Roadha Mihaaru
ގާޔާ ފަހު ވަގުތު ސްޕެއިން ސަލާމަތްކޮށްދީފި

ގާޔާ ފަހު ވަގުތު ޖަރުމަނު އަތުން ސްޕެއިން ސަލާމަތްކޮށްދީފި

04 ސެޕްޓެމްބަރ 2020

ސްޓުޓްގާޓް (ސެޕްޓެމްބަރު 4) - ފަހު ވަގުތު ހޯސޭ ގާޔާ ވައްދާލި ގޯލުން ސްޕެއިން އިން ޔުއެފާ ނޭޝަންސް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނާ 1-1 އިން އެއްވަރުކޮށްފި އެވެ.

ސްޓުޓްގާޓް (ސެޕްޓެމްބަރު 4) - ފަހު ވަގުތު ހޯސޭ ގާޔާ ވައްދާލި ގޯލުން ސްޕެއިން އިން ޔުއެފާ ނޭޝަންސް ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނާ 1-1 އިން އެއްވަރުކޮށްފި އެވެ.

ޖަރުމަނުގެ ސްޓުޓްގާޓް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭނުންނުކުރެވިފަ އެވެ. ސްޕެއިނުގެ ގޯލުގައި ހުރި ކީޕަރު ޑޭވިޑް ޑެހެއާ އާއި ޖަރުމަނުގެ ކީޕަރު ކެވިން ޓްރަޕް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޓްރަޕަކީ ޖަރުމަނުގެ ތިން ވަނަ ކީޕަރެވެ. އޭނާ އަށް ރޭ ފުރުސަތު ލިބުނީ މި ވަގުތު މެނުއަލް ނޯޔާ ޓީމާ ދުރުގައި ހުރުމުންނާއި ދެ ވަނަ ކީޕަރު މާކް އަންދްރޭ ސްޓެގެން އަނިޔާގައި ހުރުމުންނެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުގެ ލެރޯއި ސާނޭ އާއި ޖޫލިއަން ޑްރެކްސްލާ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން ސްޕެއިނުގެ ރޮޑްރީގޯ މޮރޭނޯ އަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ހުއްޓުވީ ޓްރަޕް އެވެ.

ސްޕެއިނުން ދެ ވަނަ ހާފްގައި ނުކުތީ ބާސެލޯނާގެ 17 އަހަރުގެ ފޯވާޑް އަންސޫ ފާޓީ އަރުވައިގެންނެވެ. މިއާ އެކު އޭނާ ވެފައިވަނީ ސްޕެއިނަށް މިދިޔަ 84 އަހަރުތެރޭ ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ފުރުސަތުގެ ބޭނުންހިފައި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޖަރުމަނުން ލީޑުނެގި އެވެ. މެޗުގެ 51 ވަނަ މިނިޓްގައި މި ގޯލު ޖެހީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު ޓިމޯ ވާނާ އެވެ. ލީޑުފުޅާކުރަން ވާނާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ސާނޭ ހުސްކޮށްލާފައި ޖައްސާލި ބޯޅަ ވާނާ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރުންނެވެ.

ނަތީޖާ ހަމަހަަމަ ކުރަން ސްޕެއިނުން ކުރިން މަސައްކަތް ކާމިޔާބުވީ ފަހު ވަގުތު އެވެ. އޭރިއާތެރެއިން ރޮޑްރީގޯ ބޮލުން ޖައްސާލި ބޯޅަ ހުސްކޮށްހުރި ގާޔާ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ޖަރުމަނަށް މޮޅެއް ނުލިބެ އެވެ. ރޭގެ މެޗުން އެއްވަރުވުމާ އެކު ފުރަތަމަ މޮޅު ހޯދަން އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ޔޫކްރޭން ވަނީ އަމިއްލަ ދަނޑުގައި 2-1 ސްވިޒަލެންޑް ބަލިކޮށްފަ އެވެ.