Roadha Mihaaru
މަޖިލިހުގެ މުވައްޒަފަކަށް އަނެއްކާވެސް ކޮވިޑް ޖެހިއްޖެ

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

19 ޖުލައި 2020

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް އަނެއްކާވެސް ޕޮޒިޓިވް ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑް-19 އަށް އަނެއްކާވެސް ޕޮޒިޓިވް ވެއްޖެ އެވެ.

އެ އިދާރާގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، އެ ބައްޔަށް މިއަދު ޕޮޒިޓިވްވީ މަޖިލީހުގެ ކޮމިޓީ ސެކްޝަންގެ މުވައްޒަފަކު ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތް އެޗްޕީއޭ އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ކޭހާ ގުޅިގެން ކަރަންޓީނު ކުރަން ޖެހޭނީ މަޖިލީހުގެ އިދާރާގެ ކިތައް މުވައްޒަފުންނާއި މެމްބަރުންކަން އެނގޭނީ ކޮންޓެކްޓް ޓްރޭސިން އަށް ފަހު އެވެ.

މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފަކު މީގެ ކުރިން ވެސް ކޮވިޑަށް ޕޮރިޒިޓިވް ވި އެވެ. އެ ފަހަރު ކޮންޓެކްޓް ޓްރޭސިން ހަދައި، މުވައްޒަފުންތަކެއް ކަރަންޓީނު ކުރި ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގެ އިތުރުން އެހެނިގެން މަސައްކަތްތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔަ އެވެ. އޭރު އެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނީ، ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު، މަޖިލީހުގެ މަސައްކަތްތައް މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާ ކަމަށެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި އެޅި ރައްކާތެެރިކަމުގެ ފިޔަަވަޅުތަކާ އެކު، މަޖިލީހުގެ ޖަލްސާތައް ފުރަތަމަ ބާއްވަމުން އައީ ވާޗުއަލް ކޮށެވެ. އެކަމަކު ޖަލްސާތައް ތަޅުމުގައި ބާއްވަން ފެށީ މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިނުމުގެ ކުރިން މިދިޔަ މަހުގެ 26 ގަ އެވެ. އޭރު ޖަލްސާ ބާއްވަން ފުރަތަމަ ނިންމީ އެޗްޕީއޭގެ ހުއްދަ ނުލިބެނީހެވެ. ނަމަވެސް، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ޖަލްސާތަކަށް މެމްބަރުން ވަޑައިގަތުން އެންމެ ރަނގަޅު ކަމަށް ފުލުހުން އެންގި އެވެ.