Roadha Mihaaru
28 ނަރުހަކަށް މުސާރަ ނުލިބޭތީ ކަންބޮޑުވޭ: އެޗްޕީޔޫ

28 ނަރުހަކަށް މުސާރަ ނުލިބޭތީ ކަންބޮޑުވޭ: ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން

07 އޯގަސްޓް 2020

އަތޮޅުތަކުގެ އެކި ހޮސްޕިޓަލްތަަކާއި ހެލްތު ސެންޓަރުތަކަށް އަލަށް ގެނެސްފައިވާ ބިދޭސީ 28 ނަރުހަކަށް މިދިޔަ ދެ މަހުގެ މުސާރަ ނުލިބޭތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަތޮޅުތަކުގެ އެކި ހޮސްޕިޓަލްތަަކާއި ހެލްތު ސެންޓަރުތަކަށް އަލަށް ގެނެސްފައިވާ ބިދޭސީ 28 ނަރުހަކަށް މިދިޔަ ދެ މަހުގެ މުސާރަ ނުލިބޭތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެޗްޕީޔޫގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އަތޮޅުތަކުގެ އެކި އެކި ތަންތަނަށް ގެނައި 28 ނަރުހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުން ގާއިމްކޮށްފައިވާ ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީތަކުގައި ކަމަށެވެ. އެ މީހުންނަށް ޖޫން އަދި ޖުލައި މަހުގެ މުސާރަ ނުލިބޭތީ ހެލްތު މިނިސްޓްރީއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި މުސާރަ ނުލިބި އޮތީ ސިސްޓަމްގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަންތައްތަކެއް ލަސްވެގެން ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

"މިނިސްޓްރީން ބުނީ އެ މީހުންގެ މުސާރަ އެބަ ހުއްޓޭ ބޭންކްގައި، ސިސްޓަމްގެ ތެރެއިން ވާ ލަހެކޭ އުޅެނީ. ކޮންމެ ސަބަބަކާ ހެދި ނަމަވެސް އުޖޫރަ އެގޮތަށް ލަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެމްއެޗްޕީޔޫ އިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ. އެ ޔޫނިއަނުން ވަނީ ނަރުހުންގެ މުސާރަ ނުލިބުމުގެ ކަންބޮޑުވުން ޓްވިޓާގައި ވެސް މިއަދު ފާޅުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި މުސާރަ ނުލިބި ތިބި ނަރުހުން މަސައްކަތް ކުރަމުން އަންނަނީ އައިޖީއެމްއެޗުން މެނޭޖްކުރާ ފެސިލިޓީއެއްގަ އެވެ. އެ ހޮސްޕިޓަލުން މެނޭޖްކުރަމުން އަންނަނީ ވިލިވަރުގައި ހުންނަ ފެސިލިޓީ އާއި ހުޅުމާލޭގައި ހުންނަ ފެސިލިޓީ އެކެވެ.