Roadha Mihaaru
ނަރުހުންނާއި ޑޮކްޓަރުން ހޯދަނީ ދިވެހިންނަށް ފުރުސަތުދޭން

ނަރުހުންނާއި ޑޮކްޓަރުން ހޯދަނީ ދިވެހިންނަށް ފުރުސަތު ދޭން: ހެލްތު

06 ނޮވެމްބަރ 2017

ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާންކުރީ އެމަގާމުތަކުގައި މިހާރު ތިބި ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދޭން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާންކުރީ އެމަގާމުތަކުގައި މިހާރު ތިބި ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދޭން ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ އެކި ދާއިރާތަކުން 160 ސްޕެޝަލިސްޓު ޑޮކްޓަރުންނާއި 631 ނަރުހުން ހޯދަން އިއުލާންކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެމިނިސްޓްރީން ނިންމާފައިވަނީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިނަށް ވަޒީފާ ދޭން ކަމަށެވެ.

"މިހާރު އެތަންތަނުގައި މަސައްކަތް ކުރަނީ ބޭރު ނަރުހުން. އަލަށް ނަގާއިރު މި ނަރުހުން ނަގަނީ އެނަރުހުންގެ ބަދަލުގައި. ބޭރު ނަރުހުން ފޮނުވާލުމަށް ފަހު ދެން އޭރުން ތިބޭނީ ދިވެހި ނަރުހުން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެކި ދާއިރާތަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ހޯދާއިރު ވެސް ބޮޑަށް އިސްކަންދޭނީ ދިވެހިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އަދަދަށް ދިވެހި ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ނަރުހުން ތިބިތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އިއުލާންކުރީ އެ ދާއިރާތަކުން ތައުލީމް ހާސިލްކޮށްފައިވާ އަދި އެ ދާއިރާއަށް ޝައުގުވެރިކަން ހުރި ދިވެހިން ތިބިތޯ ބަލަން ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އިއުލާންގައި ވާ ގޮތުން ދާއިމީ ޑޮކްޓަރުުންގެ ގޮތުގައި ވަޒީފާ ދޭ އިރު އަސާސީ މުސާރަ އަކީ 30،990ރ. އެވެ. ސާވިސް އެލަވަންސަށް 10،200ރ. އާ އެކު އިތުރު އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ނަރުހުންނަށް މުސާރައިގެ ގޮތުގައި 5،610ރ. އަދި ސާވިސް އެލަވަންސަށް 2،500ރ. ކަނޑައަޅާފައިވެ އެވެ.

އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތާ އެކު ރާއްޖޭގެ ސިއްޚީ ދާއިރާ އިތުރު ހަރުފަތަކަށް ބަދަލުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.