Roadha Mihaaru
އިއުތިރާފުވާން މަޖުބޫރެއް ނުކުރޭ: އަދީބު

އިއުތިރާފުވާން މަޖުބޫރެއް ނުކުރޭ، މައްސަލަ އަލުން ބަލަންޖެހޭ: އަދީބު

15 ސެޕްޓެމްބަރ 2020

ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް މަޖުބޫރީ ހާލަތެއް ކުރިމަތިިވެފައި ނެތް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އެ ކޯޓުން އަލުން ބަލަންޖެހޭ ކަމަށް އަދީބު ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް މަޖުބޫރީ ހާލަތެއް ކުރިމަތިިވެފައި ނެތް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އެ ކޯޓުން އަލުން ބަލަންޖެހޭ ކަމަށް އަދީބު ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަތައް ބޭރުކޮށްލުމުގެ އެއް ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކުރީ އަދީބާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތުން ހެދީ ގޯސްކޮށް ކަމަށް ބުނެ އެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

އެ މައްސަލައިގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އަދީބު ކުރިން ހައި ކޯޓުގައި އެދިވަޑައިގަތަސް އޭނާ ފަހުން ނިންމެވީ ވަކީލަކާ ނުލައި އެ މައްސަލަ ކުރިއަށް ގެންދެވުމަށެވެ. އެހެންވެ، ހައި ކޯޓުގައި މިއަދު އޭނާ ވާހަކަ ދެއްކެވީ އަމިއްލަފުޅަށެވެ.

އަދީބު ވިދާޅުވީ، އެ މައްސަލައިގައި އޭނާގެ ފަރާތުން ދެއްވާނެ ރައްދެއް ނެތް ކަމަށާއި އެއީ މައުޟޫއީ ގޮތުން ދަށު ކްރިމިނަލް ކޯޓުން ބަލަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެ މައްސަލަ އެ ކޯޓުން ބޭރުކޮށްލީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައި އޭނާގެ ވަކީލު ވެސް އެހެން ތަނެއްގައި ހުރެގެން އަޑުއެހުމުގައި ބައިވެރިވެގެން ކަމަށް ވާތީ، އެ މަޖިލީހުގައި ދެއްކެވުނު ވާހަކަތައް މާ ރަނގަޅަށް އެނގިވަޑައިނުގަތް ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގަބޫލު ކުރަނީ މިއީ މައުޟޫއީ ގޮތުން ބަލައި ނިންމަންޖެހޭ މައްސަލައެއް. އެއީ އަޅުގަނޑު އެދޭ ގޮތަކީ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިިކުރެއްވީ މަޖުބޫރު ކޮށްގެން ކަމަށް ކޯޓުގެ ނިންމުމުގައި އޮތަސް، އެފަދަ އެއްވެސް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ނުވާ ކަމަށެވެ. ތަހުގީގަށް އެއްބާރުލުން ދޭން އިސްވެ ހުށަހެޅުއްވީ ވެސް އަމިއްލަފުޅަށް ކަމަށާއި މިހާރު ވެސް ހުންނެވީ އެގޮތުގައި ކަމަށް އަދީބު ވިދާޅުވި އެވެ. އެ ނޫން ގޮތަކަށް ދޭހަވާ ފަދައަކުން ވާހަކަ ދެއްކެވިފައިވާ ނަމަ އެ ވާހަކަފުޅުތައް އަނބުރާ ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"މިކަމުގައި އިންސާފު ގާއިމު ކުރަންޖެހޭ. މަންފާ ލިބުނު އެތައް ބަޔަކު އެބަ ތިބި. އަޅުގަނޑު މިހާރު ދެނީ އެއްބާރުލުން ދެމުން،" އަދީބު ވިދާޅުވި އެވެ.

ހައި ކޯޓުގައި އެގޮތަށް ވާހަކަފުޅު ދައްކަވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ އެފަދަ މަޖުބޫރު ކަމެއް ނެތް ކަމަށެވެ.

