަޅު ނުވެ އުޅެނިކޮށް މިދިޔަ ޖެނުއަރީ މަހު ފައިބިނދުނު ކަމަށާއި މިއަދު މަރުވިއިރު ވެސް އެކަމުން އެއްކޮށް ފަސޭހަ ނުވާ ކަމަށް އޭނާ ބުންޏެވެ.

"ހެނދުނު ކުއްލިއަކަށް ބުނީ ބައްޕަގެ ބަނޑަށާއި ބޮލަށް ތަދުވާ ވާހަކަ. ދެން އަޅުގަނޑުމެން ބޭސް އުނގުޅާ ހެދީމާ ކުއްލިއަކަށް ބުނީ ބައްޕަ މަރުވަނިއްޔޭ. ދެން އެމްބިއުލާންސަށް އަރުވައިގެން ގެންދިޔައީ ސިއްހީ މަރުކަޒަށް. ގެންދިޔަ އިރު ވެސް ދެ ފަހަރަކު ފުންކޮށް ނޭވާލި. އެއަށް ފަހު މަރުވީ،" ދަރިފުޅު ބުންޏެވެ.

އުމުރުގެ ގިނަ ދުވަހު މަސްވެރިއެއްގެ ގޮތުގައި އުޅުނު އަބްދުއްރަހްމާން މަޝްހޫރުވެފައި ވަނީ މޮޅު ކެޔޮޅެއްގެ ގޮތުގަ އެވެ.

އޭނާއަށް 10 ކުދިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިބީ ހަ ކުދިންނެވެ. އަބްދުއްރަހްމާނަށް ކާފަ ކިޔާ 30 ކުދިން އެބަ ތިއްބެވެ. މުނިކާފަ ކިޔާ 40 ކުދިން އެބަ ތިއްބެވެ. އޭނާގެ އަންހެނުން މީގެ ހަ އަހަރު ކުރިން ވަނީ މަރުވެފަ އެވެ.

އުމުރުން އެހާ ދުވަސްވީއިރު ވެސް އަބްދުއްރަހްމާންގެ ހަނދާން ރަނގަޅެވެ. ކުރީގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލުމާއި ކުރީގެ ހަނދާތައް މިދިޔަ އަހަރު އޭނާ ވަނީ "މިހާރު" ގެ މެނޭޖުމަންޓުން ނެރޭ "ދޯ މެގަޒިން" އަށް ކިޔައި ދީފަ އެވެ.

އަބްދުއްރަހްމާނު އޭރު ބުނި ގޮތުގައި އޭނާގެ ދިގު އުމުރާ ގުޅިފައިވަނީ ކެއުންބުއިމުގައި ގެންގުޅޭ އުސޫލެވެ. ގަވާއިދުން ކޮންމެ ގަޑިއަކު އޭނާ ކައެވެ. އެކަމަކު ކަނީ ކުޑަ އެތިކޮޅެކެވެ. އާންމުކޮށް ކައި އުޅެނީ ބަތާ އެކު ގަރުދިޔަ އާއި ތަރުކާރީ އާއި ފަރުމަހެވެ. އެއަށް ފަހު ކޮންމެވެސް ކަަހަލަ ފޮނި ކާ އެއްޗެކެވެ.