03 ސެޕްޓެމްބަރ 2020
ބާލިން (ސެޕްޓެމްބަރު 3) - ޔުއެފާ ނޭޝަންސް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި މިރޭ ރަށުން ބޭރުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަކީ ސްޕެއިނުގެ ޒުވާން ތަރިންނަށް އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.
ބާލިން (ސެޕްޓެމްބަރު 3) - ޔުއެފާ ނޭޝަންސް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި މިރޭ ރަށުން ބޭރުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަކީ ސްޕެއިނުގެ ޒުވާން ތަރިންނަށް އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އަލުން ސްޕެއިން ގައުމީ ޓީމާ ހަވާލުވި އެންރީކޭ މި ފަހަރު ނެގި ސްޕެއިން ސްކޮޑުން ވަނީ މުޅިން އަލަށް ހަތަރު ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. އެއީ މެންޗެސްޓާ ސިޓީގެ އެރިކް ގާސިއާ އާއި ފެރާން ޓޮރޭޒް، ބާސެލޯނާގެ އަންސޫ ފާޓީ އަދި ވުލްވްސްގެ އެޑަމާ ޓްރައޮރޭ އެވެ. މީގެ ތެރެއިން އެޑަމާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އައިސޮލޭޓްކޮށްފަ އެވެ.
އެންރީކޭ ބުނީ ސްޕެއިނުގައި ފަހަކަށް އައިސް ދުވަސްވީ ކުޅުންތެރިން ގިނަ އަދަދަކަށް ކުޅުނު ކަމަށާއި އެ މަގާމުތަކަށް ބަދަލެއް ހޯދަން ކުރި މަސައްކަތްތަކުގެ ކުރިއެރުން މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.
"ތަފާތު ސަބަބުތަކަށް ބެލުމަށް ފަހު އަހަރެން އަލުން ގައުމީ ޓީމަށް އައިސް ބޮޑަށް އިސްކަންދިނީ ދުވަސްވީ ކުޅުންތެރިން ކުޅެމުން އައި މަގާމުތަކަށް އާ މޫނުތަކެއް ހޯދަން. އެކަން ފަށައިގެން އަހަރެން މަސައްކަތްކުރަނިކޮށް ފެނިގެންދިޔައީ ހީވެސް ނުކުރާހާ ތަފާތު މަންޒަރުތަކެއް. ސްޕެއިނުގައި ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް އެބަތިބި. މި ފަހަރު އަހަރެމެން ފުރުސަތު މި ދިން ކުޅުންތެރިންގެ އިތުރުން ދެން ތިބި ކުޅުންތެރިންނަށް ޖާގަ ދެމުންދާނަން. ޖަރުމަނު މެޗަކީ މި ފަހަރު ނެގި ކުޅުންތެރިންނަށް ޓެސްޓެއް،" ކުރިން ބާސެލޯނާ އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.
މަޝްހޫރު ކުޅުންތެރިންގެ އިތުރުން ޖަރުމަނުގައި މޮޅެތި ކޯޗުން ވެސް އުފެދެމުން އަންނަކަން ފާހަގަކޮށް އެންރީކޭ ބުނީ ޖަރުމަނު ގައުމީ ޓީމަކީ އަބަދުވެސް ޔޫރަޕްގެ އިތުރުން މުޅި ދުނިޔޭގެ ނިސްބަތުން ބެލިކަމުގައި ވިޔަސް ވަރުގަދަ ޓީމެއް ކަމަށެވެ.
"ޖަރުމަނަކީ ޔޫރަޕްގެ ވަރުގަދަ ބާރެއް. އެ ހަގީގަތް އަބަދުވެސް އަހަރެމެން ގަބޫލުކުރާނަން. ރަސްމީ މެޗުތަކުގައި ޖަރުމަނާ ދެކޮޅަށް އަބަދުވެސް ނުކުންނަ ހިތްވޭ. މިއީ ސަޕޯޓަރުން ދަނޑަށް ނުވަދެ ކުޅެން ޖެހުނަސް ސަޕޯޓަރުން ގޭގައި ތިބެ ވެސް ވަރަށް ބަލާހިތްވާނެ މެޗެއްކަން ޔަގީން،" އެންރީކޭ ބުންޏެވެ.
