Roadha Mihaaru
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކުރަން ޕީޖީއަށް

މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއު އަށް ދައުވާކުރަން ޕީޖީއަށް

09 ސެޕްޓެމްބަރ 2020

މާލެ ޕްލޭނިންގެ ގަވާއިދާ ހިލާފަށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި، މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ޕްލޭނިންގެ ގަވާއިދާ ހިލާފަށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި، މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރަތްކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަކަށްކަން ލިޔުންތަކުން އެނގެން އޮތް ނަމަވެސް އެ ބިމުގައި 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި ސުޖާއު ސޮއިކޮށް "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އާއި "އިމާރަތްކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށެވެ.

އެ ބިމުގައި އިމާރާތްކުރުމުގެ ހުއްދަ ދީފައިވަނީ، އޭސީސީން ބުނިގޮތުގައި، ބިމުގައި "ހަތަރު ބުރިއަށް އިމާރާތްކުރުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަދީފައިވާ ކަމަށް" ޖެނުއަރީ 14، 2014 ގައި ޝުޖާއު ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށެވެ. ނަމަވެސް އެ ބިމުގައި އިމާރާތްކުރުމަށް އެފަދަ ހުއްދައެއް ދީފައިނުވާ ކަމާއި އެއީ މާލެ ޕްލޭނިންގެ ގަވާއިދުގައިވާ ގޮތުން އެ ބިމުގައި އިމާރާތްކުރެވޭ އުސްމިނަށް ވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ އިބްރާހިމް ޝުޖާއު ސޮއިކޮށްފައިވާ ލިޔުމެއްކަން ތަހުގީގަށް އެނގޭ ކަމަށް ބުންޏެވެ.

"އެހެންކަމުން، އެ ބިމުގައި ހަތަރު ބުރިއަށް އިމާރަތްކުރުމަށް 1995 ވަނަ އަހަރު ހުއްދަދީފައިވާ ކަމަށް ބުނެ ލިޔުމެއް ދޫކޮށް، މާލެ ޕްލޭނިން ގަވައިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދަދީފައިވަނީ އިބްރާހިމް ޝުޖާއު އަށް އެނގިހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއް ނެތް މިންވަރަށް މި ކޮމިޝަންގެ ތަހުގީގަށް ސާބިތުކުރެވޭތީ އިބްރާހިމް ޝުޖާއުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ފޮނުވުމަށް ނިންމީ އެވެ،" އޭސީސީން ބުންޏެވެ.

ކައުންސިލްގެ އެހެން މެމްބަރުންގެ މަޝްވަރާއެއް ނެތި، ޕަބްލިކް ފާހަނާތަކެއް ކުއްޔަށް ދިން މުއްދަތު އިތުރުކުރި މައްސަލައެއްގައި ވެސް ޝުޖާއުގެ މައްޗަށް ދައުވާކުރުމަށް 2014 ވަނަ އަހަރު ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރި ކަމެއް ސާފެއްނުވެ އެވެ.