Roadha Mihaaru
އިތުބާރު ގެއްލޭ ކަމެއް ކޮށްފައެއް ނޯންނާނެ: ފައްޔާޒު

އިތުބާރު ގެއްލޭވަރުގެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ: ފައްޔާޒު

12 އޯގަސްޓް 2020

އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ފެއްޓެވިޔަސް، އިތުބާރު ގެއްލޭ އެއްވެސް ކަމެއް މިހާތަނަށް މި ސަރުކާރުގައި ހުންނަވައިގެން ކުރައްވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ފެއްޓެވިޔަސް، އިތުބާރު ގެއްލޭ އެއްވެސް ކަމެއް މިހާތަނަށް މި ސަރުކާރުގައި ހުންނަވައިގެން ކުރައްވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށަހަޅަން މިހާތަނަށް ވިއްސަށް ވުރެ ގިނަ ސޮއި ހޯދާފައިވާއިރު، އެ ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ލިޔުން ފެނިވަޑައިގެންނެވި މެމްބަރަކު "މިހާރު" އަށް ވިދާޅުވި އެވެ.

ލިޔުމުގައި ސޮއިކުރުން މިއަދު ވެސް މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ބައެއް މެމްބަރުން ކުރިއަށް ގެންދެވި އެވެ.

މިކަމާ ގުޅިގެން ފައްޔާޒު "މިހާރު" އަށް ވިދާޅުވީ، އޭނާ މިހާތަނަށް ކުރެއްވި ކޮންމެ ކަމެއް ކުރައްވާފައި ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދިފާއުގައި ކަމަށެވެ.

"އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހުރިހާ ކަމެއް މި ކުރަނީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރަން. އަޅުގަނޑު ހީކޮށްގެން މި ހުރީ ވަރަށް ރަނގަޅަށޭ އަޅުގަނޑަށް މަސައްކަތް މި ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް މިހާރު މި ހުރީ [އިތުބާރު ނެތްކަމަށް ފާސްކުރަން ސޮއި ހޯދާތީ] ވެގެން އުޅޭ ގޮތެއް ނޭނގިފައި. އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ވެސް އެނގިފައެއް ނެތް."

ފައްޔާޒު ވިދާޅުވީ، އޭނާ ނިސްބަތްވާ އެމްޑީޕީގެ ތެރެއިން އެވަރުގެ ކަމެއް ކުރިއަށް ގެންދާއިރު، ކުރިން ހިއްސާކުރި ނަމަ ރަނގަޅުވީސް ކަމަށެވެ.

"...ދެން އެ ބޭފުޅުންނަކީ މަޖިލިސް މެމްބަރުން. އެ ބޭފުޅުންނަށް އިތުބާރު ނެތްކަމަށް ފެންނަ ނަމަ އެ ބޭފުޅުން ކުރައްވާ ކަމެއް ކުރައްވާނެ. އެކަމާ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ ސަބަބަކީ މި ސަރުކާރު ވެރިކަމަށް އައުމަށް ވި ވައުދުތައް އޭނާ އަށް ފުއްދައި ނުދެވުން ކަމަށް އެ މައްސަލައިގެ ލިޔުން ފެނިވަޑައިގެންނެވި މެމްބަރަކު ވިދާޅުވި އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ގަވައިދު ބުނާގޮތުން 10 މެމްބަރުންގެ ސޮޔާ އެކު އެވެ. އެ އަށް ވުރެ ގިނަ މެމްބަރުންގެ ސޮއި މިހާރު ވަނީ ހޯދައިފަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ކަމަށް ވުމުން އެތަނުން އެއްވެސް ކަމެއް ފާސްވާނީ އެ ޕާޓީގެ މެމްބަރުންގެ އެހީތެރިކަމާއި ފުރިހަމަ ބައިވެރިވުން އޮވެގެންނެވެ.