Roadha Mihaaru
ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް

ހައި ކޯޓުން ވެސް ޕީޕީއެމް ދިނީ ރައީސް ޔާމީނަށް

23 އޮކްޓޯބަރ 2016

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮޑުވެ ޕާޓީ ދެބައި ވެފައި ވަނިކޮށް، ޕާޓީ ހިންގުމާ ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަތުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ދެންމެ ތާއީދު ކޮށް އިސްތިއުނާފް މައްސަލަ ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ކޯޅުން ބޮޑުވެ ޕާޓީ ދެބައި ވެފައި ވަނިކޮށް، ޕާޓީ ހިންގުމާ ރައީސް އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަތުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ދެންމެ ތާއީދު ކޮށް އިސްތިއުނާފް މައްސަލަ ނިންމައިފި އެވެ.

ޕީޕީއެމް ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި، ރައީސް ޔާމީންގެ ފެކްޝަނަކާއި ރައީސް މައުމޫންގެ ފެކްޝަނެއް އުފެދިފައި ވަނިކޮށް ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ދަށު ކޯޓުން ހުކުމްކުރީ ޕާޓީގެ ކައުންސިލް ބައްދަލުވުންތައް މައުމޫން ނުބާއްވަވާތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރަކު ހުށަހެޅި މައްސަލައެއްގަ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހުކުމް އިއްވެވުމުގެ ކުރިން، މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހެއްދެވިކަން އެނގޭއިރު އެކަމަށް މަގްބޫލު އުޒުރެއް ދެއްކިފައި ނެތް ކަމަށެވެ. މައުމޫންގެ އެ އަމަލުތަކުގެ ސަބަބުން ޕީޕީއެމްގެ ހިންގުމަށް ހުރަސް އެޅިގެންދާއިރު އެ ހާލަތުގައި އެކަމަށް ކޯޓުން ހައްލެއް ހޯދައިދެވިދާނެ ކަމަށާއި އެއީ ޕާޓީތަކުގެ ހިންގުމާ ކޯޓުތަކުން ބެހުން ކަމަށް ނުބެލެވޭނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް

އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހައްދަވާއިރު އެ ހާލަތުގައި ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ. ސަބަބަކީ ބައްދަލުވުން ބާއްވަން ޕާޓީގެ ރައީސް ދެކޮޅު ހަދާއިރު ޕާޓީގެ ނައިބު ރައީސަކަށް ހުރި އަބްދުއްރަހީމް އަބްދުﷲ އެ މަގާމުން ވަކިކޮށްފައިވާތީ ބައްދަލުވުން ބޭއްވޭނެ އެހެން ގޮތެއް ނެތުމުން، އެކަމުގައި ޕާޓީ އަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ރައީސް ޔާމީނާ ޕާޓީ ހިންގުން ހަވާލު ކުރުން ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އިސް ފަނޑިޔާރު އިތުރަށް ވިދާޅުވި ގޮތުގައި ޕާޓީގެ ބައްދަލުވުންތައް ބާއްވަން ޕާޓީގެ ރައީސް ދެކޮޅު ހަދާ ނަމަ އަމަލުކުރާނެ ވަކި ގޮތެއް އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނެތެވެ. ގަވާއިދެއްގައި ނުވަތަ ގާނޫނެއްގައި ބުނެފައި ނެތް ކަންކަމާ ގުޅިގެން އެކަމަށް ކޯޓުތަކަށް ފަރުވާއެއް ދެވިދާނެ ކަމަށާއި އެއީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށް ވެސް އިސް ފަނޑިޔާރު އަބްދުﷲ ވިދާޅުވި އެވެ.

ދަށު ކޯޓަށް ހާޒިރުވާން ޕީޕީއެމް ދެކޮޅު ހެދި، ޝަރީއަތް ހިންގީ ރަނގަޅަށް

އިސް ފަނޑިޔާރު އިތުރަށް ވިދާޅުވީ އެ މައްސަލާގައި ކޯޓަށް ހާޒިރުވެ، ޖަވާބުދާރީވާން ޕީޕީއެމަށް އެތައް ފަހަރަކު ފުރުސަތު ދެވުނަސް އެކި ސަބަބުތައް ދެއްކުމަށް ފަހު ކޯޓުގައި ޖަވާބުދާރީވާން އެ ޕާޓީން ދެކޮޅު ހެދި ކަމަށެވެ. އަދި އެ މައްސަލަ ބެލުމުގައި ސިވިލް ކޯޓުން އަމަލުކުރި އިޖްރާއާތު ވެސް ރަނގަޅު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ހަތަރު ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވާން ޕީޕީއެމަށް ސިވިލް ކޯޓުން އެންގިޔަސް ކައުންސިލްގެ ގަރާރެއް ނެތް ކަމަށް ބުނެ، ކޯޓަށް ހާޒިރުވާން ޕީޕީއެމުން ދެކޮޅު ހެދި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެކަމަކު މައްސަލައިގެ އެންމެ ފަހު އަޑުއެހުމަށް ޕީޕީއެމުން ކޯޓަށް ހާޒިރުވި އިރު 2013 ގައި ފާސްކޮށްފައި އޮތް ގަރާރެއް އޮތްކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

