Roadha Mihaaru
ޓާޓާ ކުންފުނީގެ ޗެއާމަން ވަކިކޮށްފި

ޓާޓާ ކުންފުނީގެ ޗެއާމަން ވަކިކޮށްފި

25 އޮކްޓޯބަރ 2016

މުމްބާއީ (އޮކްޓޯބަރު 25) - އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ޓާޓާ ސަންސްގެ ޗެއާމަންކަމުން ސައިރަސް މިސްޓްރީ ވަކިކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މުމްބާއީ (އޮކްޓޯބަރު 25) - އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ޓާޓާ ސަންސްގެ ޗެއާމަންކަމުން ސައިރަސް މިސްޓްރީ ވަކިކޮށްފި އެވެ.

ކުންފުންޏަށް ގެނައި މި ބަދަލާ ގުޅިގެން، މިހާރު ރިޓަޔާކޮށްފައިވާ ކުރީގެ ޗެއާމަން 78 އަހަރުގެ ރަޓަން ޓާޓާ ވަނީ ވަގުތީ ގޮތުން ކުންފުންޏާ ހަވާލުވެފަ އެވެ. ރަޓަން ވަނީ 1991 އިން 2012 އަށް ޓާޓާ ކުންފުނި ހިންގަވާ އަހަރީ އާމްދަނީ 100 ބިލިއަން ޑޮލަރަށް ޖައްސައިފަ އެވެ. މިސްޓްރީ އަކީ ޓާޓާ އާއިލާ އިން ބޭރުން ކުންފުނީގެ ޗެއާމަންކަން ކުރި ފުރަތަމަ މީހާ އެވެ. އޭނާ ވަކިވި އިރު ވަނީ ކުންފުނީގެ ޗެއާމަންކަން ހަތަރު އަހަރު ކުރައްވައިފަ އެވެ. އޭނާ އަކީ 150 އަހަރުވީ ކުންފުނީގެ ހަ ވަނަ ޗެއާމަނެވެ.

ދެހާސް އެގާރަ ވަނަ އަހަރު މަގާމު ހަވާލުކުރި މިސްޓްރީ މަގާމުން ދުރުކުރި ސަބަބެއް ޓާޓާ ކުންފުނިން ނުބުނެ އެވެ. ނަމަވެސް ކުންފުނީގެ ބޯޑުން ބުނީ ހަތަރު މަސްތެރޭ އާ ޗެއާމަނެއް ހަމަޖައްސާނެ ކަމަށެވެ.

ޓާޓާ ކުންފުނީގެ ވިޔަފާރިތަކަށް ފަހަކަށް އައިސް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިސާލަކަށް ޗައިނާ ކުންފުނިތަކުން އަގުހެޔޮކޮށް ދަގަނޑު އެކްސްޕޯޓް ކުރަން ފެށުމުން ޓާޓާ ސްޓީލުގެ ވިޔަފާރި ވަނީ ދަށްވެފަ އެވެ. ޓާޓާ ކުންފުނީގެ ދަށުން 100 އަށް ވުރެ ގިނަ ކުންފުނި ހިންގަ އެވެ. އޭގެ ތެރޭގައި ޓާޓާ މޮޓޯސް، ޓާޓާ ޕަވާ އަދި ޓާޓާ ކޮންސަލްޓެންސީ ސާވިސް ފަދަ ކުންފުނިތައް ހިމެނެ އެވެ.