Roadha Mihaaru
ސުޕަ މެޖޯރިޓީ އޮވެ ރައީސްގެ ކަންބޮޑުވުންތަކެއް!

ރައީސާއި މެމްބަރުންގެ ބައްދަލުވުން: މެޖޯރިޓީ އޮތަސް ކަންބޮޑުވުންތަކެއް!

13 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަފުތާ އިން ފެށިގެން ކުރައްވާ މަޝްވަރާތަކުގައި މައިގަނޑު އެއް ކަންބޮޑުވުމަކީ 65 ގޮނޑިއާ އެކު މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮވެ ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި މަޖިލީހުގެ އެއްބާރުލުން ނުލިބުން ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިދިޔަ ހަފުތާ އިން ފެށިގެން ކުރައްވާ މަޝްވަރާތަކުގައި މައިގަނޑު އެއް ކަންބޮޑުވުމަކީ 65 ގޮނޑިއާ އެކު މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮވެ ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި މަޖިލީހުގެ އެއްބާރުލުން ނުލިބުން ކަން "މިހާރު"އަށް އެނގިއްޖެ އެވެ.

މަޖިލީހުގެ މެމްބަރުންނާ މުލީއާގޭގައި ރައީސް ބައްދަލުކުރައްވަމުން ގެންދަވަނީ، ކެބިނެޓުގައި އެ މަނިކުފާނު އެންމެ އިތުބާރު ކުރައްވާ އަދި އެންމެ ނުފޫޒު ގަދަ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރިއަށް ފައްޓަވާފައި ވަނިކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި ކުޑައިރުގެ ރަހުމަތްތެރިޔާ ނަޝީދު ގެންދަވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް މެމްބަރުންގެ ސޮއި ހޯއްދެވުމުގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރުހުން ވެސް އެ މަސައްކަތުގައި ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ރައީސް ފާޅުގައި ވިދާޅުވެފައި ވަނިކޮށް، ނަޝީދު ވަނީ ފައްޔާޒު މަގާމުން އެކެހެރިވެވަޑައިގަތުމަށް ދަންނަވައިފަ އެވެ. އެކަމަށް އިންކާރު ކުރައްވައި ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅު ނުވާ ކަމެއްގައި އެ މަނިކުފާނު ދޫދެއްވަން ތައްޔާރެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި މި "ފައިޓް" ބޮޑުވަމުން ދަނިކޮށް ރައީސް ގެންދަވަނީ، އެ މަނިކުފާނުގެ ވިސްނުންފުޅާއި ބައެއް ކަންކަމުގައި އުފުއްލަވަން ޖެހިވަޑައިގަންނަވާ އުނދަގޫތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރައްވަމުންނެވެ. މެމްބަރުންނާ ބައްދަލުކުރައްވަނީ ސީދާ ފައްޔާޒުގެ ވޯޓާ ގުޅިގެން ކަަމަށް ވިދާޅު ނުވިޔަސް ފަހަރަކު ހަތެއް ނުވަތަ 10 މެމްބަރުން މުލީއާގެ އަށް ގެންދަވައި، އެ މަނިކުފާނުގެ ވިސްނުންފުޅު ސާފުކޮށް ވިދާޅުވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ ވެސް މިފަދަ ބައްދަލުވުމެއް ރައީސް ވަކިވަކިން ބޭއްވެވި އެވެ.

