Roadha Mihaaru
ރަޝިއާގެ ދަތުރުތައް ބުރާސްފަތި ދުވަހު އަލުން ފަށަނީ

ރަޝިއާގެ ދަތުރުތައް ބުރާސްފަތި ދުވަހު އަލުން ފަށަނީ

08 ސެޕްޓެމްބަރ 2020

ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު އަލުން ފަށަން ތާވަލު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓްގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު އަލުން ފަށަން ތާވަލު ކޮށްފި އެވެ.

އެ އެއާލައިނުން މި މަހުގެ ހަތަރު ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ޝެރެމެޓްޔެވޯ އާއި މާލެއާ ދެމެދު ފްލައިޓުތައް އޮންނާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށެވެ. އަދި ރިޓާން ފްލައިޓުތައް އޮންނާނީ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހު ކަމަށް ވެސް އެއާލައިނުން ބުނެ އެވެ.

މިއީ އެ އެއާލައިނުން ވަގުތީ ގޮތަށް ފަށާ ދަތުރުތަކެކެވެ. އެހެންކަމުން އެ އެއާލައިންގެ ޝެޑިއުލްއަށް އަންނަ ބަދަލުތަކާ އެކު ކުރިއަށް އޮތް ތަނުގައި ދަތުރުތަކަށް ބަދަލު އަންނާނެ ކަމަށް ވެސް އެއާލައިނުން ބުންޏެވެ.

އެއިރޯޕްލޮޓުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމީ އެ ގައުުގެ ސަރުކާރުން ރާއްޖެ އާއި މިސްރުގެ ކައިރޯ އާއި ޔޫއޭއީގެ ދުބާއީއަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމާ ގުޅިގެންނެވެ. މިއީ ކޮވިޑް-19އާ ގުޅިގެން އެ ގައުމުގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވައި، ދަތުރުފަތުރުގެ ހުއްދަ ދިން ފުރަތަމަ ތިން ގައުމެވެ.

ރަޝިއާއަކީ މިވަގުތު ރާއްޖެއަށް ވަރަށް މުހިންމު މާކެޓެކެވެ. މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ރަޝިއާ ހިމެނޭއިރު މި އެއާލައިންގެ ދަތުރުތައް ފެށުމާ އެކު އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރަން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭނެ އެވެ. މީގެ ސަބަބުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ޓޫރިސްޓުންނަށް ޔަގީން ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.