ކޮވިޑް-19ގެ ހާލަތުން އެއްކޮށް އަރައިނުގަނެވޭތީ މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ނިންމައިފި އެވެ.
26 ޖެނުއަރީ 2021
ކޮވިޑް-19ގެ ހާލަތުން އެއްކޮށް އަރައިނުގަނެވޭތީ މި އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ނިންމައިފި އެވެ.
އޭއެފްސީގެ އެންމެ މަތީ ފަންތީ ކްލަބް މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ވެސް ކުރިއަށްގެންދަން ނިންމާފައިވަނީ ސެންޓްރަލައިޒްކޮށެވެ. މެޗުތައް ސެންޓްރަަލައިޒްކޮށް ބާއްވާނެ ދަނޑުތަކެއް ކަނޑައަޅާނީ މާދަމާ ބާއްވާ އެ ދެ މުބާރާތުގެ ގުރުއަތުލުމަށް ފަހުގަ އެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް މާޗް މަހު ހުއްޓާލީ ގްރޫޕް ސްޓޭޖުގައި މަދު މެޗުތަކެއް ކުޅެފަ އެވެ. އޭރު އޭޝިއާގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، މުބާރާތް ވަގުތީ ގޮތުން ފަސް ވަރަކަށް މަސް ދުވަހަށް މެދުކަނޑާލުމަށް ފަހު އޭއެފްސީން އަލުން މުބާރާތް ފަށަން ރޭވީ ކޮންމެ ގްރޫޕެއްގެ މެޗުތައް ސެންޓްރަލައިޒްކޮށް ވަކި ސަރަހައްދެއްގައި ކުރިއަށްގެންދާ ގޮތަށެވެ.
އެ ގޮތުން ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގްރޫޕް ކަމަށްވާ ގްރޫޕް އީގެ މެޗުތައް މިދިޔަ އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު މަހު ހަތަރަކަށް މާލޭގައި ކުޅޭ ގޮތަށް ހަމަޖެހުނެވެ. ޝެޑިއުލް ވެސް އާންމުކުރި އެވެ. ރާއްޖޭގެ މާޒިޔާ އިން އެ މުބާރާތަށް ޕްރެކްޓިސް ފަށާފައިވަނިކޮށް އޭއެފްސީން މުބާރާތް ކެންސަލްކުރަން ޖެހުނީ ބައެއް ގްރޫޕްގެ މެޗުތައް ބާއްވާނެ ގައުމެއް ނެތުމުންނެވެ.
މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ވާދަކުރަނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަަވަރުވެފައިވަނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަށެވެ. ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ. ކޮލިފައިންގައި ރާއްޖޭގެ ލީގު ރަނަރަޕް ކްލަބް އީގަލްސް، އިންޑިއާގެ ބެންގަލޫރު، ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން ނޭޕާލުގެ އާމީ ކްލަބާއި ސްރީލަންކާ ޕޮލިސް އަދި ބޫޓާންގެ ތިމްޕޫ ސިޓީ ވާދަކުރާނެ އެވެ.
ކޮލިފައިން ބުރުގައި މީގެ ކުރިން ދެ ލެގަށް ކުޅުނު ނަމަވެސް މި ފަހަރު ކުޅޭނީ އެންމެ މެޗެކެވެ. މިހާރު އޮތް ގޮތުން ކޮލިފައިން ބުރު އޮންނާނީ އޭޕްރީލް މަހުގަ އެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ މެއި މަހުގަ އެވެ.
އޭއެފްސީގެ ވިސްނުން ހުރީ ފަސް ރީޖަނަކަށް ބަހާލައިގެން ސެންޓްރަލައިޒްކޮށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވާގޮތަށެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމުން ރާއްޖޭން ބިޑް ކާމިޔާބުކުރި އެވެ. އެކަމަކު މިފަހަރު އިންޑިއާ އިން ވެސް މުބާރާތުގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރަން ބިޑްކުރާނެ ކަމަށް އެނގިފައިވެ އެވެ.
އޭއެފްސީން 2004 ވަނަ އަހަރު ފެށި އެ އިދާރާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުން ފެށުނުއިރުއްސުރެން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ދެ އެވެ. ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނީ 2019 ވަނަ އަހަރު އެވެ. އެއީ އޭއެފްސީން މުބާރާތްތަކުގައި ކުޅެން ހޯދަން ޖެހޭ ކްލަބް ލައިސަންސް ރާއްޖޭގެ އެއްވެސް ކްލަބަކަށް ލިބިފައިނުވާތީ އެވެ.
މާޒިޔާ އަތުން ބަލިވުމުން ޓީމަށް އަސަރު ކުރި: ޗެތުރީ
އުނދަގޫ ތަޖުރިބާއެއް، ކުޅުންތެރިން ދެއްކީ ނަމޫނާ
ބެންގަލޫރުާއި އީގަލްސް އަދި މާޒިޔާ ކޭމްޕުކޮށްފި
މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!
މާޒިޔާއަށް ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް
އޭއެފްސީ ކަޕް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ: ބައްސާމް
އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟
ފަހު ވަގުތު ޗެންނާއީން މާޒިޔާއާ އެއްވަރުކޮށްފި
"މާޒިޔާ އަށް ރާއްޖޭގެ ސަޕޯޓަރުންގެ އެހީ މުހިއްމު"
14 އަހަރަށްފަހު މާޒިޔާއަށް ޔޫތު ޗެމްޕިއަންޝިޕުގެ ތަށި