Roadha Mihaaru
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"

މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން: ފައްޔާޒު

11 އޮކްޓޯބަރ 2020

އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ ވޯޓަކުން މަގާމުން ދުރުކުރިޔަސް ސިޔާސީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ ވޯޓަކުން މަގާމުން ދުރުކުރިޔަސް ސިޔާސީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ފައްޔާޒަށް އާއްމުންގެ ގިނަ ސުވާލުތައް އަމާޒުވީ، މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ ގުޅޭ ގޮތުންނެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކޮށްފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަންނަވާނީތޯ މީހަކު އެހުމުން ފައްޔާޒު ވިދާޅުވީ، ކުރިން އެހާ ސިޔާސީ ކަންކަމުގައި ނޫޅުއްވިޔަސް އިސްލާހީ ހަރަކާތުގެ ތެރެއިން މިހާރު އެކަމުގައި އޭނާ އަށް ހިއްސާވެވިފައިވާ ކަމަށެވެ. އެހެންވެ، ވިސްނުން ގެންގުޅުއްވަނީ މި މަސައްކަތުން ރައްޔިތުންނާއި ގައުމަށް ހެޔޮ ގޮތްތަކެއް ހޯއްދަވައި ދެއްވަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސިއްހަތާއި ކަންކަން ތަންދޭ ކަމަށް ވަންޏާ، [ސިޔާސީ ކަންކަމުގައި] ދެމިހުންނާނަން،" ފައްޔާޒު ވިދާޅުވި އެވެ.

"މިސާލަކަށް ތި ދެންނެވި ސުވާލުގައި، މަޖިލީހަކުން ނޫން، ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑު ވަކިކުރައްވަފާނެ. ރައީސުލްޖުމްހޫރިއްޔާ އިޝާރާތެއް ކުރެއްވިޔަސް އަޅުގަނޑު އަމިއްލަ އަށް ވެސް ދާނެ. އެހެން ނަމަވެސް މި ގައުމު ގެންދަން ބޭނުންވާ ތަނަށް ގެންދަން ފާޑުކިއުމާއި އެހީތެރިވުމުގައި ދެމިހުންނާނަން."

އެ މަސައްކަތް ކުރައްވާނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ކަމުގެ ޔަގީންކަން ދެއްވި އެވެ. ފައްޔާޒު ގަބޫލުކުރައްވާ ޑިމޮކްރެޓިކް އަދި އަދުލުވެރިކަމާއި އިންސާފުގެ ހަމަތައް އެ ޕާޓީން ގެންގުޅޭ ހިނދަކު ފިކުރު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑަކީ ވަކި ނަމަކަށް ވަކި މީހެއްގެ ފަހަތުގައި ކޮންމެހެން ލޯ މަރާލައިގެން ހުންނާނެ މީހެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ކަންކަމުގެ ފަހަތުގައި އަޅުގަނޑު ހުންނާނީ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަކީ އަނިޔާވެރި ޕާޓީއަކަށް ވެއްޖެ ނަމަ، ފައްޔާޒު ވިދާޅުވި ގޮތުގައި، އޭނާ ހުންނަވާނީ އެ ޕާޓީއާ އިދިކޮޅަށެވެ.

ފައްޔާޒު ވިދާޅުވީ މަގާމުން ދުރުކުރަން އުޅޭ ކަމުގެ ވާހަކަތައް ފެނިވަޑައިގަންނަވަނީ، އަދި އަޑު އިވިވަޑައިގަންނަވަނީ މީޑިއާ އިން ކަމަށެވެ. އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރަން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ސޮއިކުރެއްވި ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަ ބައިވަރު މެމްބަރުން ވެސް ތިބޭ. އޭގެއިން ބޭފުޅަކު ގައިމު ވެސް ތި ކަހަލަ އެއްޗެއްގައި ސޮއިކުރި ކަމެއް އެނގިފައެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު، ދާދި ފަހުން ވެސް ނަޝީދު ވަނީ އެމްޑީޕީގެ އެތެރޭގައި އެ މަސައްކަތް ހިނގާ ކަމަށް ވިދާޅުވެފަ އެވެ. އަދި، ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައި މަގާމުން އެކަހެރިވެވަޑައިގެން ހުންނެވުމަށް ވެސް އޮތީ ދަންނަވައިފަ އެވެ. އޭގެ ޖަވާބުގައި ފައްޔާޒު ވިދާޅުވެފައި ވަނީ، ކޮރަޕްޝަނެއް ނޯންނާނެ ކަމަށާއި މަގާމުން ދުރަށް ވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގޮތަށް އެންްގެވުމުން އެކަނި ކަމަށެވެ.

