Roadha Mihaaru
މާލޭގެ މިސްކިތްތަކުގައި އަލުން ގުނޫތު ކިޔަން ފަށައިފި

މާލޭގެ މިސްކިތްތަކުގައި އަލުން ގުނޫތު ކިޔަން ފަށައިފި

04 އޯގަސްޓް 2020

މާލޭގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔަން އަނެއްކާވެސް ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔަން އަނެއްކާވެސް ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރޭގަނޑުގެ ނަމާދުތަކުގައި ގުނޫތު ކިޔަން ފެށުމަށް ފަހު، މިދިޔަ މާޗް މަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ހަމައަށް ހުރިހާ ނަމާދަކަށް ފަހު ގުނޫތު ކިޔަން ފެށި އެވެ. އެކަމަކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ފަހު އަލުން މިސްކިތްތައް ހުޅުވިއިރު، ގުނޫތެއް ނުކިޔަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މާލޭގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔަން އަނެއްކާވެސް ފެށީ ރޭ މަޣްރިބް ނަމާދުން ފެށިގެންނެވެ.

މާލޭގެ މިސްކިތްތަކުގައި އަލުން ގުނޫތު ކިޔަން ފެށިއިރު، އަތޮޅު ތެރޭގެ މިސްކިތްތަކުގައި މިދިޔަ މާޗް މަހުން ފެށިގެން ކޮންމެ ނަމާދަކަށް ފަހު ވެސް ގުނޫތު ކިޔަ އެވެ.

މީގެ ކުރިން ވެސް ބޮޑެތި ބަލިމަޑުކަމާއި ބޮޑެތި ކާރިސާތައް ދިިމާވުމުން ނަމާދަށް ފަހު ގުނޫތު ކިޔާފައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ފިޔަވަޅުތައް ހަރުކަށިކުރަން އަނެއްކާވެސް ވަނީ ފަށައިފަ އެވެ. މިއަދުން ފެށިގެން ވަނީ ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އާ ދެމެދު މަގުތަކަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ.