Roadha Mihaaru
ވަކީލު ޒަނީން ނިޔާވެއްޖެ

ވަކީލު ޒަނީން ނިޔާވެއްޖެ

22 މެއި 2021

ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް މިއަދު ނިޔާވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް މިއަދު ނިޔާވެއްޖެ އެވެ.

ޒަނީން، 59 ނިޔާވީ ކޮވިޑް-19 އަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕޮޒިޓިވްވުމުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހަވީރު 4:15 ގަ އެވެ. އެއީ ކޮވިޑް ބަލީގެ 122 ވަނަ މަރެވެ.

މިސްރުގެ އަޒްހަރު ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ޒަނީނަކީ ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2013 ގެ ރިޔާސީ އިންތިޚާބުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހިމެނިވަޑައިގަތެވެ. ޖިނާއީ އަދި މަދަނީ ގިނަ މައްސަލަތެއްގައި ވެސް ޒަނީން ވަކާލާތު ކުރެއްވި އެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހަށް ވެފައިވާއިރު، މިހާތަނަށް ޖުމުލަ 122 މީހަކު އެ ބަލީގައި ވަނީ ނިޔާވެފަ އެވެ. މި މަހު އެކަނިވެސް މިހާތަނަށް 49 މީހަކު ވަނީ ރާއްޖޭގައި ކޮވިޑްގައި ނިޔާވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިވަމުންދާއިރު، މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ބަލީގައި ނިޔާވާ މީހުންގެ އަދަދު ގިނަވާ މައްސަލަ އެވެ.