Roadha Mihaaru
އެންމެ ފަހުން ވަކީލުންނަށް ޔާމީންއާ ބައްދަލުވެއްޖެ

އެންމެ ފަހުން ވަކީލުންނަށް ޔާމީންއާ ބައްދަލުވެއްޖެ

24 އޯގަސްޓް 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް، އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތަށް އެދި އާދޭސް ކުރާތާ ދުވަސްތަކެއް ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އެކަން ފަހިކޮށްދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް، އެ މަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތަށް އެދި އާދޭސް ކުރާތާ ދުވަސްތަކެއް ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އެކަން ފަހިކޮށްދީފި އެވެ.

ގައިދީން ބަލަހައްޓާ އިދާރާ އިން އެ ފުރުސަތު ޔާމީންގެ ވަކީލުންނަށް އެންމެ ފަހުން މިދިނީ ކްރިމިނަލް ކޯޓުން އެންގުމުންނެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބޭފުޅުންނަށް ޔާމީނާ ބައްދަލު ކުރެއްވުނީ ކްރިމިނަލް ކޯޓުގެ އަމުރެއް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ނެރުމުން ކަމަށާއި މިފަދަ ދުވަހެއް އަތުވެދާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށެވެ. ޑރ. ޖަމީލް ވިދާޅުވީ ޔާމީނާ ބެހޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާ ވާހަކައިގެ ދެކޮޅު ނުޖެހޭކަން މިކަމުން ވެސް އެނގޭ ކަމަށެވެ.

"މިއަދު ހޯމް މިނިސްޓަރު އެ ވިދާޅުވާ ހުރިހާ ވާހަކަތައް، ދެކޮޅު ނުޖެހޭ. ގާނޫނާ ޚިލާފު ވާހަކަތައް ކަން އެނގިގެން މި ދިޔައީ،" ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާކަން އަންގައި ކަރެކްޝަނަލް ސާވިސް އިން ވަކީލުންނަށް ފޮނުވި ސިޓީއާ އެކު ކުރެއްވި ޓުވީޓެއްގައި ޑރ. ޖަމީލް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސް އިން އެ ސިޓީގައި ބުނެފައިވާ ގޮތުން، ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ، ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށުގެ މައްސަލަތަކާ ގުޅިގެން، އެ މަނިކުފާނުގެ ވަކީލުންނާ އެކަހެރިކޮށް ބައްދަލު ކުރެވޭނެ އިންތިޒާމު އެ އިދާރާ އިން ހަމަޖައްސައި ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ އަންގައިފަ އެވެ

ޔާމީންއާ ބައްދަލުކުރަން މާފުށީ ޖަލަށް ދިޔަ ދެ ވަކީލުން، އަދި އެ ޓީމުގެ އިސް ވަކީލު ޑރ. ޖަމީލް މާފުށީ ފަޅުތެރޭގައި ލޯންޗުގައި.

ޔާމީންއާ ބައްދަލުކުރަން މާފުށީ ޖަލަށް ދިޔަ ދެ ވަކީލުން، އަދި އެ ޓީމުގެ އިސް ވަކީލު ޑރ. ޖަމީލް މާފުށީ ފަޅުތެރޭގައި ލޯންޗުގައި.

ޑރ. ޖަމީލް ވިދާޅުވީ، "ގައުމުގެ އުއްމީދު އަދިވެސް އޮތީ ރައީސް ޔާމީނާ އެކު" ކަމަށާއި މިހާރު އެ ބޭފުޅުން ކުރައްވާ މަސައްކަތްތައް ކާމިޔާބު ވެސް ކުރައްވާނެ ކަމަށެވެ.

ޔާމީންގެ މައްޗަށް އަލަށް ކުރި ދެ ދައުވާގެ ޝަރީއަތް ފެށުމަށް މި މަހުގެ 16 ގައި ބޭއްވި އަޑުއެހުމުގައި، ވަކީލުން ވަނީ ޔާމީންއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ގާޒީ އަހުމަދު ޝަކީލް އެ ދުވަހު ވިދާޅުވެފައި ވަނީ ޔާމީނަށް ވަކީލުންނާ ބައްދަލު ނުކުރެއްވޭ ކަމަށް ދައުލަތާއި ދިފާއީ ވަކީލުން ވެސް ބުނެފައިވާތީ އެ ފުރުސަތު ދޭން އަމުރެއް ނެރުއްވާނެ ކަމަށެވެ.

"ވަކީލުންނަށް މުވައްކިލާ ސީދާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރެއް ނެރޭނަން،" ގާޒީ ވިދާޅުވެފައި ވެ އެވެ.

އޭގެ ފަހުން ވެސް ޔާމީންގެ ވަކީލުން ވަނީ އެ މަނިކުފާނާ ބައްދަލުކުރުމަށް އެކި ފަހަރު މަތިން މަސައްކަތް ކޮށްފަ އެވެ. އެއް ފަހަރު ވަކީލުންގެ ޓީމުން މާފުއްޓަށް ވެސް ދިޔަ އެވެ. އެކަމަކު، އެޗްޕީއޭގެ ހުއްދަ ނެތް ކަމަށް ބުނެ އެ ފުރުސަތު އެ ދުވަހު ނުލިބުނެވެ. ވަކީލުން ބުނެފައި ވަނީ އެ ހުއްދަ ނަގައިދޭން ޖެހޭނީ ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ.

ވަކީލުންގެ މިއަދުގެ ބައްދަލުވުމަށް މާފުއްޓަށް ދިއުމަށް ހުރިހާ ހުއްދައެއް ނަގައި ދިނީ ކަރެކްޝަނަލް ސާވިސް އިންނެވެ.

ވަކީލުންނަށް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ސަރުކާރުން ނުދީގެން، ރައްޔިތުންގެ މަޖިލިހަށް ވެސް މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އަދި އެކި ޕްލެޓްފޯމުތަކުގައި ވަކީލުންނާއި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އައީ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންނެވެ.

މަނީ ލޯންޑްރިންގެ ކުށުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން މީގެ ކުރިން ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ ޔާމީނާއި އެ މަނިކުފާނުގެ ވަކީލުންނަށް ބައްދަލުނުކުރެވި އޮތީ ވަކީލުން ބޭނުން ނުވާތީ ކަމަށެވެ.