Roadha Mihaaru
ވަކީލުންގެ ޕީސީއާރު ޓެސްޓް: އަމާޒަކީ ޔާމީނެއް ނޫން

ވަކީލުން ކޮވިޑަށް ޓެސްޓްކުރުން: ޔާމީނަށް އަމާޒުކުރި އުސޫލެއް ނޫން

16 ޑިސެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުން މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވަން ކުރި މަސައްކަތް "ކޮވިޑާ ހެދި" ނާކާމިޔާބުވުމުން އެ ވަކީލުން އިހުސާސްތައް މީޑިއާގެ ކުރިމައްޗަށް ބަންޑުން ޖަހާލީ މިގޮތަށެވެ؛

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުން މާފުށީ ޖަލަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރައްވަން ކުރި މަސައްކަތް "ކޮވިޑާ ހެދި" ނާކާމިޔާބުވުމުން އެ ވަކީލުން އިހުސާސްތައް މީޑިއާގެ ކުރިމައްޗަށް ބަންޑުން ޖަހާލީ މިގޮތަށެވެ؛

"މިހާރު އެ ވިދާޅުވަނީ ކޮވިޑް ޓެސްޓް ހަދަން. ދެން ވިދާޅުވާނީ ލޭގެ ޓޭސްޓަކާ އެއްކޮށް ބައްދަލުވުމަށް އަންނަން. ޖެހިގެން އަންނަ ދުވަހު ބުނާނީ އެކްސް-ރޭ އެއް ނަންގަވައިގެން ވަޑައިގަންނަވާށޭ. އަނެއްކާ އެއަށް ފަހު ބުނާނީ ސަލާމަތީ ހިދުމަތް ދޭ ތަނަކުން ބޮޑީ ސްކޭން ހުއްދައެއް ހޯދައިގެން ހުށަހަޅާށޭ. މިކަހަލަ ބައިވަރު ޝަރުތުތައް އަންނާނެ މީގެ ފަހުން. އެއްވެސް އަސާސެއް ނެތި ޝަރުތުތަކެއް ކުރިމަތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

ވަކީލުންގެ މި ކަންބޮޑުުންތަކުގެ ފެށުން އައި ހިސާބަކީ ޑިސެމްބަރު 2، 2020 ގައި ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ނެރުނު އިއުލާނުގައި، ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށް މީހުން ދިރިއުޅޭ ރަށްރަށަށް ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ޓެސްޓް ނަތީޖާއެއް އޮތުމުން ކަމަށް ބުނެ ހެދި ގައިޑްލައިން އެވެ. އަދި ޔާމީންގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރަން ދިޔުމުން ކަރެކްޝަންސް އިން ވަކީލުންނަށް ފޮނުވި އީ-މެއިލް އެއްގައި ޕީސީއާރް ޓެސްޓް ހަދައިގެން ނޫނީ އެ ބައްދަލުވުން ހަމަޖައްސައިދެވެން ނެތް ކަމަށް ބުނި ބުނުމެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް. --އަވްޝަން އިލްޔާސް/މިހާރު

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް. --އަވްޝަން އިލްޔާސް/މިހާރު

އެ މައްސަލާގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ހިފަނީ ގާނޫނުއަސާސީގެ ދެ މާއްދާއެއްގަ އެވެ. ގާނޫނުއަސާސީ 51 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުން ކުށުން ބަރީއަވުމަށް މަސައްކަތްކުރަން އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތައް ލިބެން ވާނެ އެވެ. އަދި އެ މީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރަން ފުރުސަތު ދޭން ވާނެ އެވެ. މީގެ އިތުރުން ގާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ގާނޫނީ ވަކީލެއްގެ އެހީއެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު އެންމެނަށް ކަށަވަރުކޮށްދީފައި އޮތުމުން އެ މާއްދާ ވެސް ވަކީލުން ނަންގަވަ އެވެ.

"ދެ މާއްދާއެއްގައި ވަކީލުންގެ ވާހަކަ ހާއްސަ ގޮތެއްގައި ގެނެސްފައި މިއޮތީ ވަރަށް ބޮޑު ސަބަބުތަކަށްޓަކައި. ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ހުރި ބޭފުޅެއް ރައީސް ޔާމީންއަކީ. ދައުލަތުން ހަމަޖައްސައި ދޭން މި ޖެހެނީ ކިހިނެއްތޯ އަޅުގަނޑުމެންނަށް އެތަނަށް ދެވޭނީ، ވަކީލުން ލިބިދޭން އެބަ ޖެހޭ ގާނޫނުއަސާސީގައި ބުނާ ގޮތުން،" ޔަމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި މީގެ ކުރިން ވަކީލުންގެ ބައްދަލުވުމަށް އެދި ކަރެކްޝަންސްއަށް ފޯމް ހުށަހެޅުމުން އުނދަގޫތަކާ ނުލައި އެކަން ހަމަޖެހެ އެވެ. ވަކީލުން މާފުއްޓަށް ވަޑައިގަތުމުގެ ދެ ގަޑިއިރު ކުރިން، ކަރެކްޝަންސްގެ އޮފިސަރަކަށް އެންގުމުން އެކަން ނިމެނެ އެވެ. ވަކީލުންގެ ލޯންޗު މާފުށީ ޖަލާ ދިމާލުގައި އޮންނަ ޖެޓީއާ ކައިރި ކުރުމުން ކަރެކްޝަންސްގެ އޮފިސަރަކު ގޮސް ވަކީލުން ސީދާ ޖަލަށް ގެންދެ އެވެ. އެއްވެސް އިތުރު މީހަކާ ބައްދަލު ނުވެ، އެ ދާ ގޮތަށް ޔާމީންއާ ބައްދަލުކުރެއްވޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

