Roadha Mihaaru
ޔުނައިޓެޑް-ކޯޕެންހޭގަން: ދެ އެކުވެރިންގެ ކުރިމަތިލުމެއް

ޔުނައިޓެޑް-ކޯޕެންހޭގަން: ދެ އެކުވެރިންގެ ކުރިމަތިލުމެއް

10 އޯގަސްޓް 2020

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ޑެންމާކުގެ ކޯޕެންހޭގަން އާއި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު ހާއްސަވާ އެއް ސަބަބަކީ މިއީ ދެ އެކުވެރިންގެ ކުރިމަތިލުމަކަށްވުމެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އާއި ކޯޕެންހޭގަންގެ ކޯޗު ސްޓޭލް ސޯލްބަކެން އަކީ 1990 ގެ އަހަރުތަކުގައި އެކުގައި ނޯވޭ ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އެ ހަނދާންތައް ހުރި ނަމަވެސް މިރޭގެ މެޗުގައި ދެ ޓީމުގެ ކޯޗުންގެ ވިސްނުން ހުރީ ވެސް މޮޅުވެގެން ސެމީ ފައިނަލުން ފުރުސަތު ހޯދުމަށެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ޑެންމާކުގެ ކޯޕެންހޭގަން އާއި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗު ހާއްސަވާ އެއް ސަބަބަކީ މިއީ ދެ އެކުވެރިންގެ ކުރިމަތިލުމަކަށްވުމެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އާއި ކޯޕެންހޭގަންގެ ކޯޗު ސްޓޭލް ސޯލްބަކެން އަކީ 1990 ގެ އަހަރުތަކުގައި އެކުގައި ނޯވޭ ޓީމަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އެ ހަނދާންތައް ހުރި ނަމަވެސް މިރޭގެ މެޗުގައި ދެ ޓީމުގެ ކޯޗުންގެ ވިސްނުން ހުރީ ވެސް މޮޅުވެގެން ސެމީ ފައިނަލުން ފުރުސަތު ހޯދުމަށެވެ.

"އަހަރެމެންނަކީ 1990 ގެ އަހަރުތަކުގައި އެކުގައި ނޯވޭ ގައުމީ ޓީމު ތަމްސީލުކުރި ދެ ކުޅުންތެރިން. ދެ އެކުވެރިން. އޭރު ނޯވޭ އަކީ ދުނިޔޭގެ ރޭންކިން ދެ ވަނައިގައި ވެސް އޮތް ޓީމު. މިހާރު އެހެން ބުނީމަ ގަބޫލުކުރަން އުނދަގޫ ގޮތެއް ހުންނާނެ. އެކަމަކު ގަބޫލުކުރޭ އަހަރެމެންނަކީ ދެ ވަނައިގައި އޮތް ޓީމު. އަހަންނާ ސޯލްޝެއާ ވަނީ އެކުގައި 1998 ގެ ވޯލްޑް ކަޕްގައި ކުޅެފައި،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްބަކެން ބުންޏެވެ.

ސޯލްޝެއާ އާއި ސޯލްބަކެންގެ ގުޅުން އޮތީ ހަމައެކަނި ގައުމީ ޓީމުގެ ދުވަސްވަރު އެކަންޏެއް ނޫނެވެ. ސޯލްޝެއާ ކޯޗިންގެ މަސައްކަތް ފަށައިގެން ވެސް ސޯލްބަކެންއާ ގުޅުން ދެމެހެއްޓި އެވެ. އެ ގޮތުން ސޯލްޝެއާ ފުރަތަމަ ކޯޗިން ލައިސަންސް ނަގައިގެން ސޯލްބަކެންއާ އެކު 2011 ވަނަ އަހަރު ނުރަސްމީކޮށް އެކުގައި މަސައްކަތްތަކެއް ކުރި އެވެ.

ސޯލްބަކެން ބުނީ ނޯވޭ އަށް އުފަން ކުޅުންތެރިއަކު ކޯޗެއްގެ ގޮތުގައި ދުނިޔޭގެ ބޮޑު ކްލަބަކާ ހަވާލުވެގެން ހުރުމަކީ އޭނާ އަށް ލިބޭ ފަހުރެއް ކަމަށެވެ.

"ލިވަޕޫލް ސަޕޯޓަރެއްގެ ގޮތުގައި އަހަރެން ހުރި ކަމުގައި ވިޔަސް އަހަރެން ފަހުރުވެރިވާ އެއް ކަމަކީ ސޯލްޝެއާ ދުނިޔޭގެ ބޮޑު ކްލަބެއްގެ ކޯޗެއްގެ ގޮތުގައި ހުންނަތަން ފެނުން. އަހަންނަށް ނޭނގެ އެންމެ މޮޅު ކޯޗަކީ ކާކު ކަމެއް އެހެން ބުނަން. އެކަމަކު ސޯލްޝެއާ އެ ހުރީ ބޮޑު ކްލަބެއްގައި،" 2013 ވަނަ އަހަރު ކޮޕެންހާގެންގެ ކޯޗުކަމާ ހަވާލުވެ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ސޯލްބަކެން ބުންޏެވެ.

