Roadha Mihaaru
އިންޑިއާ-ޗައިނާ އިން ފަހަތަށް ޖެހި، ހަމަ ނޭވާއަކަށް

އިންޑިއާ-ޗައިނާ އިން ފަހަތަށް ޖެހި، ހަމަ ނޭވާއަކަށް

12 ސެޕްޓެމްބަރ 2020

ހިމާލިޔާ ސަރަހައްދުގައި އިންޑިއާ އާއި ޗައިނާ ސިފައިންގެ ކުރިމަތިލުންތަކުން އުފެދުނު ނުތަނަވަސްކަން، ސިފައިން ފަހަތަށް ޖައްސަން ދެ ގައުމުން ނިންމުމުން، މި ވަގުތަށް ފިލައި، ހަމަ ނޭވާއެއް ލެވެން ފަށައިފި އެވެ.

ހިމާލިޔާ ސަރަހައްދުގައި އިންޑިއާ އާއި ޗައިނާ ސިފައިންގެ ކުރިމަތިލުންތަކުން އުފެދުނު ނުތަނަވަސްކަން، ސިފައިން ފަހަތަށް ޖައްސަން ދެ ގައުމުން ނިންމުމުން، މި ވަގުތަށް ފިލައި، ހަމަ ނޭވާއެއް ލެވެން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު، އަދި ނިއުކްލިއަ ހަތިޔާރު ވެސް ހުރި ދެ ބާރުގެ މި ކުއްލި ނިންމުމުން، ބައެއް މީހުންނަށް ހައިރާންކަން ވެސް ލިބުނެވެ. އެކަމަކު ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ މަޝްވަރާތަކަށް ފަހު މިހާރު އިއުލާންކޮށްފައި ވަނީ ހަމަލާތަކުން ދެ ގައުމުގެ ސިފައިން ވެސް އެއްކިބާ ވެއްޖެ ކަމަށެވެ.

އެ ނިންމުން އާންމުކުރީ، އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖައިޝަންކަރާއި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ، ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

އިންސާނުންނަށް އާންމުކޮށް އުޅެން ވެސް އުނދަގޫ، ފަރުބަދަމަތީ ސަރަހައްދުގައި އޮންނަ ދެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރީގައި މި ފަހުން ގެންދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. ކޮންމެ ގައުމަކުން ވެސް ބުނަނީ އެ ގައުމެއްގެ ބިން ހިމާޔަތްކުރާނެ ކަމަށެވެ.

ސަރަހައްދީ ރޮނގާ މެދު ދެ ގައުމުގެ ހިޔާލު ވެސް ތަފާތެވެ. އަދި މިއީ ހައްލުކުރަން ވެސް އުނދަގޫ މައްސަލައެކެވެ. ހަނގުރާމައަކަށް ދާން ޖެހުނަސް ދެ ގައުމުން ތައްޔާރެވެ. އެކަމަކު ތަޖުރިބާކާރުން ބުނާ ގޮތުގައި ކުޑަކުޑަ ހަނގުރާމައަކީ ވެސް، މި މައްސަލައިގެ ހައްލެއް ނޫނެވެ.

"ދެ ގައުމާއި މުޅި ސަރަހައްދަށް ވެސް އޭގެ ނުރައްކާ ބޮޑުވާނެ. ހަނގުރާމައަކަށް ދެވޭ ވަރަށް ވުރެ އިގުތިސާދީ ހަލާކު ވެސް މާ ބޮޑު،" ވިލްސަން ސެންޓަރުގެ ތަޖުރިބާކާރެއް ކަމަށްވާ މައިކަލް ކުގެލްމެން ވިދާޅުވި އެވެ.

ޖައިޝަންކަރަކީ މި މައްސަލަ ފިނިކުރަން ލިބުނު އެހީއެކެވެ. ޗައިނާގައި ހުންނަވާ އިންޑިއާގެ އެމްބެސަޑަރުކަން އެތައް އަހަރެއް ވަންދެން އޭނާ ކުރައްވާފައިވެ އެވެ. އެ ތަޖުރިބާއަކީ، ދެ ގައުމުގެ ހޫނުގަނޑު މައިތިރިކުރަން ދެ ގައުމަށް ވެސް އޮތް އެހީއެއް ކަމަށް ބެލެވެ އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި އަސްކަރީ ހަރަކާތްތައް ހުއްޓާލަން ދެ ގައުމުން އެއްބަސްވުމުގައި، މޫސުމީ ސަބަބެއް ވެސް އެބަ އޮތެވެ. އެއީ ފިނިމޫސުމުގައި އިންސާނުންނަށް ކެތްކުރަން ފަސޭހަ ސަރަހައްދަކަށް އެހިސާބު ނުބުމެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާގެ ސިފައިންގެ މަގާމުތައް ރަނގަޅަށް ފެންނާނެ، އަދި ހަމަލާދެވޭނެ ފަދަ ސަރަހައްދުތަކެއް މިފަހުން އިންޑިއާ ސިފައިން ވަނީ ހިފައިފަ އެވެ. އެއީ ތެދެއް ނަމަ، ހަމަލާތައް މެދުކަނޑާލަން ޗައިނާއަށް ވެސް މަޖުބޫރުވެދާނެ ކާމިޔާބީއަކަށް އެކަން ވުން ގާތެވެ.

ދެން ވެސް ގިނަ ސަބަބުތަކެއް އެބަ ހުރި ކަމަށް، ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އިންޑިއާގައި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ދަނީ ފެތުރެމުންނެވެ. އޭގެ ސަބަބުން އިގުތިސާދީ ގޮތުން ވަރަށް ބޮޑު ވަޅުގަނޑަކަށް ވަނީ ވެއްޓިފަ އެވެ.

ޗައިނާއަށް ސަރަހައްދީ ރޮނގުގެ ހަނގުރާމައަކަށް ދާން އުނދަގޫވަނީ، ހޮންގް ކޮންގްގެ މައްސަލާގައި އެމެރިކާ ފަދަ ގައުމުތަކާ ދެކޮޅަށް ތެދުވަން ޖެހުމުންނެވެ. އެހެންކަމުން މިއީ ދެ ގައުމަށް ވެސް އަސްކަރީ ކުރިމަތިލުންތަކަކަށް ވަގުތު ހޭދަކުރެވެން ނެތް ހާލަތުތަކެއް ކަމަށް، ބައިނަލްއަގުވާމީ މައްސަލަތައް ދިރާސާކުރާ މީހުން ބުނެ އެވެ.