Roadha Mihaaru
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ހުށަހަޅައިފި

ނުހައްގު މުއްސަނދިކަމަށް 15 އަަހަރުގެ ޖަލު ހުކުމަކާ އެކު ބިލް ހުށަހަޅައިފި

23 އޯގަސްޓް 2020

އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދިކަން ސާބިތުވެއްޖެ ނަމަ ކުށުގެ އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެއް ކަން ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދިކަން ސާބިތުވެއްޖެ ނަމަ ކުށުގެ އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެއް ކަން ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.

ގައުމުތަކުގައި ނުހައްގު މުއްސަނދިކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށެވެ. ރައްޔިތުންގެ މަޖިލިހުން ގާނޫނުލްއުގޫބާތު ކުރިން ފާސް ކުރިއިރު، ނުހައްގު މުއްސަނދިކަން ކުށެއް ގޮތުގައި ކަނޑައަޅައިފައެއް ނުވެ އެވެ.

އެކަމަކު، ނުހައްގު މުއްސަނދިކަމަކީ ކުށަކަށް ހަދަން ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް އެނގި ހުރެ ސީދާ ނުވަތަ ނުސީދާ މަންފާއެއް ދޭން ވައުދުވުން ނުވަތަ ދިނުމަކީ ކުށެއް ކަމަށެވެ. އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައި ނުވާ އަދި އެ މުވައްޒަފު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި ވަކި ކަމެއް ކުރުމުގެ ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމުގެ މުގާބިލްގައި ދިނުމަށް ވައުދު ވެފައިވާ ނުވަތަ ދިނުމަށް ހުށަހަޅާފައިވާ ނުވަތަ ދީފައިވާ އެއްޗެއް ކަމަށް ބިލުގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

ބިލުގައިވާ ގޮތުން، ނުހައްގު މުއްސަނދިކަމުގެ ކުށް ސާބިތުކުރުމަށް، ދައުލަތުގެ މުވައްޒަފަކު ހޯދުމަށް އެދުނު ނުވަތަ ގަބޫލު ކުރުމަށް އެއްބަސްވި ނުވަތަ ގަބޫލުކުރި މަންފާއަކީ ހަގީގަތުގައި ލިބުނު މަންފާއެއް ކަަމަށް ވުން ލާޒިމެއް ނޫނެވެ. އެ މަންފާ ދިނުމަށް ވައުދުވީ ނުވަތަ ހުށަހެޅީ ސީދާ އެ މީހަކު، މުވައްޒަފަށްތޯ ނުވަތަ މެދުވެރިން ބޭނުންކޮށްގެންތޯ ބެލުން ވެސް ބިލުގައިވާ ގޮތުން ލާޒިމް ކަމެއް ނޫނެވެ. އަދި އެ މުވައްޒަފު އެ ކުރި ކަމެއް އޭނާ ކުރަން އެ މަންފާ ނުފޫޒަކަށް ވި ކަން ކަށަވަރުކުރުން ވެސް ލާޒިމެއް ނޫނެވެ.

ބޭރު ދައުލަތެއްގެ މުވައްޒަފަކަށް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ހުށަހެޅުމާއި ދިނުމަކީ ވެސް ބިލުގައިވާ ގޮތުން ކުށެކެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނުގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހުކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް މަޖިލިހަށް ގާނޫނެއް ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހުށަހެޅި އެވެ. އެ ބިލަށް ބަހުސް ކުރި ނަމަވެސް އެ ބިލްގެ މަސައްކަތް ނުނިމި އެ މަޖިލީހުގެ ދައުރު ނިމުނީ އެވެ.

ނުހައްގު މުއްސަނދިކަމަކީ ބައިނަލްއަގުވާމީ ކޮރަޕްޝަނާ ބެހޭ މުއާހަދާ ބުނާ ގޮތުން ކުށެކެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެމްބަރުންނާއި ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ބޭފުޅުންގެ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހޯދަމުން ދިޔަ ނަމަވެސް ރާއްޖޭގައި އެކަން ހުއްޓުވޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެކެވެ. އެކަން ކުށަކަށް ހަދަން ކުރި މަސައްކަތް މިހާތަނަށް އޮތީ ކާމިޔާބު ނުވެ އެވެ.