ކޮޕެންހާގެންގެ ކޯޗު ސޯލްބަކެން: އޭނާ ވަނީ 2006 ވަނަ އަހަރު ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.-- ފޮޓޯ: އޭއެފްޕީ

ކޮޕެންހާގެންގެ ކޯޗު ސޯލްބަކެން: އޭނާ ވަނީ 2006 ވަނަ އަހަރު ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.-- ފޮޓޯ: އޭއެފްޕީ

ސޯލްބަކެން އެންމެ ފުރަތަމަ ކޯޕެންހޭގަން އަށް ކޯޗުކޮށްދިންއިރު ވަނީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް 1-0 އިން ބަލިކޮށްފަ އެވެ. އެއީ 2006 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗުގައި ކުޅުނު ޔުނައިޓެޑް ޓީމުގައި މިހާރު އެ ޓީމުގެ ކޯޗު ސޯލްޝެއާ ހިމެނެ އެވެ. ކޯޕެންހޭގަން ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތުގެ ކުއާޓާ އަށް ގެންގޮސްދިން ކޯޗުގެ ވިސްނުން ހުރީ ފުރުސަތުގެ ބޭނުން ހިފައި އިތުރު ފިޔަވަޅެއް ކުރިއަށް ދިއުމަށެވެ.

"މި ވަގުތު އެކުވެރިކަމެއް ނޯންނާނެ. އަހަރެމެން މި ނުކުންނަނީ ވަރުގަދަ މެޗަކަށް. އަހަރެމެން ލިބޭ ފުރުސަތެއްގެ ބޭނުންކޮށް އަދި އެއް ފިޔަވަޅު ކުރިއަށްދާން ބޭނުން. އެއް ލެގު ކުޅޭއިރު ނިއުޓްރަލް ދަނޑެއްގައި ރަނގަޅަށް މަސައްކަތްކޮށްގެން ނަތީޖާ ނެރެވިދާނެ،" ސޯލްބަކެން ބުންޏެވެ.

ސޯލްޝެއާ ބުނީ ފުޓްބޯޅައިގެ ވިސްނުމަށް ބަލާއިރު ސޯލްބަކެން އަކީ ކުޅަދާނަ މީހެއް ކަމަށާއި އޭނާގެ ފަރާތުން ކަންތައްތަކެއް ދަސްވި ކަމަށެވެ. ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވިތާ މިވީ މުއްދަތުގައި އެ ޓީމުން ރަނގަޅު ކުރިއެރުމެއް ހޯދި ނަމަވެސް އަދި ތަށްޓެއް ލިބޭ ގޮތްނުވި އެވެ. މި ފަހަރުގެ ޔޫރޮޕާ ލީގަކީ ކޯޗެއްގެ ގޮތުގައި ޔުނައިޓެޑްގައި އޭނާ ހާސިލްކުރާ ފުރަތަމަ ތަށްޓަށް ހެދުމަށް ހުރީ ކެތްމަދުވެފަ އެވެ.

"އަހަރެން މި ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވީ އުއްމީދުތަކަކާ އެކީ. އޭގެ ތެރެއިން އެއް ކަމެއް އެއީ މި ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރެ ތަށްޓެއް އުފުލާލުން. މި ފަހަރުގެ ޔޫރޮޕާ ލީގުގައި އެ ފުރުސަތު އޮތްކަމަށް އަހަރެން ގަބޫލުކުރަން،" ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ މީގެ ތިން އަހަރު ކުރިންނެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑް ކަހަލަ ޓީމަކަށް ތަށްޓެއް ނުލިބި ގިނަ ދުވަސްތަކެއް ވުމަކީ އޭނާ ދެކެން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ޔޫރޮޕާ ލީގުގެ ތިން ވަނަ ބުުރުގެ ދެ ވަނަ ލެގުގައި މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ލާސްކާ ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ފުރަތަމަ އެގާރަ އަށް މިރޭގެ މެޗުގައި ބަދަލުތަކެއް އަންނާނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޖަރުމަނުގައި ކުޅެން ނިންމާފައިވާއިރު މިރޭގެ މެޗު ކުރިއަށްދާނީ ކޮލޯންގެ ސްޓޭޑިއަމްގަ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ޖަހާއިރު އެވެ.