Roadha Mihaaru
"ޔާމީނާ މެދު އިމްރާނަށް ރަނގަޅަށް ކަންތައްކުރެއްވޭނެ"

އިމްރާނަށް ޔާމީނާ މެދު މިއަށްވުރެ ރަނގަޅަށް ކަންތައް ކުރެއްވޭނެ: ޝަހީމް

19 އޯގަސްޓް 2020

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ރަނގަޅަށް ކަންކަން ކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކިބައިން އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ރަނގަޅަށް ކަންކަން ކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކިބައިން އެދިވަޑައިގެންފި އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީނަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ އެ މަނިކުފާނާއި އާއިލާ އާއި އިދިކޮޅު ކޯލިޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު މިނިސްޓަރު އިމްރާން ވިދާޅުވަނީ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ. އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި މިހާރު އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެން ހުންނެވި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީނަށް ކުރިމަތިވަމުންދާ އިހާނެތި ކަންތައްތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ.

"އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ތިޔަށްވުރެ ރަނގަޅަށް ކަންކަން ކުރެއްވޭނެ. ރައީސް ޔާމީން ވެރިކަން ނިމުނުއިރު ވެސް އިމްރާން ހުންނެވީ ގޭގައި،" އެންމެ ފަހުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިންމޭޓަކަށް ވެސް ހުންނެވި ޝަހީމް ވިދާޅުވި އެވެ.

މެއި، 2015 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އޭނާ އަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް ނޮވެމްބަރު 22، 2018 ގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އޭރު ހުކުމުގެ ތިން އަހަރު ތަންފީޒުކުރައްވާފައި އޮތް ކަމުގައި ވިއަސް އިމްރާން ގިނަ ދުވަހު ހުންނެވީ ގޭ ބަންދުގަ އެވެ.

ވަކީލުންގެ އެހީ ހޯދުމުގެ ހައްގަށް އަރައިގެން ކަމަށް ބުނެ، ޔާމީންގެ އާއިލާގެ ފަރާތުން އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އިއްޔެ ނެރުއްވި ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކޮށްފައިވާ އަމުރުތަކާ ޚިލާފަށް ވަކީލެއްގެ ހައްގު ބައްޕާފުޅަށް ނުދެއްވަނީ ސަރުކާރުން ގަސްދުގައި ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސުން ވެސް ވަނީ ވަކީލުންނާ ބައްދަލުކުރަން ފުރުސަތު ދޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކޯޓުން އަމުރެއް ކޮށްފައި ވެސް ނުވާ ކަމަށެވެ.

ވަކީލުން ޔާމީނާ ބައްދަލު ކުރަން ކ. މާފުއްޓަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނެތް ކަމަށް ބުނެ އެ ރަށަށް އެރުމުގެ ހުއްދަ ވަކީލުންނަށް ދީފައި ނުވުމަކީ ޔާމީނާ މެދު އަނިޔާވެރިވުން ކަމަށް ޒޭން ވިދާޅުވި އެވެ.

"އެމަނިކުފާނާ ވަކީލުންނާ ބައްދަލު ކުރެވޭނީ ކަމާނުބެހޭ މާފުށީ ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ނަގައިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާ މެދު އަނިޔާވެރިވުން،" ޔާމީންގެ ދަރިކަލުން ޒޭންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ޒޭން ވިދާޅުވީ، ވަކީލުންގެ ފުރުސަތާއި ބޭސްފަރުވާގެ ހައްގަކީ ކުޅިވަރެއްހެން ސިފަވާ ގޮތަށް މިނިސްޓަރު އިމްރާން މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން ޔާމީނާއި އެ މަނިކުފާނުގެ އާއިލާ އަށް ނަފުސާނީ ގޮތުން ގެއްލުންވާ ކަމަށެވެ. އަދި ކުރީގެ ރައީސަކާ މެދު އެފަދަ ގޮތަކަށް އިހާނެތިކޮށް އަމަލު ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައި ޒޭން ވިދާޅުވި އެވެ.