ޖަރުމަނު ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އެ ޓީމުގެ ކޯޗު ޔަކީމް ލޯ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އޭއެފްޕީ
ޖަރުމަނުގެ ކޯޗު ޔަކީމް ލޯ މިރޭގެ މެޗަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، ސަޕޯޓަރުން ނުލައި ކުޅެން ޖެހުމުގެ އިތުރުން ދެން އޮތް ކަންބޮޑުވުމަކީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ބަޔާން މިއުނިކްގައި ހިމެނޭ ޖަރުމަނު ގައުމީ ޓީމުގެ ކުޅުންތެރިން މި މެޗުގައި އެހާ ބޮޑަށް ބޭނުންކުރެވެން ނެތުމެވެ.
"އަހަރެމެން ބޭނުން ލެވަލްގެ ކުޅުމެއް މި މެޗުގައި ނުދެއްކޭނެ. އެއީ ފިޒިކަލް ކޮންޑިޝަނަށް ބަލާއިރު ޓީމެއްގެ ގޮތުގައި ކުޅެވޭ ވަރަށް ނެތް މާ ގިނަ ކުޅުންތެރިންގެ މެޗު ފިޓްނަސް ލެވަލް. އެހެންވެ އަހަރެން ގަބޫލުކުރަނީ ސްޕެއިނާ ދެކޮޅަށް 90 މިނިޓް ވަންދެން އަހަރެމެން ބޭނުންވާ ގޮތަށް ނުކުޅެވޭނެ ކަމުގެ ބިރު އޮތް ކަމަށް،" ލޯ ބުންޏެވެ.
ޗެމްޕިއަންސް ލީގު ތަށި އުފުލާލި ބަޔާން ޓީމުގައި މޮޅު ކުޅުމެއް ދެއްކި މެނުއަލް ނޯޔާ، ޖޯޝުއާ ކިމިޗް، ސާޖް ގްނަބްރީ އަދި ލެއޯން ގޮރެޓްޒްކާ މިރޭގެ މެޗުގައި ނުފެންނާނެ އެވެ. އެކަމަކު ބަޔާންގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޗެމްޕިއަންސް ލީގުގައި ބައެއް މެޗުތަކުގައި ކުޅުނު ނިކްލަސް ސޫލާ އަދި މި ފަހަރުގެ ބަޔާނާ ގުޅުނު ލެރޯއި ސާނޭ މި މެޗުގައި ކުޅޭނެ އެވެ.
ސްޕެއިނާއި ޖަރުމަނުގެ އިތުރުން ނޭޝަންސް ލީގުގެ އޭ4 ގައި އޮތީ ޔޫކްރޭނާއި ސްވިޒަލެންޑް އެވެ. ޖަރުމަނުގެ ސްޓުޓްގާޓް ދަނޑުގައި މިރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.
ޖަރުމަން ކޮޅަށް ހަ ގޯލު ޖަހައި ސްޕެއިން ސެމީ އަށް
ޖަރުމަން ބަލިކުރުން ނޫން ގޮތެއް ނެތް: އެންރީކޭ
ސްޕެއިން އެއްވަރުވިއިރު، ފްރާންސް ފައިނަލް ބުރަށް
ސްޕެއިން ބަލިވިއިރު، ޖަރުމަނާއި ސްވިޒަލެންޑް އެއްވަރު
ފާޓީ އަށް ރެކޯޑެއް، ޖަރުމަނަށް އިތުރު އިންތިޒާރެއް
ގާޔާ ފަހު ވަގުތު ސްޕެއިން ސަލާމަތްކޮށްދީފި
ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
ސްކޮޓްލެންޑް އަތުން ޕޯޗުގަލް ސަލާމަތްކޮށްދިނީ ރޮނާލްޑޯ