Roadha Mihaaru
އޯޑިއޯން އާއި ނާދީ ބިމުގައި މަސައްކަތް ފަށައިފި

އޯޑިއޯން އާއި ނާދީ ބިމުގައި ފްލެޓު ހެދުމުގެ މަސައްކަތް ފަށައިފި

26 ޖޫން 2022

ކުރީގެ އޯޑިއޯން ސިނަމާ އަދި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް އިންޑިއާގެ ޓާޓާ ކުންފުނިން އަލުން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ އޯޑިއޯން ސިނަމާ އަދި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް އިންޑިއާގެ ޓާޓާ ކުންފުނިން އަލުން ފަށައިފި އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު ޓާޓާއާއެކު 555 ހައުސިން ޔުނިޓް އިމާރާތްކުރަން ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލު ކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ގެ ބަދަލެއް ހޯދުމަށް އެ ކުންފުނިން އިންޑިއާގެ އާބިޓްރޭޝަނަށް ހުށަހެޅި އެވެ.

ނަމަވެސް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާތީ، އާބިޓްރޭޝަނުން ބޭރުން މަޝްވަރާކޮށް، މައްސަލަ ވަނީ ހައްލުކޮށްފަ އެވެ. އެއީ، އެ ކުންފުންޏަށް ކުރިން ވެސް ދިން ތަންތަން އަލުން ދީ، އެއްބަސްވުން ހެދުމަށެވެ.

ޓާޓާއަށް ދިން ބިމެއްގައި ފްލެޓު އެޅުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓާޓާއަށް ދިން ބިމެއްގައި ފްލެޓު އެޅުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭރު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓް އިމާރާތްކުރި އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އިމާރާތްކޮށް، ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އޭގެ އިތުރުން ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.

އެކަމަކު މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަ ކަމަށް ބުނެ އެއްބަސްވުން ބާތިލްކުރީ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. އަލުން އެއްބަސްވުމުގައި ސޮއިކުރީ އޯޑިއޯން އާއި ނާދީ ބިމާއި 30 ލަގްޒަރީ ވިލާ އަޅަން ރަށެއް ވެސް ދިނުމަށެވެ. އަދި މިދިޔަ ޖެނުއަރީ މަހު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، ސޮއިކުރާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ފްލެޓް އެޅުމުގެ މަސައްކަތް ފަށަން ޖެހޭނެ އެވެ.

އެއާ އެއްގޮތަށް އޯޑިއޯން އަދި ނާދީ ހުރި ބިމުގައި ވަނީ މަސައްކަތް ފަށައިފަ އެވެ. އެ ދެ ތަނުގައި ވެސް މިހާރު ކުރަމުން އަންނަނީ ފައުންޑޭޝަން ހެދުމަށް ބިން ތައްޔާރުކުރުމުގެ މަސައްކަތެވެ.