ފައްޔާޒު ރޭ ވިދާޅުވި ގޮތުގައި، ބްރޯ ހެދިގެން އުޅުއްވާ ކަމަށް ނަޝީދު ވިދާޅުވާ ސަބަބެއް ވެސް އޭނާ އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެ ވާހަކަ އެހާ ބޮޑަށް ދައްކަވަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު މިއޮތީ އިސްލާހަށް ކުރި މަސައްކަތް ތަންފީޒު ކުރުމުގެ މަރުހަލާގައި ކަމަށާއި މިނިސްޓަރުން މާ އަބުއިކަމާ އެކު އުޅުމުގެ ސަގާފަތް ނިމިއްޖެ ކަމަށް ވިދާޅުވި އެވެ. ކޮންމެ މައްސަލައެއްގައި ވެސް މިނިވަންކަމާ އެކު ބަހުސްކޮށް ވާހަކަ ދެއްކޭ ކަމަށް ވިދާޅުވި އެވެ.

މިނިވަންކަން ހިފެހެއްޓެވުމަށް، އޭނާ އަށް ކުރިމަތިވެވަޑައިގަންނަވާ އުނދަގޫތައް ވެސް ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މިނިސްޓަރުގެ މަގާމު އޭނާއަށް މުހިއްމެއް ނޫނެވެ. މަގާމަށް ވަޑައިގަތީ، އިސްލާހީ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ދެއްވަން އެދިވަޑައިގަތުމުންނާއި އިގްތިސާދު އޭނާ ދެކެވަޑައިގަންނަވާ ތަސައްވުރާ އެއްގޮތަށް ކުރިއަށް ގެންދެވުމުގެ އިތުރުން ރައްޔިތުންނަށް މަންފާވާ ބަދަލުތަކުގައި އެހީތެރިވެވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތްތައް ކުރަން އަޅުގަނޑު މި މަގާމުގައި މިހުރީ. އިތުރު އެއްވެސް ސަބަބަކާ ހެދިއެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑެތި ބަދަލުތައް ގެންނަން ލިބިފައި ވަނީ ކުރު މުއްދަތެއް ކަމަށެވެ. މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ގައުމު ހިންގުމާއި ގާނޫނުތަކާއި އިންފްރާ ސްޓްރަކްޗަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި މި ބަދަލުތަކަކީ ވޭތުވެދިޔަ 10-15 އަހަރާ ނުބައްދަލު ކަމަށް ވިދާޅުވި އެވެ.

އެހެންވިޔަސް ނުވާ ކަންކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށާއި އެ މިނިވަންކަން މިއަދު އެބައޮތް ކަމަށް ވިދާޅުވި އެވެ. ރައްޔިތުންނަށް ކަންބޮޑުވާ ކޮންމެ ކަމެއްގައި ޕްރެޝަރު އަންނަ ކަމަށް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރަށް ވިޔަސް މުޅި ސަރުކާރަށް ޕްރެޝަރު އަންނަ ކަންކަމުގައި، ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމުގައި އޭނާ ޖަވާބު ދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވަން މަސައްކަތް ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަށް އޮތް ޔަގީންކަމަކީ، ރައީސް ނަޝީދަކީ އިސްލާހީ ހަރަކާތްތަކުގެ ބާނީ، މި ގެނައި ބަދަލު ރަނގަޅަށް ތަންފީޒު ކުރައްވަމުން ގެންދަވާ އެއް ބޭފުޅެއް އެއީ. އެހެންވީމާ ރައީސް ނަޝީދާ ހިސާބަށް އެ ކަހަލަ ކަންބޮޑުވުންތަކެއް، މިސާލަކަށް އަޅުގަނޑަށް ވުރެން މާ ގާތްގުޅުމެއް އޮންނާނެ ރައީސް ނަޝީދާ. އެހެން ކަމަށް ވަންޏާ އެކި ކަހަލަ ވާހަކަ ހުރެދާނެ. އެގޮތަށް ވާހަކައެއް އައިސްފިއްޔާ އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ނަޝީދު އެކަމެއް ބައްލަވާނެއޭ،" ފައްޔާޒު ވިދާޅުވި އެވެ.

"އެކަމަކު ޔަގީންކަން އޮތީ، ދިފާއުވުމުގެ ފުރުސަތާ އެއްޗެހި ދެއްވާނެ ކަމަށް. އެކަން އެގޮތަށް އިޝާރާތް ކުރައްވާ ކަމަށް ވަންޏާ ޕްރޮސެސްއެއްގެ ތެރެއިން އެކަން ކުރިއަށްދާނެ."