އެ އަޑުއެހުމުގައި ދައުލަތުން ބުނީ ކުށަށް އިއުތިރާފު ވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމާ ބެހޭގޮތުން އަދީބާ އެކު ދައުލަތުން އެއްބަސްވުން ނެހެދޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށާއި އެފަދަ އެއްބަސްވުންތައް ހެދިދާނެ ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ބާރު ގާނޫނުން ލިބިދޭއިރު، އެ އެއްބަސްވުމާ ހަމައަށް ވާސިލްވުމަށްޓަކައި ތަހުގީގަށް އެއްބާރުލުން ދޭން އިތުރު އެއްބަސްވުމެއް ހެދުން މަނާކުރާ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

އަދީބާ އެކު ދައުލަތުން ހެދި އެއްބަސްވުން ގޯސް ކަމަށް ކްރިމިނަލް ކޯޓުން ނިންމި އަނެއް ސަބަބަކީ އެ އެއްބަސްވުން ހެދީ އަދީބު ޖަލުގައި ހުންނަވަނިކޮށް، އޭނާ އަށް ބޭސްފަރުވާ ދޭން ޝަރުތުކޮށް ކަމަށް ވެފައި، ގައިދީންގެ ބޭސްފަރުވާގެ ކަންކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުުގެ ދަށުން ވަކި ނިޒާމެއްގެ ތެރެއިން އޮންނަ ކަމަކަށް ވާތީ އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ނޫން ކަމަށް ބުނެ އެވެ.

އެ ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާއެއް ކަމަށް ވުމުގެ އިތުރުން، ގައިދީންނަށް ވަކީލުންނާއި ބޭސްފަރުވާގެ ކަންކަން ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކޯޓުތަކުން އަންގަމުންދާ ދިއުމަކީ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަން ޕްރޮސެކިއުޓާ ޖެނެރަލްގެ ޒިންމާ އޮންނާނެ ކަމުގެ ދަލީލެއް ކަމަށެވެ. އެހެންވެ، އަދީބަށް ބޭސްފަރުވާ ދޭން ޝަރުތުުކޮށް އެއްބަސްވުމުން ހެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ނޯންނާނެ ކަމަށް ބުނާ ބުނުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ބޭސްފަރުވާއަށް ފޮނުވަން ޝަރުތު ކުރުމަކީ ވަކި ގޮތަކަށް ބަޔާން ދިނުމަށް އަދީބަށް މަޖުބޫރުވީ ސަބަބެއް ކަމަށް ބެލެވޭނެ ގޮތެއް ނެތް ކަމަށެވެ. ބޭސްފަރުވާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ފަހު ވެސް އަދީބު ތަހުގީގަށް ބަޔާން ދެއްވާފައިވާ ކަމަށާއި އަދި ވަކި ގޮތަކަށް ބަޔާން ދިނުމަށް މަޖުބޫރު ކުރިކަމުގެ އެއްވެސް ޝަކުވާއެއް އަދީބު ކުރައްވާފައި ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއީ ޓޯޗާގެ އަމަލެއް ކަމަށް ދަށު ކޯޓުން ނިންމީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ޖިނާއީ އިޖްރައާތު ގާނޫނުގައި ބަޔާން ކުރާ ދައުވާ ކުރުމުގެ މުއްދަތު އެ މައްސަލަތަކުގައި ހަމަވެފައިވާ ކްރިމިނަލް ކޯޓުން ނިންމިިޔަސް، އެ މުއްދަތު ހަމަވުމުގެ ކުރިން އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އޮކްޓޫބަރު 2019 ހަމަވުމުގެ ކުރިން ސެޕްޓެމްބަރު، 2019 ގައި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އަދީބުގެ އިއުތިރާފު އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ނިންމިޔަސް، އަދީބާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަށް ފުރުސަތު ދޭން ޖެހޭނެ އެވެ. އެކަމަކު އެ ފުރުސަތު ދަށު ކޯޓުން ދީފައި ނުވާ ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެ ހާލަތުގައި އިއުތިރާފު އަނބުރާ ގެންދިއުމުގެ ފުރުސަތާއި ތަހުގީގު އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް ދޭންޖެހޭއިރު އެ ފުރުސަތު ދީފައި ނެތް ކަމަށް ބުންޏެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.

އެ މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ހައި ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.