Roadha Mihaaru
ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ

ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ

12 އޯގަސްޓް 2020

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، މަޖިލީހަށް ވައްދަން އުޅުއްވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީީން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، މަޖިލީހަށް ވައްދަން އުޅުއްވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީީން މިރޭ ބުނެފި އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން، އެ ޕާޓީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނެވި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ ވޯޓު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހޯއްދެވުމުގައި އަމަލީ ގޮތުން އުޅުއްވަނީ ނަޝީދެވެ.

ފައްޔާޒުގެ އިތުބާރު ނެތް މައްސަލައިގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ސްޓޭންޑަކީ ކޮބައިތޯ ޖޭޕީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން، އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ ޖޭޕީން އަބަދު ވެސް މަސައްކަތް ކުރަނީ މި ވެރިކަން ދަމަހައްޓަން ކަމަށެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްޕުޅަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖޭޕީގެ އެއްވެސް ލެވެލްއެއްގައި މިހާތަނަށް މަޝްވަރާކޮށްފައެއް ނުވެ އެވެ. އެ ކަމުގައި ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބަހެއް އޮތްނަމަ އެކަން ހާމަކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އޮވޭ. ކަމެއް ގޯހިއްޔާ އެކަމެއް އަބަދު ވެސް ހާމަކުރާނަން،" ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު ވިދާޅުވި އެވެ.

ފައްޔާޒާ ދެކޮޅަށް ނަޝީދު އިސްވެ ނުކުންނެވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. އިތުބާރު ނެތްކަމަށް ހުށަހަޅަން ބޭނުންވާ ލިޔުމުގައި އޮތީ އެމްޑީޕީގެ ވައުދުތައް އޭނާ އަށް ފުއްދައި ނުދެއްވޭތީ އިތުބާރު ގެއްލުނީ ކަމަށެވެ.

"މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި ގޮތުގައި ފައްޔާޒު ބޭރުކުރަން ދެކޮޅު ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ސީދާ ނަޝީދަށް ދެންނެވި އެވެ. ސަބަބެއް ކަމަށް އެ ބޭފުޅުން ދެންނެވީ، އެއީ އަމިއްލަ ޕާޓީގެ ވަޒީރަކަށް ވެފައި، ފައްޔާޒާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށައިފި ނަމަ މަސްލަހަތު ގެއްލި، އެތެރޭގެ ހަމަނުޖެހުމާއި ހިޔާލު ތަފާތުވުންތައް ބޮޑުވާނެތީ އެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވަން ވެސް ފައްޓަވައިފަ އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓުވީޓުގައި ވިދާޅުވީ، ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި ވަޒީރު ކަމަށާއި އޭނާ އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފައްޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ، މި ސަރުކާރުގައި ހުންނަވައިގެން އިތުބާރު ގެއްލޭ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި މިހާތަނަށް ވެސް މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހުރިހާ ކަމެއް މި ކުރަނީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރަން. އަޅުގަނޑު ހީކޮށްގެން މި ހުރީ ވަރަށް ރަނގަޅަށޭ އަޅުގަނޑަށް މަސައްކަތް މި ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.