އެކަމަކު ކޮވިޑް-19އާ ގުޅިގެން ހިފެހެއްޓިފައި ވަނީ ވަކީލުންގެ ހައްގުތައް އެކަންޏެއް ނޫނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ މި ހާއްސަ ހާލަތުގައި އެއްވެ އުޅުމާއި ދަތުރުފަތުރު ކުރުން ފަދަ ކިތަންމެ ހައްގެއް ވަނީ ވަކި އިމެއްގެ ތެރޭގައި ހިފަހައްޓައިފަ އެވެ. އެހެންކަމުން ކޮވިޑް ގައިޑްލައިންގެ ތެރެއަށް ގާނޫނީ ވަކީލު ބައްދަލުވުންތައް ފެތެން ނުޖެހޭ ވަކި ސަބަބެއް އެބަ އޮތް ހެއްޔެވެ؟ އަދި މިއީ ސަރުކާރުން ހަމައެކަނި ރައީސް ޔާމީންގެ ވަކީލުންނާ ދޭތެރޭ އަމަލުކުރާ ގޮތެއް ހެއްޔެވެ؟

ގައިޑްލައިން ހަދަނީ ޔާމީނަށް ބަލައިގެނެއް ނޫން!

މާފުށީ ޖަލަށް ދާ ވަކީލުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭ މައްސަލާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި ވަކި ގައިދީއަކާ ދޭތެރޭ ތަފާތު ކުރުމެއް ނުގެންގުޅެ އެވެ. ހުރިހާ ވަކީލުންނަށް ވެސް މުވައްކިލުންނާ މިހާރު ބައްދަލުކުރެވޭނީ ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށް ކަނޑައެޅީ އެޗްޕީއޭ އިން އެގޮތަށް އަންގާފައިވާ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ވެސް މާފުއްޓަށް އެރޭނީ ޕީސީއާރް ޓެސްޓް ހަދައިގެން. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އެ ވަޑައިގަންނަވަނީ ހަމަ ޕީސީއާރް ޓެސްޓް ހައްދަވައިގެން. ވަކި ބޭފުޅަކަށް ވީތީ ކުރާ ކަމެއް ނޫން މިއީ،" އަހުމަދު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު. --ފޮޓޯ:މިހާރު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު. --ފޮޓޯ:މިހާރު

އެނގިފައިވާ ގޮތުގައި އެޗްޕީއޭ އިން އެ އުސޫލު ބަދަލުކުރި ފަހުން އެހެން ވަކީލުން ވެސް މާފުށީ ޖަލަށް ޒިޔާރަތްކުރާ ނަމަ ޕީސީއާރް ޓެސްޓް ހަދަން ވަނީ އަންގައިފަ އެވެ. އަދި އެކަން ނުކުރެވޭ ހާލަތުގައި ބައެއް ވަކީލުންނަށް ވާޗުއަލްކޮށް ގައިދީއާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް ހަމަޖައްސައިދީފައި އެބަހުއްޓެވެ.

އަހުމަދު ވިދާޅުވީ ވަކީލުންގެ އިތުރުން މާލޭގައި ދިރިއުޅޭ ކަރެކްޝަންސްގެ މުވައްޒަފުން ވެސް މާފުއްޓަށް އަރަން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޓެސްޓު ހަދަން ޖެހެ އެވެ.

"ރައީސް ޔާމީންއަށް އަމާޒުކޮށްގެން ކުރާ ކަމެއް ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް. އެޗްޕީއޭގެ ގައިޑްލައިނަކީ ރައީސް ޔާމީން ވެގެން ހައްދަވާފައި އޮތް ގައިޑްލައިނެއް ނޫން،" ކޮމިޝަނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީސީއާރް ޓެސްޓް ހަދަން ވަކީލުން ދެކޮޅު ހައްދަވާ ނަމަ، ރައީސް ޔާމީން މާލޭ ޖަލަށް ބަދަލުކުރަން ވެސް ކަރެކްޝަންސް އިން ތައްޔާރެވެ. ނަމަވެސް އެ ހުށަހެޅުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ޖަވާބު ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ގައިޑްލައިންގައި ހިމެނޭ ވަކި ކަމަކާ ގުޅިގެން އުފެދިފައި މި އޮތް ބަހުސްގައި ޖެހި ޔާމީންގެ ޝަރީއަތްތަކަށް އަންނަނީ ހުރަސްއެޅެމުންނެވެ. އަދި އެއީ އިންސާފު ލިބުން ލަސްވުމެވެ. މިއީ އެމަނިކުފާނުގެ ވަކީލުންގެ ވެސް ކަންބޮޑުވުމެކެވެ. ނަމަވެސް ސުވާލަކީ ކޮވިޑް ޓެސްޓެއް ހެދުމަކީ ވަކީލުންގެ ބައްދަލުވުންތައް ނުބޭއްވިގެން އުޅެން ޖެހޭ ވަރުގެ ބޮޑު ހުރަހެއް ހެއްޔެވެ؟