އެމްޑީޕީގެ ކޮންފަރެންސެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ކޮންފަރެންސެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެއް މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކުރައްވައި "މިހާރު"އަށް ވިދާޅުވީ 2008 ގައި އިންތިޚާބުވި އެމްޑީޕީގެ ވެރިކަމުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވިއިރު ހުރިހާ ކަމެއްގައި ވެސް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ތިން އަހަރުން 2012 ގައި ނިމުނު އެ ވެރިކަމުގައި ރައީސަކީ ނަޝީދެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގަތް ވައުދު ފުއްދެވުމަށް ރައްޔިތުން އެމްޑީޕީ އަށް 65 ގޮނޑިއާ އެކު ދިން ސުޕަ މެޖޯރިޓީން އެ މަނިކުފާނަށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވައިގެން ހުންނެވިޔަސް އުނދަގޫ ހާލަތްތައް މެދުވެރިވާ ކަމަށް ރައީސް މެމްބަރުންނަށް ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ ބައެއް ކަންކަމަށް މަޖިލީހުން ހުރަސްތަކެއް ނުވަތަ އެ ހުށަހަޅާ ގޮތާ ޚިލާފަށް ނިމިގެންދާ ކަން ރައީސް އެ ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ކަމެއް ކުރިއަށް ގެންދަވަން ވޯޓު ދެއްވާނެ ކަމަށް އެއްބަސްވެވަޑައިގަންނަވާ ބައެއް މެމްބަރުން ވޯޓުގައި ތަފާތު ވިސްނުމެއް ގެންގުޅުއްވާތީ ވެސް ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެމްބަރުންނާ އެކު ވެސް އޭރު ސަރުކާރުން ކުރަން ޖެހުނު ކަންކަމުގައި އެއްބާރުލުން ދެއްވި ކަމަށް [ރައީސް] ވިދާޅުވި. ބައެއް ކަންކަމުގައި ސަރުކާރާ ނުޖައްސައި އިދިކޮޅާ ވާހަކަ ދައްކަވައިގެން ރުހުން ހޯދައި ވެސް ކަންތައްތައް ކޮށްދެއްވި ކަމަށް ވިދާޅުވި. އެކަމަކު، އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލިހުން މި ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި އެއްބާރުލުން ނުލިބޭ ކަމުގެ ކަންބޮޑުވުން ރައީސްގެ އޮތް،" މެމްބަރު ވިދާޅުވި އެވެ.

"އެއް ކަމަކަށް ފާހަގަކުރެއްވީ މި އަހަރުގެ ބަޖެޓް. ކަމެއް ފާސްކޮށްދޭނަމޭ ބައެއް މެމްބަރުން ވިދާޅުވެފައި އެއާ ދެކޮޅަށް ވޯޓު އަޅާފައިވާ ކަމަށް ވެސް ވިދާޅުވި. އެހެންވިޔަސް އެއްވެސް ދާއިރާއެއް ތަފާތެއް ނުކުރައްވާނަމޭ ވިދާޅުވި. ޕީޕީއެމްގެ މެމްބަރަކު ހުންވާ ދާއިރާއަކަަސް އެ ދާއިރާގެ ރައްޔިތުންނާ މެދު ތަފާތެއް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި."

މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލަ އަށް އިޝާރާތް ކުރައްވައި "ޕާޓީ ބައިބައިވުމަކީ މޮޅެއް ނޫނޭ ރައީސް ވިދާޅުވި" ކަމަށް މެމްބަރު ވިދާޅުވި އެވެ. އެމްޑީޕީގައި ބައިބައިވުން އޮތުމަކީ ޕާޓީ އަށް ގެއްލުން ލިބުމުގެ އިތުރުން އިދިކޮޅު ހަރަކާތްތަކުގައި ލިބޭ ހިތްވަރެއް ކަމުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެތެރެ ބައިބައިވާ ނަމަ އޭގެ ފައިދާ އިދިކޮޅުން ނަގާނެ ކަމުގެ ކަންބޮޑުވުން ރައީސްގެ އޮތް. އެ އަށް ޖާގަ ނުދޭން އެދިވަޑައިގެންނެވި،" ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް ކަންކަމާ ގުޅުވައި މީގެ ކުރިން ވެސް ރައީސް މެމްބަރުންނާ ބައްދަލުކުރައްވަ އެވެ. އެކަމަކު، މިގޮތަށް މިހާ ގިނަ މެމްބަރުންނާ ރައީސް ބައްދަލު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ކަނޑައަޅާނެ ބޭފުޅަކާ ދޭތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އެވެ. މަޖިލީހުގެ ރައީސަކަށް ގެންނަވަން ރައީސް ބޭނުންފުޅުވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެކަމަކު ރައީސަކަށް ނަޝީދުގެ ބޭނުންފުޅުވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި އޮތް ހިޔާލުތަފާތުވުން ނުނިމި ފަހު ވަގުތު އެއްބަސްވެވުނީ މަޖިލީހުގެ ރައީސަކަށް ނަޝީދު ހަމަޖެއްސުވުމަށެވެ.

މި ވޯޓަށް ފަހު، ރައީސާއި މަޖިލީހުގެ ރައީސް ނަޝީދުގެ ހިޔާލުތަފާތުވުން އެންމެ ބޮޑަށް މި ފެންނަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގަ އެވެ. މިކަމުގައި، ކުރި ހޯއްދަވަން މަޖިލީސް މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ ވެސް ދެ ބޭފުޅުންނަށް މުހިއްމެވެ.