Roadha Mihaaru
ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރުނަމާދު ކޮށްފި

މަނާކޮށްފައި އޮއްވައި ބައެއް މިސްކިތްތަކުގައި ބަޔަކު ޖަމާއަތް ހަދައިގެން ހުކުރު ނަމާދު ކޮށްފި

25 ޖޫން 2021

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި ވަނިކޮށް، މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ބަޔަކު ބޮޑު ޖަމާއަތް ހަދައިގެން ހުކުރު ނަމާދުކޮށްފި އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި ވަނިކޮށް، މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މިއަދު ބަޔަކު ބޮޑު ޖަމާއަތް ހަދައިގެން ހުކުރު ނަމާދުކޮށްފި އެވެ.

މިއަދު ހުކުރު ކޮށްފައި ވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގެ މަސްޖިދުލް އަލް އުމަރު ބިން އަލް ހައްތާބުގެ އިތުރުން އެހެން ބައެއް މިސްކިތްތަކުގަ އެވެ. މި ހުރިހާ މިސްކިތެއްގައި ކުރި ހުކުރު ނަމާދުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ހުކުރުކޮށްފައި ވަނީ މިއަދު މެންދުރު ނަމާދުގެ ބަންގި އަށް ފަހު، ހުކުރު ހުތުބާ ވެސް ކިޔުމަށް ފަހު އެވެ.

ޖަމާއަތް ހަދައިގެން ނަމާދުކުރުން މަނާކޮށްފައި ވިޔަސް، އެ މިސްކިތްތަކުގައި ކުރި ހުކުރު ނަމާދު ފުލުހުން ހުއްޓުވައިފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

ކޮވިޑުގެ ކޭސްތައް ގިނަވެ މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ މަހު 26 ގަ އެވެ. ނަމަވެސް މިސްކިތްތައް ބަންދުކޮށްގެން، ގިނަ ބަޔަކު ފާޑު ކިޔަން ފެށުމާ އެކު، މި މަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް އަލުން ހުޅުވަން ހުއްދަ ދިނެވެ. އެކަމަކު އެ ހުއްދަ ދިނީ ޖަމާއަތް ނުހަދައި އެކަނި ނަމާދު ކުރާ ގޮތަށެވެ.