ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ފެންނަން ނެތުމާ އެކު މުބާރާތް ކެންސަލްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
30 އޯގަސްޓް 2020
ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ފެންނަން ނެތުމާ އެކު މުބާރާތް ކެންސަލްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ އާއި ބަންގްލަދޭޝްގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭއެފްސީން ވަނީ މުބާރާތް ކެންސަލްކުރުމާ މެދު މަޝްވަރާތަކެއްކޮށް އެކަން އެ އިދާރާގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓަށް ހުށަހަޅައިފަ އެވެ. އަދި ބެލެވޭ ގޮތުގައި އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް މި ކަމުގައި ގޮތެއް ކަނޑައެޅުމަށް ވަނީ ނިންމައިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް "މިހާރަ"ށް މިއަދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން އެކި ގައުމުތަކުގައި ހާލަތު ހުރިގޮތުން އޭއެފްސީ ކަޕްގެ މެޗުތައް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.
"މިހާރު އޮތްގޮތުން އޭއެފްސީން މުބާރާތާ މެދު އެންމެ ފަހުގެ ގޮތެއް ނިންމާނީ އަންނަ މަހު 10 ވަނަ ދުވަހު،" ބައްސާމް ވިދާޅުވި އެވެ.
މެމްބަރު އެސޯސިއޭޝަންތަކާއި ކްލަބްތަކާ އެކު އޭއެފްސީން މިދިޔަ ޖޫން އަދި ޖުލައި މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމާފައި އޮތީ އީސްޓް ޒޯންގެ މެޗުތައް އަންނަ މަހު ކުޅުމަށާއި ވެސްޓާއި ސައުތު ޒޯންގެ މެޗުތައް އޮކްޓޫބަރު މަހު ފަށާ ގޮތަށެވެ. އެ ގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް ކަމަށްވާ ގްރޫޕް އީގެ މެޗުތައް އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު މަހު ހަތަރަކަށް މާލޭގައި ކުޅޭ ގޮތަށް ހަމަޖެހުނެވެ.
މެޗުތައް ބޭއްވޭނެ ގޮތެއް ނެތިގެން އޭއެފްސީން މުބާރާތް ކެންސަލްކޮށްފިނަމަ ރަނގަޅަށް މުބާރާތަށް ތައްޔާރުވަމުން އައި ޓީމުތަކަށް ބޮޑު ގެއްލުންތަކެއްވާނެ އެވެ. އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ދެކުނު އޭޝިއާގެ ގްރޫޕުގައި ހަތަރު ޓީމު ކަމަށްވާ ރާއްޖޭގެ ޓީސީ އާއި މާޒިޔާގެ އިތުރުން އިންޑިއާގެ ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް މާޒިޔާ އާއި ބަޝުންދުރާ އިން ބޮޑު ހޭދަތަކެއްކޮށް ކުޅުންތެރިން ގެންނަން ހުރިހާ ކަމެއް ވަނީ ނިންމައިފަ އެވެ. މާޒިޔާ އިން ޕްރެކްޓިސް ފަށާފައިވާއިރު، ބަޝުންދުރާ އާއި ޓީސީން ވެސް ވަރަށް އަވަހަށް ފަރިތަކުރުންތައް ފަށަން ވަނީ ތައްޔާރުވެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ: ބައްސާމް ވަނީ އޭއެފްސީ ކަޕް ކެންސަލްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައި. -- ފޮޓޯ: މިހާރު
ބައްސާމް ވިދާޅުވީ އޭއެފްސީން މުބާރާތް ކެންސަލްކުރަން ވިސްނަން ފެށީ އެހެން ގްރޫޕްތަކުގެ މެޗުތައް ބާއްވަން ހޯސްޓެއް ހަމަނުޖެހުމުން ކަމަށެވެ. އަދި މުބާރާތް ކެންސަލްވެއްޖެނަމަ ރާއްޖޭގެ ދެ ކްލަބް ކަމަށްވާ މާޒިޔާ އާއި ޓީސީ އަށް މިއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިއީ ދިވެހި ފުޓްބޯޅަ އަށް ވެސް ގެއްލޭ ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭއެފްސީ ކަޕް ކެންސަލްކުރަން އުޅޭ ވާހަކަތައް އިވެން ފެށުމާ އެކު އެ މުބާރާތްތައް ތައްޔާރުވާން ޗެންނާއީ އިން ކުރަަމުން އައި މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. އަދި ރަސްމީކޮށް އޭއެފްސީން ވަކި ގޮތެއް އެންގުމުން ނޫނީ ދެން އިތުރަށް މަސައްކަތް ކުރިއަށްނުގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މާޗް މަހު އޭއެފްސީން މުބާރާތް މެދުކަނޑާލުމަށް ފަހު އޭރު ބުނީ އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގު ކެންސަލްނުކޮށް މުބާރާތް ފުރިހަމަކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް އަންނަ މަހު ފަށަން ނިންމާފައިވާއިރު ދާދި ފަހުން ވެސް ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތްހުރީ ދެ މުބާރާތް ވެސް ފުރިހަމަކުރަން ކަމަށް ބުނެފަ އެވެ.
މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!
އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟
އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމައިފި
މާޒިޔާއަށް ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް
މާޒިޔާ އާއި ޓީސީ އަށް ޕްރެކްޓިސް ފަށަން ހުއްދަ ދީފި
އޭޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ގަލޮޅު ދަނޑުގައި
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ރާއްޖޭގައި
އޭއެފްސީ ކަޕް މެޗުތައް ބާއްވަން ރާއްޖޭން ބިޑްކޮށްފި
އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް މެޗުތައް އެއް ދަނޑެއްގައި
ކޮވިޑް-19: އޭއެފްސީ ކަޕްގެ މެޗުތައް ފަސްކޮށްފި