Roadha Mihaaru
ވެލާނާ އެއާޕޯޓުގެ ހަރަކާތްތައް އިތުރުވަނީ!

ވެލާނާ އެއާޕޯޓުގެ ހަރަކާތްތައް އިތުރުވަނީ!

08 ސެޕްޓެމްބަރ 2020

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެއާ ޓްރެފިކާއި ޕެސެންޖާ ޓްރެފިކް ކޮންމެ މަހަކު ވެސް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެއާ ޓްރެފިކާއި ޕެސެންޖާ ޓްރެފިކް ކޮންމެ މަހަކު ވެސް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެއާޕޯޓުން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ޖުލައި 15 އިން ފެށިގެން އޮގަސްޓްގެ ނިޔަލަށް އެ އެއާޕޯޓުން ވަނީ 1،145 އެއާ ޓްރެފިކް ރެކޯޑުކޮށްފަ އެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ 628 މޫވްމަންޓް ހިމެނޭއިރު އެތެރޭގެ އުދުހުންތަކުގެ 517 މޫވްމަންޓް ހިމެނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެއާޕޯޓުގެ ޓްރެފިކް ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓް މަހު ވަނީ ދެ ގުނަ އިތުރުވެފަ އެވެ. އެގޮތުން، ޖުލައި މަހު 387 ފްލައިޓު މޫވްމަންޓް ރެކޯޑު ކޮށްފައިވާއިރު އޮގަސްޓް މަހު ރެކޯޑު ކޮށްފައިވަނީ 758 މޫވްމަންޓެވެ.

މީގެ އިތުރުން ބޯޑަރު ހުޅުވި ފަހުން 14،076 މީހުން ރާއްޖެ އައިސްފައިވާއިރު އެކި ރަށްރަށުން ވީއައިއޭ އަށް 5،236 މީހުން ވަނީ އައިސްފަ އެވެ. އަދި 18،151 މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު ވީއައިއޭއިން އެކި ރަށްރަށަށް 5،993 މީހުން ވަނީ ދަތުރުކޮށްފަ އެވެ.

ވީއައިއޭއިން ކުރި ޓްވީޓެއް--

ކޮވިޑް-19އާ ގުޅިގެން ހަތަރު މަހެއްހާ ދުވަސް ވަންދެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15ގަ އެވެ. އެއަށްފަހު މިހާތަނަށް ދުވަހަކަށް ފަހު ދުވަހެއް ވީއައިއޭގެ އެއާ ޓްރެފިކް ރަނގަޅުވަމުން އަންނަ ކަމަށް އެ އެއާޕޯޓުން ވެސް ވަނީ ބުނެފަ އެވެ.

ރާއްޖެ އަށް މިހާރު ދަތުރު ކުރާ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އާއި އިންޑިގޯ އާއި އެއާ އިންޑިއާ އަދި ސްރީލަންކަން ހިމެނެ އެވެ. އަދި މި މަހުގެ ތެރޭގައި އިތުރު އެއާލައިންތައް ވެސް ރާއްޖެ އަށް ދަތުރުފަށާނެ އެވެ. އެގޮތުން ރަޝިއާގެ އެންމެ ބޮޑު އެއާލައިން އެއިރޯފްލޮޓުގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށަން ވަނީ ތާވަލު ކޮށްފަ އެވެ.

މިވަގުތު ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން އަންނަނީ ރިސޯޓުތަކާއި ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ގެސްޓްހައުސްތަކުންނެވެ. ނަމަވެސް އަންނަ މަހު އަތޮޅު ތެރޭގެ ގެސްޓް ހައުސްތައް ހުޅުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މީގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އެއާޕޯޓުގެ ޓްރެފިކް އިތުރަށް ރަނގަޅުވާން ފަށާނެ އެވެ.