މައްސަލަ އިސްތިއުނާފްކުރި މީހާއަށް އިސްތިއުނާފް ކުރުމުގެ ހައްގު އެބައޮތް

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސިވިލް ކޯޓަށް ހުށަހެޅުއްވި އެ މައްސަލާގައި ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރީ އެ ޕާޓީގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސަށް އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ނެތް ކަމަށް މައުމޫންގެ ފަރާތްޕުޅުން ބުނާ ބުނުމަށް ވެސް އިސް ފަނޑިޔާރު ރައްދު ދެއްވި އެވެ.

އިސް ފަނޑިޔާރު ވިދާޅުވީ އައްބާސަކީ ޕާޓީގެ މެމްބަރެއް ކަމަށްވެފައި އެ މައްސަލައަކީ ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތު ހުރި މައްސަލައެއް ކަމަށްވާތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު އައްބާސަށް ވެސް އޮންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އިސް ފަނޑިޔާރު އަބްދުﷲ އިތުރުން ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.

ހުކުމުގެ އުސްއަލިތައް

ހާލަތު އޮތް ގޮތުން ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލު ކުރުމަކީ މަސްލަހަތު ހުރި ގޮތް

- ގަވާއިދުގައި ބުނާ ގޮތުގެ މަތިން ކައުންސިލް ބައްދަލުވުންތައް މައުމޫން ނުބޭއްވުމަކީ ޕާޓީ ހިންގުމަށް ހުރަސް އެޅޭ ސަބަބެއް

- ގާނޫނު ނުވަތަ ގަވާއިދުތަކުގައި ނެތް ކަންކަމަށް ކޯޓުތަކަށް ފަރުވާ ދެވޭނެ، އެއީ ޕާޓީތައް ހިންގުމާ ކޯޓުތަކުން ބެހުމެއް ނޫން

- ޝަރީއަތް ހިންގުމުގެ އިޖްރައާތުގައި މައްސަލައެއް ނެތް

ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓީ އެ ހުކުމް އިސްތިއުނާފް ކުރަން މައުމޫން އަމިއްލަފުޅަށް ވަކި މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލައިގެ ޝަރީއަތް މިހާތަނަށް ފަށާފައި ނުވާއިރު މިއަދު އެގޮތަށް ހުކުމް ކުރުމުން، މައުމޫން ހުށަހެޅުއްވި މައްސަލަ ބަލައިގަންނާނެ ކަމަކަށް ނުބެލެވެ އެވެ.

މައުމޫނަށް ނޭނގި އައްބާސް އަމިއްލަ އަށް ހައި ކޯޓަށް މައްސަލަ ހުށަހެޅީ އިސްތިއުނާފްގެ ހައްގު މައުމޫނަށް ގެއްލުވާލަން ކަމަށް ބުނެ އެ ނުކުތާ މައުމޫންގެ ފަރާތްޕުޅުން ހައި ކޯޓުގައި ފާހަގަކުރިޔަސް އެ ނުކުތާގައި ވާހަކަ ދައްކަން ފަނޑިޔާރުން ފުރުސަތު ދެއްވާފައެއް ނުވެ އެވެ. އައްބާސަކީ މެމްބަރު ޝާހިދުގެ ގާތް މީހެއް ކަމަށްވެ އެވެ.

ހައި ކޯޓުގައި ޕީޕީއެމް ތަމްސީލު ކުރުމުގެ ފުރުސަތު ލިބުނީ ރައީސް ޔާމީންގެ ފެކްޝަނަށް ކަމަށްވާތީ އެ ޕާޓީން ހައި ކޯޓުގައި ވަކާލާތުކުރީ މައުމޫނާ ދެކޮޅަށް އަދި ދަށު ކޯޓުގެ ހުކުމުގެ ދިފާއުގަ އެވެ.

ދަށު ކޯޓުގެ ހުކުމާ އެކު ޕީޕީއެމް ތެރޭގައި ދެ ކައުންސިލެއް އުފެދި، ކޮންމެ ކައުންސިލަކުން ވެސް ދަނީ އަނެއް ކައުންސިލްގެ މައްޗަށް ނިންމުންތައް ނިންމަމުންނެވެ. އަދި ޕާޓީގެ މަގާމުތަކަށް ވެސް ދެ ކައުންސިލުން ދަނީ ބޭފުޅުން އައްޔަން ކުރަމުންނެވެ. ކޮންމެ ފެކްޝަނަކުން ވެސް ބުނަނީ އަސްލު ޕީޕީއެމަކީ އެ ފެކްޝަން ކަމަށެވެ.